ދީބާޖާއަށް ދެވޭނެ އަދުލުވެރި ބަދަލަކީ ކޮބައިކަން ބަންޑާރަ ނައިބަށް ވިދާޅެއް ނުވެވުނު

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރު ޕްރޮވިންސުގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއަށް ހަވާލުކުރި އެއްބަސްވުން އުވާލުމުން އެކުންފުންޏަށް ދޭން ނިންމި ގެއްލުމުގެ ބަދަލަކީ އެންމެ އަދުލުވެރި ބަދަލުކަން ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީއަށް މިއަދު ވަޑައިގެން ރިއްފަތު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށް، އެކަން ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވަނިކޮށް އޭގެ ދެބައިކުޅަ އެއްބައި ހޯދަން އެކުންފުނިން އެއްބަސްވުމުން އެ މައްސަލާގައި ދައުލަތަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށެވެ.

އެއީ އަދުލުވެރި ބަދަލެއް ތޯއާއި އަދުލުވެރި ބަދަލަކަށް ވާނީ އެއަށްވުރެ ގިނައިން ނުވަތަ މަދުން ފައިސާ ދިނުމުން ތޯ ކޮމިޓީގައި ހުންނެވި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ކުރެއްވި ސުވާލަށް ބަންޑާރަ ނައިބު ދެއްވީ ނުސީދާ ޖަވާބެކެވެ.

"348 މިލިއަނަށްވުރެ 174 މިލިއަން ބޮޑު ތަނުން ރަނގަޅު. އެއީ ހަމަ ރައްޔިތުންނަށް، ރައްޔިތުންގެ އަތުން ދާން ޖެހޭ އެތައް މިލިއަން ރުފިޔާ ސޭވް ކޮށްލެވެނީ. 348 މިލިއަން ރުފިޔާ އެ އޮތީ ރާއްޖޭގެ އެންމެ މަތީ ކޯޓުން ކޮށްފައި އޮންނަ ހުކުމެއްގައި، ފައިސާ ދައްކަން ޖެހޭނެ ކަމަށް ސަރުކާރުގެ މައްޗަށް ކަނޑައަޅާފައި. އޭގެ ބަދަލުގައި 174 މިލިއަން ދައްކަން ޖެހުމަކީ ބޮޑުތަނުން އެކަން ކުޑަވުން." ރިއްފަތު ވިދާޅުވި އެވެ.

މެމްބަރު ފަޒުލް އެ ސުވާލު ތަކުރާރު ކުރެއްވުމުން ވެސް އެ ސުވާލަށް ރިއްފަތު ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ، 348 މިލިއަން ރުފިޔާއަށްވުރެ 174 މިލިއަން ރުފިޔާ ރަނގަޅު ވާނެ ކަމަށެވެ.

ދީބާޖާ އިންވެސްޓްމެންޑްއަށް ބަދަލު ދިނުމަށް ނިންމި މައްސަލައިގައި އެޓާނީ ޖެނެރަލް ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ދަށު ކޯޓުން ހުކުމް ކުރި އަދަދު ކުޑަ ކުރުމަށްޓަކައި ސެޓްލްމަންޓް ކޮމިޓީން މަސައްކަތްތަކެއް ކުރެވުނު ކަމަށް ރިއްފަތު ވިދާޅުވި އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ހެދި އެސެސްމަންޓުން ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ފެނުނީ 123 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ހުށަހެޅުން ދީބާޖާއިން ގަބޫލު ނުކުރާ ކަމަށާއި ކައުންޓާ އޮފާއެއްގެ ގޮތުގައި އެކުންފުނިން 243 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި ކަމަށް ރިއްފަތު ވިދާޅުވި އެވެ.

ދީބާޖާގެ އެ ހުށަހެޅުން ސެޓްލްމަންޓް ކޮމިޓީން ގަބޫލު ނުކޮށް، އެކަން ރައީސްއަށް ދެންނެވިއިރު، ދީބާޖާއިން އެ ނިންމުމާ ގުޅިގެން އިތުރު ވަގުތު ދޭން އެދުނު ކަމަށާއި 174 މިލިއަން ރުފިޔާއަކީ ފަހުން އެކުންފުނިން ހުށަހެޅި އަދަދެއް ކަމަށް ރިއްފަތު ވިދާޅުވި އެވެ.

މައްސަލަ ހިނގައިދިޔަ ގޮތް

ދީބާޖާ މައްސަލާގައި ދަށު ކޯޓުން ނިންމީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށާއި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން އެކުންފުންޏަށް ދޭން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މައްސަލަތައް އިސްތިއުނާފު ކުރަން އޭރު ކަނޑައަޅާފައިވާ މުއްދަތު ކަމަށްވާ 90 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމަށްފަހު ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށްފަ އެވެ.

ހައިކޯޓުގެ އެ ނިންމުން ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުން އިސްތިއުނާފުގެ މައްސަލަ ބަލައިގަތީ އެކަން ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށްވުމާއެކު ހައިކޯޓުގެ ނިންމުން ބާތިލުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރައްވާނެ ކަމަށް މީގެ ކުރިން ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި ނަމަވެސް، ފަހުން ހުންނެވީ އެކަން ކުރައްވާ ގޮތަކަށް ނޫނެވެ.

ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރިޔަސް، ދައުލަތުން ދައްކަން ޖެހޭ އަދަދު އިތުރަށް ލުއިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް