ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ. ބިލް ބަލައިގަތުމަށް 68 މެންބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް ތިން މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
އެ ބިލް ބަލައިގެނަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީއަށެވެ.
އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެކެވެ.
ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ބިލުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަދި އެ އޮފީހުން ބަލާ މައްސަލައެއްގައި، ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު އެ އޮފީހަށް މި ގާނޫނުގައި ލިބިދީފައިވެއެވެ.
އަދި ބަދަލުގެ ގޮތުގައި މާލީ ބަދަލާއި މާލީ ނޫން ބަދަލު ނަގައިދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ. މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު ފަރާތަށް ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމުގެ ބަދެލެވެ.
އަދި ވަޒީފާއެއް އަދާކުރަމުން ދިޔަ މީހަކަށް ވެފައި، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން، ވަޒީފާ އަދާނުކުރެވިދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު، ނުވަތަ އެ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލެއް ދެވިދާނެ ކަމަށް ބިލުގައި ބުނެއެވެ.
ހަމައެއާއެކު ލިބުނު އަނިޔާއަށް ފަރުވާ ހޯދައި، އެ އަނިޔާއިން ލިބުނު ގެއްލުމުން މިންޖުވުމަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރި ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ބަދަލު ވެސް އެ އޮފީހަށް ނަގައިދެވޭނެއެވެ.
މާލީ ނޫން ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ބަދަލުކަމަށް ބިލުގައި ބުނެފައި ވަނީ ލިބުނު އަނުޔާގެ ސަބަބުން މާއްދީގޮތުން ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލާއި، ލިބުނު އަނިޔާގައި ގުނަވަނެއް ނެތިދިއުމުން ނުވަތަ މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި އެކަމުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވާ ހުރަހުގެ ބަދަލާއި، ލިބުނު ގެއްލުމުގެ ސަބަބުން ވަޒީފާއެއް ލިބުމަށް ނުވަތަ އަދާކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން ލިބުނު ގެއްލުމާއި ލިބުނު އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެވެ.
އަނިޔާ ލިބިފައިވާ ކަމަށް ގަބޫލުކުރާ ނަމަ، އޮމްބަޑްސްމަންގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގައި ހުށަހަޅާފައިވާ ހެއްކާއި އެ އޮފީހުން ހޯދާ ހެއްކަށް ރިއާޔަތް ކުރުމަށްފަހު އެއީ ކުށުގެ އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު މީހެއް ކަމަށް އެ އޮފީހަށް ފެނިއްޖެ ހިނދެއްގައި އެ އޮފީހުން އޭނާ އަށް ބަދަލު ދިނުމަށް ކަނޑައަޅަންވާނެ ކަމަށް ބިލުގައި ބުނެއެވެ.
އަނިޔާ ލިބުނު ފަރާތަށް ނަގައިދޭނީ ކޮން ބާވަތެއްގެ ބަދަލެއް އަދި ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ އޮމްބަޑްސްމަންގެ އޮފީހުން ކަމަށް ބިލުގައި ވެއެވެ.
އެގޮތުން ބަދަލު ނަގައިދެވޭނެ ދާއިރާއާއި ޝަރުތުތައް، ބަދަލު ދިނުމުގެ ކަންކަން ހަމަޖައްސައިދޭން ޖެހޭ އިދާރާ އަދި ވަގުތުން ވަގުތަށް ނަގައިދޭންޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލު އެ އޮފީހަށް ކަނޑައެޅިދާނެއެވެ.
ބަދަލު ނަގައިދިނުމުގައި، އަނިޔާ ލިބުނު ފަރާތުން އެދިފައިވާ ހުރިހާ ކަންކަމަށް ބަދަލުނަގައިދިނުމާއި، ބައެއް ކަންކަމަށް ބަދަލު ނަގައިނުދިނުމުގެ އިހްތިޔާރު އޮމްބަޑްސްމަންގެ އޮފީހަށް ބިލުން ލިބިދީފައިވެއެވެ.
ހަމައެއާއެކު ގާނޫނުގައި ބުނާ ބަދަލުގެ އިތުރުން ނުވަތަ އޭގެ ބަދަލުގައި، އަނިޔާ ލިބގޭ ފަރާތްތަކަށް އިތުރު ފަރުވާ ދިނުމަށް ވެސް އޮމްބަޑްސްމަންގެ އޮފީހަށް ކަނޑައެޅޭނެއެވެ. އެގޮތުން ކުރިން ހުރި ހާލަތަށް ރުޖޫއަކުރުމާއި، އިންސާނީ ހައްގަކާ ހިލާފަށް ހިންގަމުންދާ އަމަލު ހުއްޓުވުމާއި އަމަލު ހިންގި ފަރާތް ޖަވާބުދާރީ ކުރުވުމުގެ އިތުރުން މައާފަށް އެދުން ބިލުގައި ހިމަނާފައިވެއެވެ.
އެ ގާނޫނުން ހާސިލް ކުރަން ބޭނުން ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި، ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.