ގެފުޅުގެ އުރަކޮޅު ފެއްސެވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެލައްލައިފި

ގެފުޅުގެ އުރަކޮޅު ފެއްސެވުމުގައި މިނިސްޓަރު ޝާހިދު ---

ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ފެއްސެވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެލައްލައިފި އެވެ.

ޝާހިދު މިިއަދު ޓުވިޓާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފެންނަ ގޮތުގައި އޭނާ ގެފުޅުގެ އުރަކޮޅުގައިވާ އަކުރުތައް ވިޔުމުގައި އުޅުއްވާތަން ފެނެ އެވެ.

ޝާހިދު ވިދާޅުވީ އެ އުރަކޮޅަކީ އަަންނަ ޒުލްހިއްޖާމަހު ގެފުޅުގައި އަޅަން ހަމަޖެހިފައިވާ އުރަކޮޅެއް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު ސައުދީއަށް މިހާރު ކުރައްވާ ދަތުރަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއިސީ) ރަންޔޫބިލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރެކެވެ. އެ ދަތުރުފުޅުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުތައިމީން މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ އޯއައިސީގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ސޮއިކުރައްވާފަ އެވެ. އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އޯއައިސީގެ މެންބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯއައިސީގެ ދަށުން ހިންގާ ޖަމްއިއްޔާއެކެވެ.

comment ކޮމެންޓް