ދިވެހި މަސްވެރިންތަކަކަށް ފެނުނު ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

އަތުލައިގަތް މަސް ބޯޓު

ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ މަސްބޯޓެއް ފެނި، ދިވެހި މަސްވެރިންތަކެއް ގޮސް އެ ބޯޓު ހިފަހައްޓައިފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 11:25 ހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނީ، ދިވެހި މަސްވެރިން އެ ބޯޓު ހިފަހެއްޓީ ޏ. ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ކަމަށާއި ބޯޓު އަތުލައިގަތް އިރު ހަތް މީހަކު އެ ބޯޓުގައި ތިބި ކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ދޮށިމޭނާ" ވަނީ ހަރަކާތްތެރިވާން ފަށާފައި. މިބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށް،" އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ، އެގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި އެފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓު ކުރުމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ބޭރުގެ މަސް ބޯޓެއް މަސްވެރިން ހިފަހެއްޓިއިރު، މިދިޔަ ހަފްތާ ހުކުރު ދުވަހު ލަންކާގެ ހަތް މަސްބޯޓެއްވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަަރައްހަދުން އަތުލައިގެންފައެވެ.

comment ކޮމެންޓް