ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ގައުމީ ފެތުމުގެ މުބާރާތުން ހަތަރު ވަނަ ހޯއްދެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަނާއަށް މަރުހަބާ ދަންނަވައިފި އެވެ.
މިއަދުގެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑިއަށް ފަހު މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް ފެއްޓެވުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ ވަރަށް މުހިއްމު މައުލޫމާތެއް މެންބަރުންނަށް ހިއްސާކުރަން ޖެހޭ ކަމަށެވެ. އެއަށް ފަހު ރައީސް ނަޝީދު ވަނީ އަމީން އާންމުގެ ކާމިޔާބީ ފާހަގަ ކުރައްވައިފަ އެވެ.
"މިދިޔަ ހަފްތާގައި އަޅުގަނޑުމެންގެ އަމީން އާންމު ވަނީ 44 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ހަތަރުވަނަ ހޯއްދަވާފައި،" ރައީސް ނަޝީދު މިހެން ވިދާޅުވުމުން އަމީން އާންމަށް މަރުހަބާ ކިޔުމުގެ ގޮތުން މެންބަރުން އަތްތިލަބަޑި ޖެއްސެވި އެވެ.
މުބާރާތުގެ ބައެއް ސްޓްރޯކުތައް ފެނިލެއްވި ކަމަށާއި، ފޯވާޑް ސްޓްރޯކަށްވުރެ ބެކް ސްޓްރޯކު އަމީން އާންމު މާ ފުރިހަމައަށް ގެންދަވާކަމަށް ނަތީޖާ އިން ފާހަގަވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އަމީން އާންމަށް ވަރަށް ބޮޑަށް މަރުހަބާ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އަމީންއާންމު ވަނީ ފެތުމުގެ މުބާރާތުގެ 50 މީޓަރު ބެކްސްޓްރޯކު އިވެންޓާއި 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަ ކުރައްވައިފަ އެވެ.