"ފްރޯޒެން 2" ވަރުގަދަ ރެކޯޑުތައް މުގުރަން ފަށައިފި

ފްރޯޒެން 2ގެ ޕޯސްޓަރެއް ---

ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބި، ޑިޒްނީގެ ފްރޯޒެންގެ ދެވަނަ ބައި، ބޮޑެތި ރެކޯޑުތަކެއް މުގުރަން ފަށައިފި އެވެ.

ޑިޒްނީއިން ފްރޯޒެން 2 ދައްކަން ފަށާފައި ވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ. އެ އެނިމޭޓެޑް ފިލްމު ދައްކަން ފެށިތާ އަދި ހަފްތާއެއް ވެސް ނުވާ އިރު މިހާރު ވެސް ދަނީ ބޮޑެތި ރިކޯޑުތަކެއް މުގުރާ ވަރުގަދަ އާމްދަނީއެއް ހޯދަމުންނެވެ.

މިހާތަނަށް ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެނިމޭޓެޑް ފިލްމުގެ ރެކޯޑު ވަނީ އެ ފިލްމު މުގުރާލައިފަ އެވެ.

ޑިޒްނީއިން ބުނީ މިދިޔަ ހަފްތާ ބަންދުގައި އެކަނި ވެސް އެ ފިލްމަށް ވަނީ 358 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ކަމަށެވެ. މީގެ ކުރީން އެ ރެކޯޑު ހިފަހައްޓާފައި ވަނީ މި އަހަރު ޑިޒްނީގެ ޕިކްސާއިން ނެރުނު "ޓޯއި ސްޓޯރީ 4" އެވެ. އެ ފިލްމަށް ހަފްތާ ބަންދުގައި ވަނީ 240 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ފްރޯޒެންގެ ފުރަތަމަ ފިލްމު ވެސް ތަފާތު ގިނަ ރެކޯޑުތަކެއް ހަދާފައިވާ އިރު ދެވަނަ ފިލްމު އެ ރެކޯޑުތައް މުގުރާނެ ކަމަށް ބެލެވޭ ކަމަށް ޑިޒްނީއިން ބުނެ އެވެ.

ފްރޯޒެންގެ ފުރަތަމަ ފިލްމު ވަނީ 1.27 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

comment ކޮމެންޓް