ރާއްޖޭގެ ރަށް ތަކުގައި ކުޑަކުދިންނާއި "ކައިވެނި" ކޮށްގެން އުޅޭތޯ ބަލަނީ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އެއްވެސް ރަށެއްގައި އުމުރު ހަމަނުވާ ކުޑަކުދިންނާ 'ކައިވެނީ'ގެ ނަމުގައި ގުޅުން ހިންގާތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީން ނިންމައިފި އެވެ.

ކުޑަކުދިންނާއި ކައިވެނި ކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކުރާ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި، ރާއްޖޭގެ ހުރިހާ ރަށަކުން މައުލޫމާތު އެއްކުރުމަށް ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބްވެވަޑައިގަތް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު، މުގައްރިރުކަން ކުރައްވާ އެ ކޮމެޓީގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުން ވެސް ވަނީ ޖޭފޯގެ އެ ހުށަހެޅުމަށް ތާއިދު ކުރައްވާފަ އެވެ.

އެ ހުށަހެޅުން ފާސްވުމާއި އެކު ކޮމެޓީން ނިންމީ، ރާއްޖޭގެ އެއްވެސް ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނީގެ ނަމުގައި ގުޅުން ހިންގާ ނަމަ އެ މައުލޫމާތެއް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އެ ކޮމެޓީއަށް ފޮނުވުމަށެވެ.

އުމުރު ހަމަ ނުވާ ކުޑަކުދިންނާއި ކޯޓުން ބޭރުގައި ކައިވެނު ކުރާ މައްސަލަ ސަމާލު ކަމަށް އައިސްފައިވަނީ ދާދި ފަހުން ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކާއި 'ކައިވެނި' ކޮށްގެން އުޅޭ ކަން އެނގުމުންނެވެ. އަދި އެ ހާދިސާގައި ޒަހަމްވި މީހާގެ ދަރިއަކަށް އެ ކުއްޖާ ބަލިވެ އިނދެ ވަނީ ވިހާފަ އެވެ. އެ މައްސަލަ މިހާރު އަންނަނީ ފުލުހުންނާއި ޖެންޑާރ އިން ވެސް ތަހުގީގު ކުރުމުންނެވެ.

comment ކޮމެންޓް