19 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ކޮންގޯއަށް ވެއްޓި، 24 މަރު

ކޮންގޯގެ ގޯމާއަށް ވަނީ ކުޑަ މަތިންދާބޯޓެއް ވެއްޓިފަ -- ފޮޓޯ: ޓުވިޓާ

ގޯމާ (ނޮވެމްބަރު 24): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ގޯމާއަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގެ ސަބަބުން 24 މީހަކު މަރުވެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ރެސްކިއު ވޯކަރުން ބުނެފިއެވެ.

ކޮންގޯގެ ބިޒީ ބީ ކުންފުންޏަށް ނިސްބަތްވާ ޑޯނިއާ-228 މަރުކާގެ އެ މަތިންދާބޯޓު ވެއްޓުނީ ގޯމާ އެއާޕޯޓުން ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އޭރު އެބޯޓުގައި 17 ފަސިންޖަރުންނާއި ދެ ކުރޫ މެމްބަރުން ތިބިކަމަށް އެކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

ގޯމާ އެއާޕޯޓުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީގައިވާ ގޮތުން އެހާދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކު ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. އަދި ބޯޓު ވެއްޓުނީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށާއި މަރުވި މީހުންގެ ތެރޭގައި ބޯޓުގައި ތިބި މީހުން ނޫން އިތުރު މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުންޏެވެ.

އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ބޯޓު ވެއްޓުމުގެ ކުރިން އިންޖީނު މައްސަލަތައް ދިމާވިކަމަށް ބުނެފައެވެ.

ގޯމާގެ ރެސްކިއު ވޯކަރުން ދަނީ ބޯޓު ވެއްޓުނު ސަރަހައްދުން މީހުން ދުރުކޮށް، މަރުވި މީހުންގެ ހަށިގަނޑު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް