ސިޓީ، ލިވަޕޫލް އަތި ޓޮޓެންހަމް މޮޅުވި އިރު އާސެނަލް އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ސިޓީ --- ފޮޓޯ// އޭޕީ

އިންޓަނޭޝަނަލް ބްރޭކަށް ފަހު އަލުން އަނބުރާ ޔޫރަޕު ލީގުތަކުގެ ކުޅުން ފަށާފައިވާ އިރު ރޭ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ބޮޑެތި މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ރޭ ކުޅުނު މެޗުތަކުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލްގެ އިތުރުން ޓޮޓެންހަމް މޮޅުވި އިރު އާސެނަލް ވަނީ އެއްވަރުވެފަ އެވެ.

ޓޮޓެންހަމްގެ ކޯޗަކަށް ހުރި މޯރީސިއޯ ޕޮޗެޓީނާ މަގާމުން ދުރުކުރުމަށް ފަހު ހޯސޭ މޮރީނިއޯއާއި ޓީމު ހަވާލުކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެ ޓީމުން ވަނީ ވެސްޓްހަމް އަތުން ހަނި ގޮތަކަށް މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގައި ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ޓޮޓެންހަމުން މި ސީޒަނާ ކުރިމަތިލީ ބޮޑު އުންމީދެއްގައި ނަމަވެސް ސީޒަން ދެބައިވާން ދާއިރު އެ ޓީމު އަދި ކިރިޔާ ގަދަ ދިހައެއްގައި ލައްވާލީ އެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓޮޓެންހަމް ވަނީ 12 ވަނައިގައި އޮތުމަށް ފަހު ނުވަ ވަނައަށް ޖެހިލައިފަ އެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އޭޕީ

އެންމެ ފަހުން ކުޅުނު 12 މެޗުގައި ވެސް މޮޅެއް ނުލިބި އޮތް ޓޮޓެންހަމާއި މޮރީނިއޯ ހަވާލުވީ އެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމަށް ފަހު އެވެ. ނަމަވެސް ރޭގެ މެޗަށް އޭނާ ނެގި ފުރަތަމަ އެގާރައިން ވެސް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކްރިސްޓަން އެރިކްސަން ބެންޗް ކުރުމުންނެވެ.

ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ފުރަތަމަ ތިން ގޯލު ޖެހީ ޓޮޓެންހަމުންނެވެ. ފުރަތަމަ ހާފުގެ ތެރޭގައި ސޮން ހެންގް މިންއާއި ލޫކަސް މޯރާ އެ ޓީމަށް ލީޑު ނަގައިދިން އިރު ދެވަނަ ހާފު ފެށުން ގޮތަށް ތިން ގޯލަށް ލީޑު ފުޅާ ކޮށްދިނީ ހެރީ ކޭން އެވެ. އިދިކޮޅު ވެސްޓްހަމުން އެއަށް ފަހު ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. ދެވަނަ ހާފުގެ ފަހު ކޮޅު އެ ޓީމަށް ގޯލުތައް ޖަހައިދިނީ މިޗެލް އެންޓޯނިއޯ އަދި އެންޖެލޯ އޮބޮނާ އެވެ.

މޮޅުތަކަކާ އެކު ސީޒަން ފަށައިގެން އައި އާސެނަލް ރޭ ސައުތަމްޓޮންއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ފަހަތުން އަރައި ފަހު ވަގުތު އާސެނަލް އެއްވަރު ކުރި އިރު މެޗުން ލިބުނު ޕޮއިންޓާ އެކު އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެ ގަދަ ފަސް ވަނައަށް ދިއުމުގެ ފުރުސަތު އެ ޓީމަށް އޮތް ނަމަވެސް މެޗުގެ ކަންތައްތައް ހިނގައި ދިޔައީ ގޯސްކޮންނެވެ.

އާސެނަލާއި ސައުތަމްޓޮން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 2-2 އިން ވަނީ އެއްވަރުވެފައި --- ފޮޓޯ// އޭޕީ

އެގޮތުން މެޗު ފެށިގެން އަށް ވަނަ މިނަޓުގެ ތެރޭގައި ސައުތަމްޓޮނުން ވަނީ ލީޑު ނަގައިފަ އެވެ. ތަޖުރިބާކާރު ފޯވާޑް ޑެނީ އިންގްސްގެ އެ ގޯލަށް ފަހު އާސެނަލް ވެސް ކުޅުން ރަނގަޅުކޮށް ރައްދުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލަކަޒެޓް އެވެ.

ޖުމުލަކޮށް ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ޑިފެންސަށް ސައުތަމްޓޮނުން ދިޔައީ އޮބި ނޯންނަ ވަރަށް ނުރައްކާ ކުރަމުންނެވެ. އެ ހަމަލާތައް ހިފަހައްޓަން އާސެނަލުން ގިނަ ފައުލުތަކެއް ކުރަމުން ދަނިކޮށް ސައުތަމްޓޮން ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ލަކަޒެޓް ވަނީ އިތުރު ގޯލެއް ޖަހަައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މީގެ އިތުރުން ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށް ބަލާލާ އިރު ލެސްޓާ ސިޓީން ވަނީ 0-2ގެ ނަތީޖާ އަކުން ބްރައިޓޮން ބަލިކޮށް ދެވަނާގައި ފައި ހަރުކޮށްފަ އެވެ. ތަފާތު ފޯމެއްގައި މި ސީޒަން ފެށިގެން ކުޅެމުން އަންނަ ލެސްޓާއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަޔޯޒް ޕެރެޒްއާއި ޖޭމީ ވާޑީ އެވެ.

ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑް ދަމަހައްޓަމުން އަންނަ ލިވަޕޫލުން ވަނީ ރޭ ކުޅުނު މެޗުގައި 1-2ގެ ނަތީޖާއަކުން ކްރިސްޓަން ޕެލަސް ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ލިވަޕޫލަށް ގޯލުތައް ޖަހައިދިނީ ސާޑިއޯ މާނޭއާއި ރޮބާޓޯ ފިރްމީނިއޯ އެވެ. ކްރިސްޓަލް ޕެލަސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ވިކްފްރީޑް ޒަހާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ސިޓީ --- ފޮޓޯ// އޭޕީ

އިނގިރޭސި ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި މެންޗެސްޓާ ސިޓީން ޗެލްސީ ބަލިކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުގަައި ފަހަތުން އަރައި ސިޓީ މޮޅުވި އިރު އެ ޓީމަށް ގޯލުތައް ޖަހައިދިނީ ކެވިން ޑިބްރޭނާއާއި ރިޔާދް މަހްރެޒް އެވެ. ޗެލްސީއަށް ގޯލު ޖަހައިދިނީ އެންގޯލޯ ކާންޓޭ އެވެ. ސިޓީން އެ މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ވަނީ އަނިޔާވެފަ އެވެ.

comment ކޮމެންޓް