ޗުއްޓީތެރޭ ބާރުބޮޑުވާނެތީ އަވަހަށް އެއާޕޯޓަށް ދާން އެދެފި

އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ފުރާ ދުވަސްވަރަކަށް ވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއުރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ދިގު ކިޔުތަކާއި ފްލައިޓު ޑިލޭތަކަށްް ޖާގަ ނުދިނުމަށް ހުރިހާ ފަސިންޖަރުން ވެސް ވަގުތު އޮއްވައި އެއާޕޯޓުގައި ތިބުމަށް އިލްތިމާސް ކުރަން،" އެމްއޭސީއެލް އިން ބުންޏެވެ.

ފަތުރުވެރިކަމުގެ ސީޒަނާއި ބޮޑު ޗުއްޓީ ދިމާވާ އިރު މިދުވަސްވަރަކީ އަބަދު ވެސް އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ މިދިޔަ ހޯމަ ދުވަހު އެއާޕޯޓު މޫމަންޓު 622 އަށް އަރާ ކަމަށެވެ. ޕީކް ސީޒަނާ ދިމާކޮށް އެއާޕޯޓު ޓްރެފިކަށް ބާރުބޮޑުވެފައިވާ ކަމަށް ވީއައިއޭ އިން ބުންޏެވެ.

comment ކޮމެންޓް