ޕީޖީ ބިޝާމް ވަކިކުރާ މައްސަލަ އެޖެންޑާކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރާ މައްސަލަ ހެނދުނު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ބަޔާންކޮށްފައިވާ ގޮތުން ޕީޖީ ބިޝާމް ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އިއުލާން ކުރައްވާނެ އެވެ.

މަޖިލިސްއާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ.

އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުގެ މަތިން ކޮމިޓީން އެ މިހަކު ވަކިކުރުމުގެ ކުރިން އެ މަސައްކަތް ފަށައި މަޖިލިސްގެ ރައީސްގެ ސަމާލުކަމަށް ގެންނަ ޖެހެ އެވެ.

ޕީޖީ ބިޝާމް ވަކިކުރުމުގެ މައްސަލަ ދިގުލައިގެން ގޮސްފައިވާއިރު، މިއަދު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމަށް ވަނީ ފާސްކޮށްފައެވެ.

މަޖިލީސްގެ ރައީސް އެކަން ރިޔާސަތުގައި އިއުލާނު ކުރެއްވުމުން އަނެއްކާ ވެސް އެ މަސައްކަތް ކުރިއަށް ގެންދާނީ ކޮމެޓީންނެވެ. އަދި ޕީޖީ ވަކި ކުރަން ފެންނަ ނަމަ، އެ ނިންމުން ނިންމައި އަލުން މަޖިލިސް ތަޅުމަށް ފޮނުވާނެއެވެ. އެއަށްފަހު އެކަމަށް ގޮތެއް ނިންމޭނީ މަޖިލިސް ތަޅުމުގައި ނަގާ ވޯޓުންނެވެ.

comment ކޮމެންޓް