ކެނދިކުޅުދޫ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއާއެކު އެއްބަސްވެއްޖެ

ކެނދިކުޅުދޫގައި އުފެދޭ ކުނި ނައްތާލުމަށް ވެވުނު އެއްބަސްވުމުގައި ސޮއެ ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ވެމްކޯ

ނ. ކެނދިކުޅުދޫގައި އުފެދޭ ކުނި ވަކި ތާވަލެއްގެ ދަށުން ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ގެނައުމަށްޓަކައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާއެކު އެއްބަސްވުމެއްގައި ސޮއިއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވެމްކޯއާއެކު ހެދި މި އެއްބަސްވުމުގައި ސޮއިކުރީ ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް މުހައްމަދާއި ކެންދިކުޅުދޫ ކައުންސިލުގެ ރައީސް އަލީ ޝަމީމެވެ.

ކެނދިކުޅުދޫއަކީ ގުދުރަތީ ގޮތުން ބޮޑު ރަށަކަށް ވެފައި، އަދި އެ ރަށުގައި އޮންނަ ދެ އަވަށުން ކުރެ ކޮންމެ އަވަށެއްގައިވެސް ކުނިކޮއްޓެއް ހުންނަ އިރު، ކުނި މެނޭޖުކުރުމާއި ނައްތާލުމުގެ އެދެވޭ ނިޒާމެއް ހަމަޖެހިފައި ނުވެއެވެ. ރަށުގެ އެތަން މިތަނަށް ކުނި އެޅުމުގެ ބަދަލުގައި ރަށު ރައްޔިތުން މިއަދާ ހަމައަށްވެސް އަންނަނީ ކުނީގެ ބާވަތްތައް ވަކިކޮށް، ރަށުގެ ކުނިކޮއްޓަށް ޖަމާކުރަމުންނެވެ.

ވެމްކޯއާއެކު މިއަދު ވީ އެއްބަސްވުމުގެ ދަށުން ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލޓީއަށް ޖެނެރަލް ވޭސްޓް (އާންމުކޮށް އުފެދޭ ކުނި) ފިޔަވާ އެހެން ބާވަތްތަކުގެ ކުނި ގެންދާނެއެވެ. އަދި ކުނި ގެންދިއުމަށް ވަކި ކަހަލަ އުސޫލުތަކެއްވެސް ކަނޑައަޅާފައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މި އެއްބަސްވުމާއެކު ކެނދިކުޅުދޫގެ ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށާއި، ވެމްކޯގެ އެހީތެރިކަމާއެކު ރަށުގައި ހުރި ނައްތާލަން އުނދަގޫ ޒާތުގެ ކުނި ރަށުން ބޭރުކުރެވޭނެ ކަމަށެވެ.

"މިވީހާތަނަށްވެސް ކެނދިކުޅުދޫގެ ރައްޔިތުންގެ ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ، ރަށުގައި އުފެދޭ އެކި ޒާތް ޒާތުގެ ކުނި ނައްތާލެވޭނެ ނިޒާމެއް ހަމަޖެހިފައި ނެތުން. އިރާދަ ކުރެއްވިއްޔާ އެކަމަށް ހައްލު މިއޮތީ ލިބިފައި،" އަލީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ރަށުގައި އުފެދޭ ކުނި އެއްކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކައުންސިލުން ކުރަމުންދާ ކަމަށާއި، އެގޮތުން ގޭގޭގައި އުފެދޭ ކުނީގެ ބާވަތްތައް ވަކިކުރުމަށްފަހު ކުނިކޮއްޓަށް އުފުލުމުގެ އިންތިޒާމު ކައުންސިލުން ވަރަށް އަވަހަށް ހަމަޖައްސާނެކަމަށެވެ.

އޭނާ ވިދާޅުވީ، ކެނދިކުޅުދޫގައި ދިމާވެފައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ދާއިރާގެ މެމްބަރު އަހުމަދު އީސާ ކުރައްވަމުން އަންނަ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

comment ކޮމެންޓް