ކޮންކްރިޓާ ދުރަށް ޖަޒީރާއޭ ކިޔައި އެމްޑީޕީން ވަނީ އޮޅުވާލާފައި: ސައީދު

މާވަށު ދާއިރާގެ މެންބަރު ސައީދު: ޖަޒީރާ ވަންތަ ސިފަތަކެއް ގެންނަން ވައުދުވެ އެމްޑީޕީން ވަނީ އޮޅުވާލާފައި ކަމަށް އޭނާ ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒުމޫސާ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެރިކަމަށް އައީ ކޮންކްރިޓާ ދުރަށް ޖަޒީރާ ވަންތަ ސިފަތަކެއް ގެންނަން ކަމަށާއި އެހެން ނަމަވެސް އެ ސިފަތައް ނުފެންނަ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކްސް ބިލަށް ބަހުސް ކުރުމަން ސައީދު ވިދާޅުވީ، މިދިޔަ ސަރުކާރުން ބުރިޖެއް އެޅުމުން މި ސަރުކާރުން ވެސް ބުރިޖެއް އަޅަން ބޭނުންވާ ކަމަށާއި ނަމަވެސް އޭގައި މައްސަލައެއް ނެތް ކަމަށެވެ.

ރާއްޖޭގެ އެހެން ހުރިހާ އަތޮޅަކަށް ކުރާ ހޭދައަށްވުރެން ބޮޑު ހޭދައެއް މާލެއަށް އެކަނި ފޯކަސް ކޮށްގެން ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާއިރު އޭގެ ޒާތުގައި އެއީ މައްސަލައަކަށް ނުވި ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދާ ހިލާފް ކަން ސައީދު ފާހަގަ ކުރެއްވި އެވެ.

"އެމްޑީޕީ ވެރިކަމަށް އައީ ތިމަންނާ މެން ކޮންކުރިޓާ ދުރަށް ދާންށޭ މިއުޅެނީ. ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލާފައި. ކޮންކުރިޓާ ދުރަށް ގޮސް ދިވެހިރާއްޖޭގެ އާމްދަނީ އިތުރުކުރަން ކަމަށް ބުނެ. ޖަޒީރާ ވަންތަ ސިފަތަކެކޭ ކިޔާފައި ވެރިކަމަށް އައީ،" ސައީދު ވިދާޅުވި އެވެ.

ތަރައްގީ ގެނައުމުން މައްސަލައެއް ނެތްކަން ފާހަގަކޮށް ސައީދު ވިދާޅުވީ، ޕޯޓު ގުޅީ ފަޅަށް ބަދަލު ކުރާ ނަމަ އެއީ ވެސް ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި މި ފަސް އަހަރު ނިމިގެން ދާއިރު 91 ބިލިއަން ރުފިޔާގެ ދަރަނި އޮތުމުގެ ބިރު އެބައޮތް ކަމަށެވެ.

މި ސަރުކާރަކީ މަތި ބަރު ސިޔާސީ މަގާމުތައް ގިނަ ސަރުކާރެއް ކަމަށް ވިދާޅުވެ ކުރީގެ އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދަ ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބަޖެޓަށް އާމްދަނީ ހޯދުމުގެ މައިގަނޑު ސޯސްއެއްގެ ގޮތުގައި އެކި ނަންނަމުގައި ޓެކްސް ހިމަނާފައިވާއިރު ޓެކްސް ނަގަން ޖެހޭނި ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރަން ކަމަށެވެ.

"ހަރަދު ބޮޑު ކުރަނީ. ސިޔާސީ ވަޒީފާތައް އިތުރު ކުރަނީ. މިހެން ހަދާކަށް ނޫނޭ ޓެކްސް ނަގަނީ،" ސައީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ގޮތުގައި މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖަށް އަބޫދާބީއިން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް