މެސީއާއި ސުއަރޭޒްގެ ގޯލުން އާޖެންޓީނާ އަދި އުރުގުއޭއަށް ހަމަހަމަ ނިމުމެއް

ބާސެލޯނާގެ ދެ ފޯވާޑުން ކަމަށްވާ ސުއަރޭޒްއާއި މެސީ ރޭ ކުޅުނު ފީފާ ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

ބާސެލޯނާގެ ދެ ފޯވާޑުން ކަމަށްވާ ލިއޮނެލް މެސީ އާއި ލުއިސް ސުއަރޭޒްގެ ގޯލުން އާޖެންޓީނާ އާއި އުރުގުއޭ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

އިސްރާއިލްގެ ޓެލާ އަވީވް ސްޓޭޑިއަމުގައި ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ތަރިންނަށް ވެގެން ދިޔައީ ބާސެލޯނާގެ ދެ ފޯވާޑުންނެވެ. މެސީ އަދި ސުއަރޭޒްގެ ގޯލަކާއި އެސިސްޓެއް ފެނިގެންދިޔަ އިރު މި ދެ ކުޅުންތެރިން މި މެޗަށް ފަހު އަނެއްކާވެސް އެކުވެ ބާސެލޯނާއާ އެކު ކުޅޭނެ އެވެ.

ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ އާޖެންޓީނާއިންނެވެ. އެ ޓީމުން މެޗުގައި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އުރުގުއޭއިންނެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް އާޖެންޓީނާ ކުޅުންތެރިންގެ ބޯ މަތިން ގޮސް ސުއަރޭޒް ފަޔަށް ވެއްޓުމުން އޭނާ ވަނީ ގޯލު ކުރިމަތީ ހުރި ކަވާނީއަށް އެ ބޯޅަ ޕާސްކޮށްފަ އެވެ. ކަވާނީ ވަރަށް ބަލާލައިފައި ކީޕަރު ފައި ކައިރިން ބޯޅަ ގޯލަށް ފޮނުވާލައި އުރުގުއޭއަށް ލީޑު ނަގައިދިން އިރު އާޖެންޓީނާއިން ވަނީ ރައްދުގައި ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރު ކޮށްފަ އެވެ.

ފުރަތަމަ ހާފު އެގޮތުގައި އޮވެ ނިމިގެން ދިޔަ އިރު ދެވަނަ ހާފު ފެށިގެން އާޖެންޓީނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ ނެގި ހިލޭ ޖެހުމަކުން ސާޖިއޯ އަގުއޭރޯ އެވެ. އަގުއޭރޯ ގޯލުޖެހިތާ މާ ގިނަ އިރެއް ނުވަނީސް ސުއަރޭޒް ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފަ އެވެ.

އާޖެންޓީނާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މެސީ އެވެ. މެސީ ވަނީ މީގެ ތިން ދުވަސް ކުރިން ސައުދީގެ ރިޔާދުގައި ކުޅުނު މެޗެއްގައި އާޖެންޓީނާއިން ބްރެޒިލް ބަލި ކުރި ގޯލު ޖަހައިފަ އެވެ.

ކޮންމެބޯލް ގައުމުތަކުގެ ވޯލްޑްކަޕް ކޮލިފައިން އަންނަ އަހަރުގެ ތެރޭގައި ފަށާއިރު މިހާރު ކުޅެމުންދާ މެޗުތަކަގެ ސަބަބުން ރަނގަޅު ތަމްރީންތަކެއް ލިބޭ ކަމަށް ގައުމުތަކުން ބުނެ އެވެ.

comment ކޮމެންޓް