ނުހައްގުން ވަޒީފާ ގެއްލުނު މީހުންނަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ދީފި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް --- ސަން ފައިލް ފޮޓޯ

ސިޔަސީ ސަބަބުތަކަށްޓަކައި ނުހައްގުން ވަޒީފާ ގެއްލުވާލާފައި ތިބި މީހުންނަށް ބަދަލުގެ ގޮތުގައި މި އަހަރުގެ ތެރޭގައި 6.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ، ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި އެތައް ބައެއްގެ ވަޒީފާ ނިގުޅައިގެންފައިވާ ކަމަށެވެ.

"ދެ ފަރާތުގައި ދެމެދުގައި ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު ކޮންޓްރެކްޓުން ސަރުކާރުގެ އިދާރާއަކަށް ނުވަތަ ސަރުކާރަށް ލާޒިމްކުރާ އިލްތިޒާމްތަކާ ކަނޑައެޅިގެން ހިލާފަށް އެބަހުރި މީސްމީހުން ވަޒީފާއިން ވަކިކޮށްފައި. އެހެންވީމާ އެ މައްސަލަތަކުގައި އަޅުގަނޑުމެން ޝަރީއަތުގެ މަޖިލީހުގައި ނުވަތަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެކަންކަން ފާހަގަކޮށް ގޯސްކޮށް ވަޒީފާއިން ވަކިކުރިކަން ފާހަގަކޮށް އެފަރާތްތަކަށް ދޭން ޖެހޭ ރައްކާތެރިކަމާ މާލީ އިނާޔަތްވެސް އަޅުގަނޑުމެން ފޯރުކޮށްދީފައިވާނެ." ރިފްއަތު ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް 6.8 މިލިއަން ރުފިޔާ އެފަރާތްތަކަށް ފޯރުކޮށްދެވިފައި ވާނެކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ އެފަދަ 74 މައްސަލައެއް ހުށަހެޅި ކަމަށާއި އަދި އޭގެ ތެރެއިން ގިނަ މައްސަލަތައް ކޯޓުން ބޭރުން ނިންމުމަށްވެސް މަސައްކަތްކުރި ކަމަށެވެ.

https://sun.mv/127374

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ނުހައްގުން ވަޒީފާ ގެއްލިފައިވާ 119 މީހަކަށް ވަނީ އިންސާފު ހޯދައިދީފައެވެ.

ކުރިން ވަޒީފާއިން ވަކިކުރި މީހުންނަށް އިންސާފު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީގެ ނަމުގައި ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

comment ކޮމެންޓް