ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު އަދީބު، ޔާމީންއަށް: "މިޝަން އެކޮމްޕްލިޝްޑް"

ރާއްޖެ ޓީވީ ރޯކޮއްލުން: އަދީބު ޔާމީނަށް މެސެޖު ކުރި

ރާއްޖެޓީވީގައި ރޯކޮށްލި ހާދިސާއަށްފަހު، އޭރު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަހްމަދު އަދީބު އަބްދުލްގަފޫރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖު ކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް އެގޮތަށް ވިދާޅުވީ، ގެއްލުވާލެވިފައިވާ މީހުންނާއި މަރުތައް ބަލާ ރިޔާސީ ކޮމިޝަނަށް އޭނާ ދެއްވި ބަޔާނުގައެވެ.

އޭރުގެ ސަރުކާރުގެ ފަރާތްތަކަށް ގޮންޖެހުމަކަށް ވި ރާއްޖެޓީވީ ހުންނަ ބީކޭޓީ ބިލްޑިންގައި ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ފަތިހު 4:42 ގައެވެ. ރާއްޖެޓީވީ ރޯކޮށްލި އިރު، ޔާމީންއަކީ އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. އަދީބު ހުންނެވީ، ޕީޕީއެމްގެ ސްލޮޓެއްގައި އޭރުގެ ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައެވެ.

ރިޔާސީ ކޮމިޝަންގެ ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓު މިއަދު ރައީސް އޮފީހުން އާންމުކުރި އިރު، އެ ރިޕޯޓުގައި ކުރީގެ މެމްބަރު ނާޒިމްގެ ބަޔާންތަކެއްވެސް ހުއްޓެވެ.

އޭރު ރައީސް ޔާމީންއާ އެންމެ އަރިސްކޮށް އުޅުއްވި، ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖެޓީވީ ރޯކޮށްލެއްވި ދުވަހު އޭނާ އިންނެވީ ރައީސް ޔާމީންގެ ގޭގައި ތާސް ކުޅުއްވުމަށް ކަމަށެވެ. އަދި އެ ދުވަހު "މިޝަން އެކޮމްޕްލިޝްޑް" އޭ ވިދާޅުވެ އަދީބު ޔާމީންގެ ފޯނަށް މެސެޖުކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އައިނު ނާޅުއްވައި އެ މެސެޖް ޔާމީނަށް ނުކިޔޭނެތީ، އަޅުގަނޑު ގާތު ކިޔާލަން ބުންޏެވެ. އެ މެސެޖުގައި އޮތީ، މިޝަން އެކޮމްޕްލިޝްޑް ކަަމަށެވެ. މިއީ ކޮންކަމަކަށް ބުނި އެއްޗެއް ކަމެއް އޭރަކު އަޅުގަނޑަކަށް ނޭނގޭއެވެ. ނަމަވެސް ފަހުން ރާއްޖެޓީވީ ރޯކޮށްލައިގެން އުޅޭކަން އެނގުމުން މި މެސެޖަކީ އެކަމާ ގުޅޭ މެސެޖެއްކަން ފަހުން އެނގުނު،" ރައީސް ޔާމީންގެ އޭރުގެ ގާތް އެކުވެރިޔާ ނާޒިމް ރިޔާސީ ކޮމިޝަނަށް ބަޔާން ދެއްވަމުން ވިދާޅުވެފައި ވެއެވެ.

ބީކޭޓީ ބިލްޑިންގްގައި ހުރި ރާއްޖެޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުގެ ފަތިހު 4:42 ހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއްވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވިއެވެ. އަދި ރާއްޖެޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއްވެސް ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވިއެވެ.

ރާއްޖެޓީވީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރޯކޮށްލުމުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވި އެވެ. ނަމަވެސް ދައުވާ އުފުލާފައިވަނީ އެންމެ މީހަކަށެވެ. އެއީ ހ. ގަސްވާ މުހައްމަދު މީއާދެވެ. އޭނާގެ މައްޗަށް ހުކުމް ކުރި ކަމެއް އަދި ނުކުރާ ކަމެއް ސާފެއް ނޫނެވެ.

ނާޒިމް މަރު ކޮމިޝަނަށް ދިން ބަޔާނުގައި އޭނާ ވަނީ އިތުރު ކަންތައްތަކެއްވެސް ހާމަކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވި ގޮތުގައި، އޭނާ ޔާމީންގެ ގޭގައި އިންނަވާއިރު، ވަރަށް ގިނަ ދުވަސްތަކުގައި އެ ގެޔަށް ވަޑައިގަންނަވައެވެ. އައިސް އަދީބު ރާވާ ހިންގާ ޖަރީމާތަކުގެ ވާހަކަ ރައީސް ޔާމީންއާ ހިއްސާ ކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެގޮތުން އެއް ދުވަހަކު އަޅުގަނޑު ކައިރީ އިންދާ އަދީބު ރައީސް ޔާމީންގެ އަނެއް ފަރާތުގައި އިށީނދެ، އެކަން އޮތީ ވާ ގޮތަށް ކަމަށް ބުނެއެވެ. މި ދެއްކި ވާހަކަ އަކީ، އިލެކްޝަންސް ކޮމިޝަންގެ ފާރޫގު އާއި ކޮމިޝަގެ ރައީސް ވަކިކުރާ ވާހަކައެވެ." ނާޒިމް ބަޔާނުގައި ވިދާޅުވިއެވެ.

https://sun.mv/127435

އެކަން ކުރަނީ ކިހިނެތްތޯ ރައީސް ޔާމީން ސުވާލު ކުރުމުން އެކަން ކުރަނީ "ކޯޓުން އަމިއްލައަށް" އަދިބު ބުނި ކަމަށް ނާޒިމް ދެއްވި ބަޔާނުގައި ވެއެވެ. އަދި އެހުރިހާ ވާހަކައެއްވެސް ދެއްކީ ނާޒިމަށް އިވޭ ގޮތަށްކަން އޭނާ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.

ބެލެވޭ ގޮތުގައި އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު ތައުފީގެވެ. ފުއާދު އޭރު އެ މަގާމުން ވަކިކުރީ ސުޕްރީމް ކޯޓުންނެވެ. އަދި ފާރޫގު ވަކިވެފައިވަނީ ދައުރު ހަމަވެގެނެވެ.

އޭގެ އިތުރުން އަދީބު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2013ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ބޮމެއް ގޮއްވާލަން ރޭވިކަމަށް ވެސް ނާޒިމް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް