ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ހޯމް މިނިސްޓްރީ

ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ދޫނިދޫ ޖަލުގައި މީހުން ބޭތިއްބުމަށް އެކަށީގެން ނުވާތަންތަން ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ.

"އެކަމަށް ވަނީ ތައްޔާރު ވެވިފައި. ޖަލު ތަޅާލުމުގެ، ހަމަ ސީދާ ޖަލު ތަޅާލުމަށް އަޅުގަނޑުމެން ވަރަށް ތައްޔާރުތަކެއް ވީން. އެހެން ނަމަވެސް އެވަގުތު ކަން ދިމާވިގޮތުން ކުޑަކޮށް ފަސްކޮށްލަން ޖެހުނީ [ސަރުލާރަށް] އަހަރު ފުރިގެން މިދިޔައީ [ޖަލު] ތަޅާނުލެވި،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ދޫނިދޫ ޖަލު ތަޅާލުމަށްފަހު އަންނަ އަހަރު ޖަލު އެޅިގެންދާނެ ކަމަށެވެ.

ދޫނިދޫ ޖަލުގެ ހާލަތާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިން ދޫނިދޫގައި މީހުން ބަހައްޓަން އެކަށީގެން ނުވާ ތަންތަނުގައިވެސް މީހުން ބެހެއްޓި ކަމަށާއި ނަމަވެސް އެފަދަ ތަންތަނުގައި މިހާރު މީހުން ނުބައިތިއްބާނެ ކަމަށެވެ.

"ދޫނިދޫގައި ޖަލެއް ނުހުންނާނެ ވާހަކައެއް ނޫން. ދޫނިދޫ ގައި ޖަލެއް ހުންނާނެ. އެކަމަކު އެއީ އިންސާނުން ތިބެން އެކަށީގެންވާ ވަރުގެ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަލު އޮފިސަރުންނަށް ދޭ ތަމްރީނުތައް ހަރުދަނާ ކޮށްފައިވާނެ ކަމަށާއި މީގެ ބޭނުމަކީ އޮފިސަރުންގެ ވިސްނުން ބަދަލުކުރުން ކަމަށެވެ.

"ޖަލު އޮފިސަރުންގެ ވިސްނުން ބަދަލުކޮށްގެން ނޫނީ ގައިދީންނަށް ކުރެވޭ މުއާމަލާތެއް ބަދަލެއް ނުވާނެ،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ 23 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރޭ ވިދާޅުވީ އޮފިސަރުންނަށް ދެވޭ ތަމްރީނާއި ހުނަރަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ދުވަހަކު ގައިދީންނާ ބައްދަލުވާ އޮފިސަރުންނަކީ ފުރިހަމަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ކަންތައް ބެލެހެއްޓުމުގައި އެންމެ ބޮޑު ސަމާލުކަމެއްދެވި، ބޮޑު ބަދަލެއް ގެނެވޭނީ އެ އޮފިސަރުންނަށް އެކަށީގެންވާ ތަމްރީނު ދެވިގެން ކަމަށެވެ.

"އޮފިސަރުންގެ ކިބައިގައި އިންސާނީ ހައްގުތަކަށް ކަރާމާތްތެރިކޮށް ހިތުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ރިވެތި ސިފަތަކާއި މާތް އައަހުލާގު އޮފިސަރުންގެ ކިބައިގައި އަށަގެންނެވިގެން. އެހެންކަމުން އަޅުގަނޑުމެންގެ މިމަސައްކަތުގެ އެންމެ އިސް އެއް އަމާޒަކީ ފުރިހަމަ ތައުލީމާ ހުނަރާ ތަމްރީނު ލިބިގެންވާ ރިވެތި އަހުލާގުގެ ސިފަ ލިބިގެންވާ އޮފިސަރުން ތައްޔާރުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖަލުގެ ހާލަތުގެ އިތުރުން ޖަލުގައި ތިބޭ ގައިދީންނާ މުއާމަލާތްކުރާ އޮފިސަރުންގެ ވިސްނުމަށް ހެޔޮ ބަދަލު ގެނެސް، އެމީހުންނަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރުމަށް ފާއިތުވި އެއް އަހަރުގެ ތެރޭގައި ގިނަ ތަމްރީނުތަކެއް ބޭރުގެ އެހީގައި ހިންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި އެއް އަހަރުގެ ތެރޭގައި ބޮޑެތި މާރާމާރިތައް ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި ގޭންގު ކުށްތައްވެސް ހުއްޓުވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުތަކުގައި ކުރިއަރުވަން ޖެހޭ ކަންތައް އެބަހުރި ކަމަށާއި ގައިދީންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާއިލީ ބައްދަލުވުމަށް ގައިދީންނަށް ކުރީގައި ދީފައިވާ އެއް ގަޑިއިރު ދެ ގަޑިއިރަށް ބަދަލުކޮށްފައިވާނެ އެކަހެރި ބައްދަލުވުން 12 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އޮފިސަރުންގެ "އަތްފަޔަށް ނުކުޅަދާނަ ވަރުގެ ކުދިން" ވެސް ޖަލުތަކުގައި ތިބޭ ކަމަށާއި އެނޫން މީހުންނަކީ ގިނަވެގެން އެއް މަސް ތެރޭގައި ރިހިބިލިޓޭޓް ޕްރޮގްރާމް ފަށަން ތައްޔާރުވާނެ މީހުން ކަމަށެވެ.

comment ކޮމެންޓް