"ދިވެހިރާއްޖޭގެ އިގްތިސާދު ފުނޑިއްޖެ. އަދުލު އިންސާފު ފުނޑިއްޖެ. ދިވެހިރާއްޖޭގައި މުއައްސަސާއެއް ހުރި ނަމަ ސަރުކާރުން ސީދާ އަތް ބާނަމުން މިދަނީ،" މިއީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ސަރުކާރު ސިފަ ކުރެއްވި ގޮތެވެ.
މިއަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަލިވިލުނު ދުވަހަށް އެއް އަހަރު ފުރޭ މުނާސަބާ އެވެ. އެމަނިކުފާނަށް ވޯޓުދިން ގިނަ ބަޔަކު ސަރުކާރުގެ މަސައްކަތަށް "ބޮޑު ކާފެއް" ދެމުންދާއިރު، އިދިކޮޅުގައި ތިއްބެވި ސިޔާސީ ބޭފުޅުން ސަރުކާރާ ނުރުހޭތީ ފެންނަނީ ހުސް އައިބެވެ.
އާންމުކޮށް އިދިކޮޅުގައި އޮންނަ ޕާޓީތަކަކީ ސަރުކާރަށް ފާޑުކިޔާ ބައެކެވެ. މިއަދުގެ ސަރުކާރުގެ މަސައްކަތާ ބެހޭގޮތުން "ސަން" އިން ސުވާލު ކުރުމުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑާޝިޕުންވެސް ސަރުކާރަށް ކީ ފާޑެވެ. އެ ބޭފުޅުންނަށް މި ސަރުކާރުގައި ކަމުދާ އެއްކަމެއްވެސް ނެތީ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް އަހަރެއްވެފައިވާ އިރު ދިވެހި ގައުމިއްޔަތު މުޅިންހެން ވަނީ ފުނޑުފުނޑުވެފަ އެވެ. ސަރުކާރުން މިހާރު އޮތީ މުއައްސަސާތައް "ހައިޖެކް"ކޮށްފައި ކަމަށް އޭނާ ސިފަކުރައްވަ އެވެ. އަދި ތިން ބާރު ވަކިވެފައި އޮންނަން ޖެހޭ ނިޒާމެއްގައި ތިން ބާރުވެސް މަސްހުނިވެފައިވާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުޑިޝަރީ އޮތީ ހައިޖެކް ކުރެވިފައި. އޭގެ އިތުރުން މުޅި ނިޒާމު ހިނގަމުން މިދަނީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދުގެ ސަރުކާރު ކުރު ގޮތަކަށް ސިފަ ކުރައްވަމުން ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ރާއްޖެ ދުށް އެންމެ ހުދުމުތާރު، ކޮރަޕްޓް، އަދި ބޭއިންސާފު ސަރުކާރު ކަމަށެވެ. އަދި ސަރުކާރުގައި ތިބީ އެއްވެސް ގާބިލުކަމެއް ނެތް ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، މިއަދުގެ ސަރުކާރުން "ހިތައް އައިހާ ކަމެއް" ވައުދުވި ކަމަށެވެ. އެކަމަކު، އެއިން އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގެ އިގްތިސާދުވެސް އޮތީ ފުނޑުފުނޑުވެފަ އެވެ.
"މި ސަރުކާރަކީ ވައުދު ގިނަ، ވައުދު ނުފުއްދާ ހުއްޖަތް ދައްކާ ސަރުކާރެއް،" ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މި އަަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކަންބުޑުން ފާޅުކޮށްފައިވާ އެއް ކަމަކީ ދައުލަތުން ބައެއް އަމިއްލަ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދުން ފައިސާ ދިން މައްސަލަ އެވެ. އެއީ އެފަދަ ބައެއް ކުންފުނިތަކަކީ ސަރުކާރުގެ މަގާމްތަކުގައި ތިބި ބައެއް މީހުންނާ ގުޅުންހުރި ބައެއް ކުންފުނިތަަކަސް ވާތީ އެވެ.
އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އިދިކޮޅުން މި އަހަރުގެ ތެރޭގައި ތުހުމަތުކޮށްފައިވެ އެވެ. މި އަހަރުގެ ތެރޭގައި ޖޭއެސްސީއިން ވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަ ބަލައި ބައެއް ފަނޑިޔާރުން ވަކި ކުރަން މަޖިލީހަށް ފޮނުވައިފަ އެވެ. ޖޭއެސްސީއިން ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި އަހުމަދު ހައިލަމްވެސް ހިމެނެ އެވެ.
އިދިކޮޅުން މި އަހަރުގެ ތެރޭގައި ޖުމްލަ ގޮތެއްގައި ގިނަ އެއްވުންތަކެއް ބާއްވާފައިވެ އެވެ. އަދި އިދިކޮޅުގެ ޖަލްސާތަކަކަށް ކަމާ ބެހޭ ފަރާތްތަކުން އާންމު ސަރަހައްދުތައް ދޫކޮށްފައިވެސްވެ އެވެ. އެކަމަކު، ހުއްދަ ނުހޯދައި މަގުމަތީގައި ބޭއްވި އެއްވުންތައް ފުލުހުން ރޫޅާލުމުން، އެކަމުގެ ޝަކުވާވެސް އިދިކޮޅުން ކުރެ އެވެ. އަދި އެއްވުމުގެ ގާނޫނުވެސް އޮތީ ހަމަ ޔާމީން ސަރުކާރުގައި އޮތް ގޮތަށް ހިފެހެއްޓުންތަކަކާ އެކު އެވެ.