ކަންބޮޑުވުންތަކާ އެކު މަޖީދީ މަގުގެ ހަރަކާތްތައް ކެންސަލްކޮށްފި

ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަލީ ވަހީދުއާއި ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަރޓް --- ފޮޓޯ// އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭއިރު މަޖީދީމަގުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗު ބަލަން ހަމަޖެހިފައި އޮތް ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކާ އެކު އެކަން ކެންސަލްކޮށްފައިވާ ކަމަށް ގައުމީ ޓީމަށް ލަފާ ދޭ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމަށް ފޯރި އިތުރު ކުރުމަށާއި ސަޕޯޓަރުންނަށް މެޗުގެ ރޫހު ވެއްދުމުގެ ބޭނުމުގައި އެފްއޭއެމްއާއި ސަރުކާރު ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ރޭ ވެސް ވަނީ ދަނޑާ ދިމާލު މަޖީދީ މަގު ބަންދުކޮށް ބޮޑު ސްކްރީން ބަހައްޓައިގެން ބެރު ޖަހައި ކުޅިމަހާއި ބޮނޑިބަތް ބެހުމުގެ ހަރަކާތްތަކެއް ބާއްވައިފަ އެވެ. ނަމަވެސް އެކަންކަން ރައްޔިތުން ބަލައި ނުގަނެ އެކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ.

ކުރިން ރޭވިގެން ދިޔަ ގޮތުގައި މިއަދު މެންދުރު ނަމާދަށްފަހު މަޖީދީ މަގުގައި ގިނަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މެންދުރުގެ ކެއުމުގެ ހަރަކާތްތަކާއި ކުރީގެ ކުޅުންތެރިން ބޭނުން ކޮށްގެން ގައުމީ ފޯރި އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތަށް އެކަން ކުރަން ނިންމީ ގަލޮޅު ދަނޑުގެ ސިޑިބަރިތަކުގައި ރެނދުލައިފައި ހުރުމުން އެ ސިޑިތައް ބޭނުން ކުރުމުގެ ހުއްދަ ނުލިބުމުން އެކަށީގެންވާ ވަރަށް ދަނޑުގައި ޖާގަ ނެތުމުންނެވެ.

އެހެން ކަމުން ދަނޑާ ވީހާވެސް ގާތުން ގިނަ ބަޔަކަށް މެޗު ފެނި ގައުމީ ފޯރިއާ އެކު ސަޕޯޓް ކުރާ އަޑު ދަނޑުގައި ކުޅޭ ކުޅުންތެރިންނަށް ވެސް އިވޭނެ ފަދަ ގޮތަކަށް ހެދުމުގެ ބޭނުމުގައި އިއްޔެ ހަވީރުން ފެށިގެން ވަނީ މަޖީދީ މަގު ބަންދުކޮށްފަ އެވެ. ނަމަވެސް ކާރުބާރު ބޮޑު މާލޭގެ މައި މަގު އެހެން ބަންދުކޮށްފައި ބެހެއްޓުމުން ދެން ކަންތައް ވީ ހީކުރި ގޮތާ ޙިލާފަށެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ނުވުމާ އެކު އޮފީސްތަކަށާއި ސުކޫލުތަކަށް ދާ ކުދިންގެ ކަންބޮޑުވުންތައް މުޅި ސޯޝަލް މީޑިއާގައި ފުރާލުމުން ގައުމީ ޓީމުގެ ޗެއާމަން ވަނީ އެކަމަށް ހިތްތިރި ކޮށް މަޖީދީ މަގު އަލުން ހުޅުވުމަށް ނިންމަވާފަ އެވެ.

"މަޖީދީމަގު ގަލޮޅު ދަނޑު ސަރަހައްދު ބަންދުކޮށް ސްކްރީން ބެހެއްޓީ ދަނޑުގެ ޖާގައިގެ ދަތިކަމުން ގިނަ ސަޕޯޓަރުންނަށް ދަނޑު ބޭރުގައި މަޗް ބެލޭނެ ގޮތް ހެދުމުގެ މަގުސަދުގައި. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން ސްކްރީން ނައްޓާލައި އާއްމުންނަށް ދަތި ނުވާނެހެން މަގު ހުޅުވާލަން ނިންމައިފިން." އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ގައުމީ ޓީމުން ބޮޑެތި މުބާރާތްތަކުގައި ވާދަކުރާއިރު އާއްމުން އެއް ސަރަހައްދަކަށް ޖަމާވެގެން މެޗުތައް ބަލައި ފޯރި ނަގައި ހެދުމަކީ އާއްމު ކަމެކެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލާއި ފައިނަލުގައި ކޮލަމްބޯގައި ކުޅުނުއިރު މާލޭގައި ވެސް ބޮޑު ސްކްރީން ބަހައްޓައިގެން އާއްމުން މެޗުތައް ބެލި އެވެ. ނަމަވެސް މިފަހަކަށް އައިސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވަދެ ފުޓުބޯޅައަށް އޮތް ފޯރި ވަނީ ކެނޑިފަ އެވެ.

comment ކޮމެންޓް