ކާނަލް ނަޝީދާއި ނަހުލާ އަލީ ޕީޕީއެމްއަށް ސޮއިކޮށްފި

މުހައްމަދު ނަޝީދު (ކާނަލް) އަދި ނަހުލާ އަލީ -- ސަން ފައިލް ފޮޓޯ

ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

އެ ދެބޭފުޅުން ޕީޕީއެމްއަށް ސޮއިކޮށްފައި ވަނީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. ސޮއިކުރުމަށްފަހު، އެ ދެބޭފުޅުން ވަނީ މެމްބާޝިޕް ފޯމް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރައްވާފައެވެ. އެ ދެބޭފުޅުންގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް އެ ޕާޓީއަށް މިރޭ ސޮއިކޮށް، ފޯމު ހަވާލުކުރިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެް ކުރިން ކުރެއްވި ކާނަލް ވިދާޅުވީ، ކޮންމެ ޕާޓީއެއްގައި މީގެ ކުރިން ހުރި ކަމުގައި ވިޔަސް އަބަދުވެސް ހިތް އޮންނަނީ ޕީޕީއެމްގައި ކަމަށެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން މިރޭ ފަށަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށާއި ޝަރުއީ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށްވެސް ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު އެ ކޮމިޝަންގައި ތިއްބެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުން ކަމަށެވެ. ހަމައެކަނި މަދުވަނީ ވަކީލު އަމާލް ކުލޫނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމާލް ކްލޫނީއަކީ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާފައި ހުރި އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަރާތެކެވެ.

comment ކޮމެންޓް