އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން މ. ކޮޅުފުށީގައި މަގު ބައްތި ޖަހަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ހިލޭ އެހީގެ ތެރެއިން ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1.5 މިލިއަން ރުފިޔާގެ އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖަހަން ވަނީ ނިންމައިފައެވެ.
މިއީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 106 މިލިއަން ރުފިޔާ ދީފައެވެ. މި އެހީގެ ދަށުން އެކި ރަށް ރަށުގައި ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ.