ޝާހިދު މިފަހަރު ވަޑައިގަތީ މޮރޮކޯއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މޮރޮކޯގެ ފޮރިން މިނިސްޓަރާއި އަދި މޮރޮކޯ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހަމަ އެއާއެކު މޮރޮކޯއާއިއެކު ގުޅުން ބަދަހިކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ދަތުރުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލް، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރު މުއުމިނާ އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 4 ފެބްރުއަރީ 1988 ގައެވެ. މިއީ އޭގެ ފަހުން ރާއްޖޭގެ ހާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

comment ކޮމެންޓް