ވެނިސްގައި އާދަޔާ ހިލާފަށް ދިޔަވަރު ބޮޑުވެއްޖެ

ވެނިސްގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދުތަކުގައިވެސް ފެންބޮޑުވެފައިވޭ -- ފޮޓޯ: އޭއެފްޕީ

ވެނިސް (ނޮވެމްބަރު 13): އިޓަލީގެ ވެނިސްގައި ފާއިތުވި 50 އަހަރު ތެރޭ ދިޔަވަރު ބޮޑުނުވާ މިންވަރަކަށް ދިޔަވަރު ބޮޑުވެ، އެ ސިޓީގެ ގިނަ ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

ވެނިސްގެ ޓައިޑް މޮނިޓަރިން ސެންޓަރުން ބުނި ގޮތުގައި ކޮންމެ އަހަރެއްގެވެސް ބައެއް ދުވަސްތަކުގައި އެޑްރިއެޓިކް ކަނޑުގައި ދިޔަވަރު ބޮޑުވާ އިރު، އެސިޓީގައިވެސް ފެން ބޮޑުވާ ދުވަސްތަކާ ކުރިމަތިލާންޖެހެ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެސިޓީގައި ދިޔަވަރު ބޮޑުވި މިންވަރަށް މީގެ ކުރިން ދިޔަވަރު ބޮޑުވެފައި ވަނީ 1923ގަ އެވެ.

އޭގެ ސަބަބުން ވެނިސްގައި މީހުން ހިނގާ މަގުތަކާއި ދިރިއުޅޭ ގެތަކާއި ވިޔަފާރިތަކާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އަދި އިޓަލީގެ މީޑިއާތަކުގައިވާ ގޮތުން ފެން ބޮޑުވި ގެޔެއްގައި 78 އަހަރުގެ ފިރިހެނަކު ކަރަންޓުގައި ޖެހިގެން މަރުވި އެވެ.

ވެނިސްގެ މަގުތަކުގައި ފެން ބޮޑުވެފައި -- ފޮޓޯ: އީޕީއޭ

ވެނިސްގެ މޭޔަރު ލުއިޖީ ބްރަގްނާރޯ ވިދާޅުވި ގޮތުގައި އެހާދިސާގެ ސަބަބުން އެސިޓީއަށް ވަނީ އަގު ބޮޑު ގެއްލުންތަކެއް ލިބިފަ އެވެ. އަދި ދިޔަވަރު ބޮޑުވާ މައްސަލަ ގޯސްވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ވެނިސްގެ ކޯސްޓު ގާޑުން ވަނީ ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށް އެމްބިއުލާންސްގެ ގޮތުގައި އިތުރު ބޯޓުތައް ބޭނުން ކުރަން ފަށާފަ އެވެ.

އެޑްރިއެޓިކް ކަނޑުގައި ދިޔަވަރު ބޮޑުވާ ދުވަސްވަރު ވެނިސްގައި ފެންބޮޑުވުން ހުއްޓުވުމަށް 2003 ވަނަ އަހަރު ބިޔަ މަޝްރޫއެއް ފަށާފައިވީ ނަމަވެސް އެމަޝްރޫއުގެ މަސައްކަތްތައް ލަސްވުމާއި ފައިސާގެ މައްސަލަތަކާ ހެދި އެމަސައްކަތް އަދިވެސް ނިމިފައި ނުވެ އެވެ. މިދިޔަ އަހަރު ވެނިސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި އެމަޝްރޫއު ނިމޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް