ފަލަސްތީނުގެ ކޮމާންޑަރަކު ޝަހީދުކޮށްލުމާއެކު އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް

އިސްރާއީލުން ވައިގެ ހަމަލާދީ މިއަދު ޝަހީދުކޮށްލި ފަލަސްތީނުގެ ކޮމާންޑަރު ބަހާއު އަބުލްއަތާ

ޣައްޒާ (ނޮވެމްބަރ 12) : އިސްރާއީލުން މިއަދު ޣައްޒާއަށް އުދުވާނީ ހަމަލާތަކެއްދީ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ ކޮމާންޑަރެއްކަމަށްވާ ބަހާއު އަބުލްޢަޠާ ޝަހީދުކޮށްލި ޓެރަރިސްޓް ހަމަލާގެ އަގު ވޭންދެނިވި ގޮތެއްގައި އިސްރާއީލުން ދައްކަންޖެހޭނެކަމަށް އެޖަމާއަތުގެ ވެރިޔާ ޚާލިދު އަލް ބަތުޝް ވިދާޅުވެއްޖެއެވެ.

ބަތްޝު ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ ކޮންމެ ތަނަކަށް ކޮންމެ ބާވަތެއްގެ ހަމަލާތަކެއް ދިނުމުގެ ހައްގުވެސް ފަލަސްތީނަށް ލިބިގެންވާކަން އިސްރާއީލުގެ އަނިޔާވެރި ވެރިން ދަންނަންޖެހޭނެ ކަމުގައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންނާއި ކޮމާންޑަރުން ޝަހީދުކޮށްލުމުން ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ހުއްޓުވޭނެ ކަމަށް އިސްރާއީލުގެ ހަރުކަށި ވެރިން ދެކޭނަމަ އެއީ ހުވަފެނެއްކަމަށްވެސް ބަތުޝު ވިދާޅުވިއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ބަތުޝު ޝަހީދުކޮށްލީ އެކަމަށް ދުރާލައި ރާވައިގެން އެކަން ތަންފީޒުކުރަން މަސައްކަތްކުރާތާ 10 ދުވަސްފަހުން ކަމަށާ މިއީ އިސްރާއީލަށް ލިބުނު ކާމިޔާބެއް ކަމުގައެވެ. ބަތުޝު އަވަހާރަކޮށްލުމަށް އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި އޭނާގެ އަނބިކަނބަލުންވެސް ޝަހީދުވިއެވެ.

ބަތުޝާއި އޭނާގެ އަނބިކަނބަލުން ޝަހީދު ކޮށްލުމަށްފަހު އިސްރާއީލުންވަނީ ސީރިއާގެ ވެރިރަށް ދިމިޝްގަށް މިސައިލް ހަމަލާއެއްދީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އަކްރަމުލްޢަޖޫރީ އާއި އޭނާ ދަރިކަލަކުވެސް ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ މިއުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި ޓެލްއަވީވުގެ ކައިރީގައިވާ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފައެވެ.

އޭގެތެރެއިން ބައެއް ރޮކެޓްތައް ޓެލްއަވީވަށާއި އެރަށުގެ ދެކުނުގައިވާ ބައެއް ވިލެޖްތަކަށް އެރުމުގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިސްރާއީލުން އެއްބަސްވެފައިވެއެވެ. ފަލަސްތީނުގެ ހަމަލާތަކާ ގުޅިގެން ޓެލްއަވީވާއި އެ ސީޓީގެ ކައިރީގައިވާ ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު ރައްކާތެރިކަން ހޯދުމަށްޓަކައި ބިންގަރާސްތަކަށް ވަނުމަށް އިސްރާއީލުގެ ސިފައިން ވަނީ އާންމުންނަށް އަންގާފައެވެ.

މީގެ އިތުރުން ޣައްޒާއިން ފޮނުވާލި ރޮކެޓެއް އިސްރާއީލުގެ ހައިވޭއަކަށް އަކަށް އަރައި ހަތަރު މީހުން މިއަދުވަނީ ޒަޚަމްވެފައެވެ. އިސްރާއީލުގެ މެދުތެރޭގައިވާ "ޣާން ޔެފްނާ" ހައިވޭއަށް އަރާފައިވަނީ ޣައްޒާއިން ފޮނުވާލި ރޮކެޓެއްކަން އިސްރާއީލުންވަނީ ކަށަވަރުކޮށްދީފައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް