ކާށިދޫ އިން މަޖިލީހަށް ބަގީޗާ ގަސް ހަދިޔާކޮށްފި

ކާށިދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ އިދާރާއަށް ގަސް ހަދިޔާކުރުން -- ފޮޓޯ: މަޖިލިސް

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ކ. ކާށިދޫ އިން ރައްޔިތުންގެ މަޖިލީހަށް ބަގީޗާ ގަސް ހަދިޔާކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަސައްކަތް މަޖިލީހަށް ހަދިޔާ ކޮށްފައިވާ ކަމަށާއި އެކަމަށްޓަކާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ވަރަށް އެކަށީގެންވާ އަދަދަކަށް ބަގީޗާގަސް ކާށިދޫ އިން އެބަވޭ މި މަޖިލީހަށް ހަދިޔާ ކޮށްފައި. ކާށިދޫގެ ކުދިބޮޑު ރައްޔިތުންނަށް ޝުކުރު އަދާކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކާށިދޫ އަކީ ގަސް ހެއްދުމާއި ދަނޑުވެރިކަމުގައި ވަރަށް ކުރީގައިވާރަށެއް ކަމަށާއި، މިއަދު ރާއްޖޭގެ ރަށްރަށަށް ހާއްސަކޮށް ރިސޯޓުތަކަށް ބަގީޗާ ގަސް ވަރަށް ގިނަ އަދަދަކަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން މަޖިލިސް ރައީސް ވިދާޅުވީ ބަގީޗާ ގަހާއި ރުއްގަސް، ރިސޯޓުތަކަށް ނުވަތަ އަލަށް ހިއްކައިގެން ހަދާ ރަށްރަށަށް ގެންދާއިރު، އެކަމާ ގުޅޭ ޝަކުވާ ތިމާވެއްޓަށް ލޯބިކުރާ މީހުން އުފުލާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަމުގައި [ރުއްގަސް ގެންދިޔުމުގައި] ސާދާ ގަވައިދުތަކެއް، އުސޫލުތަކެއް އެބަވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރުއްގަހުގެ މަތިވަރު ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި ރާއްޖޭގައި އަލަށް އާ ރުއްގަސް ޖަހަންޖެހިފައިވާ ކަމަށެވެ.

ރުއްގަހަށް ޖެހޭ ބަލިތަކާ ގުޅޭގޮތުންވެސް މަޖިލިސް ރައީސް މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރުއްގަހަށް ބަލިޖެހިފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް މަޖިލީހުން ހަދަންޖެހޭ ގާނޫނާއި ގަވައިދުތައް ހަދަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ރައްޔިތުންގެ ފަރާތުން މަޖިލީހުގެ އިދާރާއަށް ހަދިޔާކުރި ގަސްތައް، މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިވަނީ މިއަދު އެވެ.

comment ކޮމެންޓް