ރައީސްގެ ބެޖާއި ބޭޑަން ޕަވަލް ބެޖު ފުރަތަމަ ފަހަރަށް އަންހެން ސްކައުޓުންނަށް

ރައީސްގެ ހާއްސަ އިނާމު ލިބޭ ސްކައުޓުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު --- ފޮޓޯ : ރައީސް އޮފީސް

ސްކައުޓުންނަށް ދޭ ޕްރެޒިޑެންޓްސް ސްކައުޓް ބެޖާއި ބޭޑަން ޕަވަލް ބެޖު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ސްކައުޓުންތަކަކަށް ލިބިއްޖެއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިން އިރު، ދެ އަންހެން ސްކައުޓަކަށް ވަނީ ފުރަތަމަ ފަހަރަށް "ޕްރެޒިޑެންޓް ސްކައުޓް ބެޖް" ލިބިފައެވެ.

އެގޮތުން "ޕްރެޒިޑެންޓް ސްކައުޓް ބެޖު" ލިބުނު ދެ އަންހެން ސްކައުޓުންނަކީ އައިމިނަތު އައިނާ އަލީ އާއި މަރިޔަމް ބަރުޝާ މުހައްމަދެވެއެވެ. މި ދެ ސްކައުޓުންގެ އިތުރުން ތިން ފިރިހެން ސްކައުޓަކަށްވެސް ޕްރެޒިޑެންޓް ސްކައުޓް ބެޖު މިރޭ ލިބުނެވެ. އެއީ އިސްމާއިލް ޖައިޝް ޖަލާލް، މުހައްމަދު މައުއިލް އަދި މުހައްމަދު އަކްމަލް ނަސީރެވެ.

މީގެ އިތުރުން ސްކައުޓު އަދި ގައިޑް މޫވްމަންޓުގައި ޒުވާނުންނަށް ދޭ އެންމެ މަތީ ބެޖު ކަމުގައިވާ ބޭޑެން ޕަވަލް ބެޖުވެސް ރާއްޖޭގެ ދެ އަންހެން ސްކައުޓަކަށް ލިބުނެވެ. އެއީ ފައިހާ އަބްދުﷲ އާއި ސައާދާ އަހުމަދެވެ. ފައިހާއާއި ސައާދާގެ އިތުރުން ހަތަރު ފިރިހެން ސްކައުޓަކަށްވެސް މި ބެޖު ލިބުނެވެ. އެއީ އަބްދުﷲ ޔާފިޒް އަހްމަދު، އިޒްހާން އަބްދުﷲ، އަލީ ތަހުނީކު އަހްމަދު އަދި މުހައްމަދު އިއުޖާޒް ޔަޒީދެވެ.

މީގެ އިތުރުންވެސް ދެ ސްކައުޓަކަށް މިރޭގެ ޖަލްސާގައި ވަނީ ހާއްސަ އިނާމެއް އަރުވާފައެވެ. އެއީ ރ. އިނގުރައިދޫގައި މޫދަށް މަސްހިފަން އެރެ އުޅެނިކޮށް، ގެނބެމުންދިޔަ ކުއްޖަކު ސަލާމަތްކުރި ދެ ސްކައުޓަކަށް އަރުވާ އިނާމެވެ. އެ ދެ ސްކައުޓުންނަކީ އަލީ ފައުޒަން އަދި ނިސާހު އަބުދުލްގަފޫރެވެ.

މަތީ ސާނަވީ އިމްތިހާނާއި ސާނަވީ އިމްތިހާނުން ދުނިޔެއިން އެއްވަނަ ހޯދާފައިވާ 16 ފަރާތަކަށްވެސް ވަނީ ރައީސްގެ ހާއްސަ އިނާމު މިރޭ އަރުއްވާފައެވެ.

comment ކޮމެންޓް