ބާބުރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން ކޯޓުން ހުކުމްކޮށްފި

ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެން ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ހައްދު ފަހަނައަޅި ހިންދޫން ނުކުމެ ތަޅާލި ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ނިންމުމާ އެކު ހިންދޫންނަށް 2.77 އޭކަރުގެ އެ ބިމުގައި ފައްޅި އެޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ. އަދި އޭގެ ބަދަލުގައި ފަސް އޭކަރުގެ އެހެން ބިމެއް މުސްލިމުންނަށް ދޭން ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ސޯޅަ ވަނަ ގަރުނުގައި ބިނާކުރި ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫން ގަބޫލުކުރާ ރާމް ކަލާންގެ އުފަންވި ބިންކަމަށް އެމީހުން ދައުވާ ކުރެ އެވެ.

ހަރުކަށި ހިންދޫން ނުކުމެ ބާބްރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރު އެވެ. އެ މިސްކިތް ތަޅާލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2000 އެއްހާ މީހުން މަރުވި އެވެ.

ސުޕްރީމް ކޯޓުން ހުކުމް އިއްވި އިރު އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ސޯޝަލް މީޑިއާ ވެސް މޮނީޓާކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުގެ ކޮލެޖުތަކާއި ފިހާރަތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް