ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަައް ހިންގަން ބިން ހުސްކުރަން ބޭނުންވާނަމަ ޖެހޭނީ ރުއްގަސް ނަގަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި، އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެގަރާރުގެ ބަހުސް މަރުހަލާ މިދިއަ ހަފްތާގައި މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ތަރައްގީއަށް ހުރަސް އަޅާ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށެވެ. އަދި ތަރައްގީގެ ޕްރޮޖެކްޓެއް ރުއްގަސް ނުކަނޑާ ނުހިންގޭނެ ކަމަށާއި، ފުޓުބޯޅަ ދަނޑެއް އަޅަން ވިޔަސް ވޮލީ ކޯޓެއް އަޅަން ވިސްޔަސް އެޅޭނީ ހަމަ ރުށްގަސް ކަނޑައިގެން ކަމަށް އަބްދުލްޣަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދާއިރާގައި ވެސް ހަމަ ފުޓްބޯޅަދަނޑެއް އަޅަން ވެއްޖެއްޔާ ހަމަ ރުއްގަސް ނަގަންޖެހެނީ. ނެތް ނުނަގާ ހަމަ އެންމެ ބިންކޮޅެއް ވެސް ހުހަށް އޮތް. އަޅުގަނޑުމެން ތަރައްޤީގެ ވާހަކަ ދައްކާއިރު، ތަރައްޤީއަށް އަޅުގަނޑުމެން ހުރަސްއަޅާ ބަޔަކަށް ވެސް ވެގެންނު ވާނެ. އެހެންކަމުން، ރުއްގަސް ނަގަންޖެހޭ ހާލަތެއްގައި ރުއްގަސް ނަގަންޖެހޭނެ. ނަގައިގެން އެކަން ކުރެވޭނީ." ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިންވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން ރުށް ނެގި ކަމަށެވެ. ނަމަވެސް އޭރު އެ ރުށްތައް ގެންގޮސް އަންދާލާކަން ފާހަގަކޮށް އަބްދުލްޣަފޫރު ވިދާޅުވީ މިހާރު އެގޮތަށް ނަގާ ރުށްތައް ގެންގޮސް އެހެން ތަންތަނުގައި ޖަހަމުންދާ ކަމަށެވެ. ތަންތަނުން ނަގާ ރުށްގަސް ގެންގޮސް އެހެން ތަންތަނުގައި އިންދީމަ އެކަމުގެ ފައިދާ ކުރާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
އެއްވެސް ސަބަބެއް ނެތި ރަށްރަށުން ރުށްގަސް ނަގައިގެން ވިއްކައި ހަދައިގެން ނުވާނެ ކަމަށް އަބްދުލްޣަފޫރު ގަބޫލުކުރެ އެވެ. އެކަމަކު ތަރައްގީގެ މަޝްރޫއުތަކަށް ބިން ސާފު ކުރުމަށް ރުށްގަސް ނަގައިގެން ގެންގޮސް ހުސް ބިމެއްގައި އިންދުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން، އެއްވެސް ސަބަބެއް ނެތި ރަށްރަށުގައި ރުއްގަސް ވިއްކައިގެންނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ބޭނުންވާ ބިން ސާފުކުރަންޖެހުނީމާ އެ ބިމުގައި ހުރި ރުއް ގަސް ގެންގޮސް، ހިއްކާފައި އޮތް ރަށެއްގައި ނުވަތަ އެހެން ރަށެއްގައި އެ ގަސް އިންދައި ހެދުމަކީ އޭގެ ޒާތުގައި ހަމަ އެއްވެސް މައްސަލައެއް ހުރި ކަމެއް ނޫން" މެމްބަރު އަބްދުލްޣަފޫރު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވިދާޅުވީ މެމްބަރު އަލީ ހުސައިން އެ ގަރާރު ހުށަހެޅުއްވީ ބަލަންވީ ވަރަށް ނުބަލާ ކަމަށެވެ. މިހާރު ތަރައްގީގެ ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުވެ ވަރަށް ގިނަ ޕްރޮޖެކްޓްތައް ރަށްރަށުގައި ހިންގަން ޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ނަމަ ރުއްގަސް ނަގަން މަޖުބޫރުވާ ކަމަށެވެ.
"މިސާލަކަށް، މަގެއް ހެދުން އެއީ ހަމަ މީހުން ދިރިއުޅޭ ރަށެއްގައި އާބާދީ ދެ ހާސް، ދެ ހާސް ފަސް ސަތޭކައަށް އަރައިގެންދާއިރު ކުރަންޖެހޭ ކަމެއް." ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަޔަގީނުން ވެސް ގަބޫލުކުރަނީ އެއީ ރާއްޖޭގެ ރަށެއް ކަމަށް ވަންޏާ ރާއްޖޭގެ
އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންގޮސް ބަދަލުކުރުމަކީ އެއީ ހަމަ އެއްވެސް މައްސަލައެއް ނޫން." ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު
ބައެއް ރަށްރަށުގައި ރުށް ގިނަ ވެގެން ރުށްހެދޭނެ ޖާގަ ނެތުމަކީ މައްސަލައެއް ކަމަށް ވަހީދު ވިދާޅުވި އެވެ. އޭނާ ގޮވާލީ ކައިރި ކައިރީ ހެދިފައި ހުރި ރުއްތަށް ނަގާފައި ރުށް ހެދޭނެ ޖާގަ ހޯދައިދޭން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މަސައްކަތް ކުރުމަށެވެ.
"ރުއް ދަނޑު ދަނޑުގައި ރުއްތައް 10 އަކަފޫޓުގައި ފަންސާސް ، ފަސް ދޮޅަސް ރުއް އެބަހެދޭ. ރުއްތައް އެ އޮތީ ނެހެދެވިފައި ބައެއް ހިސާބުތަކުގައި." ވަހީދު ވިދާޅުވި އެވެ.
މެމްބަރު އަލީ ހުސައިން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކަށް ގެންދާ މައްސަލަ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި އަދި ރަށްރަށުގައި އެކި ކަހަލަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ، ރުއްގަސް މުލުން ލުހެގެން ގެންދިއުން އާއްމު ކަމަކަށް ވެފައިވާ ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގެ މީހުން ދިރުއުޅޭ ރަށްރަށުންނާއި، ފަޅުރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ފުޅާ
ދާއިރާއެއްގައި ރުއް ގަސް ނަގައިގެން ގެންދާތީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށާއި، ހުއްޓުވުމަށް މަޖިލީހަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.