އުއްތަމަ ފަނޑިޔާރު ޖޭއެސްސީގެ ތަހުގީގު ގަބޫލެއް ނުކުރި، ރިޕޯޓް އަނބުރާ ފޮނުވާލައިފި

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުކޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓު ފޮނުވުމުން، އެ ރިޕޯޓު ގަބޫލު ނުކޮށް އަނބުރާ ޖޭއެސްސީއަށް ފޮނުވާލައިފި އެވެ.

ޖޭއެސްސީއިން ތަހުގީގު ކުރި އުއްތަމަ ފަނޑިޔާރުގެ ސުކޫލި މައްސަލައިގެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވީ މިއަދު އެވެ. ޖޭއެސްސީއިން ބުނެފައިވަނީ އެ ރިޕޯޓު ފޮނުވީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީއާ ހަވާލު ކުރުމަށް ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން އެ ރިޕޯޓު ސުޕްރީމް ކޯޓަށް ފޮނުވުމުން އެ ރިޕޯޓުގައި އުއްތަމަ ފަނޑިޔާރު ނުހިއްޕެވި އެވެ. އަދި އަނބުރާ ގެންގޮސް ޖޭއެސްސީގެ ކައުންޓަރު މަތީގައި ވަނީ އެ ރިޕޯޓު ބާއްވާފަ އެވެ. އެ ރިޕޯޓު ޖޭއެސްސީގެ ކައުންޓަރު މަތީގައި އޮއްވައި 'ސަން' ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

އެނގިފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފަކު ޖޭއެސްސީއަށް ގުޅައި އެ ތަހުގީގު ޖޭއެސްސީއަށް ނުހިންގޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ. އަދި އެ ރިޕޯޓު ގަބޫލު ނުކުރާ ކަަމަށްވެސް އުއްތަމަ ފަނޑިޔާރާ ހަވާލާދީ އިދާރީ މުވައްޒަފު ވަނީ ޖޭއެސްސީއަށް އަންގާފަ އެވެ.

ޖޭއެސްސީއިން ބަލައި ނިންމައި އުއްތަމަ ފަނޑިޔާރަށް ފޮނުވި ރިޕޯޓަކީ ސުޕްރީމް ކޮޓުން ބަލާފައިވާ ގާނޫނުއަސާސީއާ ހިލާފު މައްސަލަތަކާ ގުޅިގެން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓުކަން ވަނީ އެނގިފަ އެވެ. ޖޭއެސްސީއިން ތައްޔާރު ކުރި ރިޕޯޓެއްގައި ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ބަލާފައިވާ 17 މައްސަލައެއްގެ ވާހަކަ ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ޖޭއެސްސީއިން ދިން ނަސޭހަތް އުއްތަމަ ފަނޑިޔާރު ގަބޫލުނުކުރި މައްސަލައެއްވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް