ސްޓެމް ފެސްޓިވަލްގެ ހޯސްޓް ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފި

ސްޓެމް ފެސްޓިވަލްގެ ހޯސްޓް ޕާޓްނަރަކަށް އެޗްޑީސީ ހަމަޖެއްސުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ވިމެން އިން ޓެކް

ރާއްޖޭގެ ޖަމިއްޔާއެއް ކަަމަށްވާ ވިމެން އިން ޓެކްއިން އިންތިޒާމް ކޮށްގެން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް (ސްޓެމް)އާ ގުޅޭގޮތުން މާދަމާ ފަށާ، "ސްޓެމް ފެސްޓިވަލް 2019"ގެ ހޯސްޓް ޕާޓްނަރަކަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަަމަޖައްސައިފި އެވެ.

މިއަދު ހެނދުނު އެޗްޑީސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެޖޭނިން ޑައިރެކްޓަރި ސުހައިލް އަހުމަދުއެވެ. އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން ސޮއެކުރެއްވީ އެންޖީއޯގެ ރައީސް ހަފްސަތު އަލީމެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ އެ ފެސްޓިވަލްގެ އިވެންޓްގެ އެގްޒިބިޓަރެއްގެ ގޮތުގައިވެސް އެޗްޑިސީން ބައިވެރިވާނެއެވެ. އެގޮތުން ހުޅުމާލޭގައި ތައާރަފްކޮށްފައިވާ ސްމާޓް ސިޓީ ކޮންސެޕްޓްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ދައްކާލުން މި ސްޓޯލްގައި ކުރިއަށް ދާނެއެވެ.

އޭގެ އިތުރުން އެޗްޑީސީ އިން ހިންގާ ސިލްސިލާ ޕްރޮގްރާމެއް ކަމަށްވާ މަންސާ، ހުކުރު ދުވަހުގެ ރޭ ކުރިއަށް ދާނެއެވެ.

މިއީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް) ދާއިރާގައި ހަރަކާތްތެރިވާ އެކި އެކި ފަރާތްތަކުން ދެއްވާ ޚިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށް ވިމެން އިން ޓެކް އިން ބުންޏެވެ. އަދި ބުނީ އޭގެ ސަބަބުން ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު އާންމުންނާއި ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް މިދާއިރާގައި ލިބެން ހުރި ޚިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމް މިފަހަރު ކުރިއަށް ގެންދަނީ ސްޓެމް ފެސްޓް 2019ގެ ތީމާއި ގުޅުވައިގެން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފީލްޑަށް އޮތް ޑިމާންޑް އަދި އައިސްފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުންނެވެ. އަދި އެ މިޕްރޮގްރާމްގައި ސްޓެމް ފީލްޑްތަކުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އެދާއިރާ ކުރިއަރުވަން މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުން ވާހަކަ ދައްކަވާނެއެވެ.

އެ ފެސްޓިވަލް އޮންނާނީ ދެދުވަހުގެ ވެސް ހަވީރު 4 އިން ފެށިގެން ރޭގަނޑު 11 ޖެހުމާ ހަމައަށެވެ. ފެސްޓިވަލްގައި މިހާތަނަ 20 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިރައިން އަދި މެތަމެޓިކްސް މި ހަތަރު ދާއިރާ ހިމެނޭ ގޮތަށް އެކި ފަންތީގެ އިދާރާތައް ހިމެނެއެވެ. މީގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް އަދި ސްޓާޓްއަޕްތަކާއި އެންޖީއޯ އަދި ޔުނިވަރސިޓީ ވެސް ހިމެނެއެވެ.

ފެސްޓިވަލްގެ ޕާރޓްނަރުންނާއި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު މަޢުލޫމާތު ވިމެން އިން ޓެކް މޯލްޑިވްސްގެ ޓްވިޓާ އަދި ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

comment ކޮމެންޓް