އިދާރީ ބަދަލުތައް އެބަ ގެންނަން، ފަނޑިޔާރުންގެ ދައުރު ކުޑައެއް ނުކުރަން: ޑީޖޭއޭ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު (މ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރަމުން ދާކަމަށާއި އެކަމަކީ އެއްވެސް ހާލެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ ހައިސިއްޔަތު ކުޑަކޮށް ފަނޑިޔާރުންގެ ދައުރު ކުޑަކުރުމަށް ކުރާކަމެއް ނޫންކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަކީ ގާނޫނުން ޑީޖޭއީއަށް މަތިކޮށްފައިވާ ކަމެއްކަމަށާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތައް ބެލެހެއްޓުންވެސް ހަވާލުވެގެން ވަނީ އެ އިދާރާއަށް ކަމަށެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާ މި ދަނޑިވަޅުގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ތައައްސުބުން އެއްކިބާވެ މުސްތަގިއްލުކަމާއި މިނިވަންކަމާއެކު އަދާކުރުމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"މިކަމަކީ އެއްވެސް ހާލެއްގައި ކޯޓު ހިންގުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ފަނޑިޔާރުގެ ހައިސިއްޔަތު ކުޑަކޮށް އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކުރަން،" ޑީޖޭއޭއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް ޑީޖޭއޭއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި އުއްތަމަފަނޑިޔާރު އެހެން ވިދާޅުވެ ނެރުނު ބަޔާނަށްފަހު، ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލަށް އުއްތަމަ ފަނޑިޔާރު އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ބަލަން ފަށައިފައެވެ.

comment ކޮމެންޓް