ރަކީދޫގައި ހަދާ ސުކޫލަކަށް ކިޔަންވީ "އިބްތިހާލް": ނަޝީދު

އިބްތިހާލް

ވ. ރަކީދޫގައި ސްކޫލެއް ގާއިމު ކުރާނަމަ، 2015 ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލި މުހައްމަދު އިބްތިހާލްގެ ނަމުން އެ ސްކޫލަށް ނަން ދިނުމަކީ ރަނގަޅު ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ދިއްގަރު ދާއިރާގެ އިކްރާމް ހަސަން ވަނީ ރަކީދޫގައި ސްކޫލެއް ނެތި 12 އަހަރުވެފައި ވާއިރު، ސަރުކާރުން އެރަށާ މެދު ގެންގުޅޭ ޕްލޭން އޮޅުންފިލުވައިދިނުމަށް މިނިސްޓަރުގެ ފަރާތުން އެދިފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަކީދޫއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި، އެރަށުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

އެހެންކަމުން ރަކީދޫގައި ސްކޫލެއް ގާއިމު ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ ސާވޭ އެއް މިހާރު މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ކިހާ ފީސިބަލް ތޯ އެރަށުގަ ސްކޫލެއް ގާއިމުކުރަން. ކޮން ގްރޭޑްތަކެއްތޯ އަޅުގަނޑުމެންނަށް ކިޔަވާ ދެވޭނީ. އެހެންވީމަ ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް އެބަ ކުރިއަށް ދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައަށްފަހު ނަޝީދު ވިދާޅުވީ އެރަށުގައި ސްކޫލެއް ގާއިމުކުރާނަމަ، އެ ސްކޫލަށް އިބްތިހާލްގެ ނަން ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރަކީދޫގައި މަދަރުސާއެއް ހައްދަވައިފި ނަމަ އަޅުގަނޑު ހިތުން އެ މަދަރުސާއަށް އިބްތިހާލްގެ ނަމުން ނަން ދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވިދާނެ،" ނަޝީދު ވިދާޅުވިއެވެ.

ތިން އަހަރުގެ އިބްތިހާލް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނީ ގޭ ތެރެއިންނެވެ. އިބްތިހާލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށެވެ. އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

comment ކޮމެންޓް