ސްޓޭޓުތަކުގެ ސަރުކާރުން ވަނީ މީހުން މަރުވާން ދޫކޮށްލާފައި: އިންޑިއާ ސުޕްރީމް ކޯޓު

ވައި ނުސާފުވުމުގެ ސަބަބުން ދިއްލީގެ ސްކޫލުތަކަށް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ މާސްކު ބަހާފަ -- ފޮޓޯ: ޕީޓީއައި

ދިއްލީ (ނޮވެމްބަރު 5): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވާ މައްސަލައިގައި ސްޓޭޓުތަކުގެ ސަރުކާރުން ވަނީ މީހުން މަރުވާން ދޫކޮށްލާފައި ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނެފި އެވެ.

ދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި ހާއްސަ އަޑު އެހުމެއްގައި ފަނޑިޔާރުން ވަނީ ޕަންޖާބާއި ހަރިޔާނާ އާއި ވެސްޓަން އުއްތަރަ ޕްރަދޭޝްގެ އިސް އޮފިޝަލުން ހާޒިރުކޮށް، އެސްޓޭޓުތަކުގެ ސަރުކާރުން ބޭނުންތެރި ފިޔަވަޅުތައް ނާޅާ ކަމަށް ވިދާޅުވެފަ އެވެ.

ޕަންޖާބާއީ ހަރިޔާނާގައި މިދުވަސްވަރު ގޮވާން ކަނޑާފައިވާ ދަނޑުތައް އެންދުމާ ގުޅިގެން ދިއްލީގެ ވައިގައި ނުރައްކާތެރި އެތިކޮޅުތައް ނުވަތަ ޕީއެމް2.5 ހުރި މިންވަރު މިހާރު ވަނީ ރައްކާތެރި މިންވަރަށް ވުރެ 10 ގުނަ އިތުރުވެފަ އެވެ.

"އަޅުގަނޑުމެންނަށް މިފަދަ ޖައްވެއްގައި ދިރިއުޅެވޭނެތޯ؟ ގޭތެރޭގައި ވެސް އެއްވެސް މީހަކަށް ރައްކާތެރި ކަމެއް ނެތް. ތިޔަ ބޭފުޅުން ވަނީ މީހުން މަރުވާން ދޫކޮށްލާފައި. އަދި [ވައި ނުސާފުވުމުގެ] އަސަރު ވަނީ ތި ދެ ސްޓޭޓަށް [ޕަންޖާބާއި ހަރިޔާނާއަށް]ވެސްކޮށްފައި. މިއީތޯ ޕަންޖާބާއި ހަރިޔާނާގައި މިހާރު އޮތް ސަރުކާރަކީ؟" ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވި އެވެ.

އޭގެ ސަބަބުން ސުޕްރީމް ކޯޓުން ވަނީ ޕަންޖާބާއި ހަރިޔާނާގެ ދަނޑުތަކުގައި ރޯކޮށްފައިވާ އަލިފާންގަނޑުތައް ނިއްވާލާ، އެކަމާ ބެހޭ ރިޕޯޓެއް މާދަމާ ކޯޓަށް ހުށަހެޅުމަށް އަންގާފަ އެވެ. އަދި ދިގު މުއްދަތުގައި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް މަގުޗާޓެއް އެކުލަވާލުމަށް ދިއްލީ އާއި ޕަންޖާބާއި ހަރިޔާނާގެ ސަރުކާރަށް އަންގާފަ އެވެ.

ދިއްލީގައި އިތުރަށް ވައި ނުސާފުވުން ކުޑަ ކުރުމަށްޓަކައި އެސިޓީން ވަނީ އިއްޔެއިން ފެށިގެން މިމަހުގެ ފަނަރަ އާ ހަމައަށް ދިއްލީގެ މަގުތަކުގައި ޕްރައިވެޓް ކާރުތައް ދުއްވޭނީ ލައިސެންސް ޕްލޭޓް ނިމޭ ނަމްބަރަށް ބަލާފައި ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން އެއް ދުވަހު ދުއްވާނީ އޮނަހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރު ތަކެވެ. އަނެއް ދުވަހު ދުއްވާނީ ހިރި އަދަދަކުން ލައިސެންސް ޕްލޭޓް ނިމޭ ކާރުތަކެވެ. އަދި އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

މީގެ ކުރިން ވެސް ދިއްލީގައި ޓެސްޓުކޮށްފައި އެ "އޮޑް-އީވެން ސިސްޓަމް"ގެ ފައިދާތަކާ ބެހޭ ރިޕޯޓެއް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެކޯޓުން ވަނީ އަންގާފަ އެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރިވާލް ވަނީ އެސިޓީއަކީ ގޭސް ޗޭމްބަރެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެސިޓީގެ ސްކޫލުތަކަށް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ މާސްކު ބަހާފަ އެވެ.

comment ކޮމެންޓް