އެވިޑް ކޮލެޖުން 713 ދަރިވަރުން ދަސްވެނިވެއްޖެ

އެވިޑްކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: މިހާރު

ރާއްޖޭގެ އެންމެބޮޑު އެއް ޕްރައިވެޓް ކޮލެޖްކަމުގައިވާ އެވިޑް ކޮލެޖުން 713 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ދަރިވަރުންނަށް ވަނީ ދަސްވެނިވިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑރ. ޢަބްދުﷲ ޝިހާމް އެވެ.

ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ތިބެގެންނާއި މާލޭގަ ހުންނަ އެވިޑް ކޮލެޖްއިން ކޯސްތައް ފުރިހަމަ ކުރި ދަރިވަރުން ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓްލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ، އެސޯސިއޭޓް ޑިގްރީ، އަންޑާ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ޓޮޕް އެޗީވާޒް ހާސިލްކުރި 17 ދަރިވަރަކާއި ޗެއާމަން އެވޯޑް ހާސިލްކުރި އެއް ދަރިވަރަކާއި އަދި ޗެއާމަން ޑައިމަންޑް އެވޯޑް ހާސިލްކުރި އެއް ދަރިވަރަކަށް ވަނީ އެވޯޑްވެސް އަރުވައިފަ އެވެ.

އެވިޑް ކޮލެޖަކީ މިހާރު ވެސް ފަނަރަސަތޭކަ އަށް ވުރެ ގިނަ ދަރިވަރުން އެކިއެކި ދާއިރާތަކުން އެކިއެކި ލެވެލްތަކުގައި ކޯސްތައްފުރިހަމަކުރަމުންދާ ކޮލެޖެކެވެ. ކޯސްދާއިރާތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯރސްމެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް ، ޓީޗިން ، ކައުންސެލިންގް، ސައިކޮލޮޖީ އަދި ޝަރީއާ އެންޑް ލޯ ފަދަ ދާއިރާތައް ހިމެ އެވެ.

އެވިޑް ކޮލެޖުން ހިންގާ 15 ޕްރޮގްރާމެއް ރާއްޖޭގެ 22 ރަށެއްގައި މިހާރު ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް