ބަޖެޓް 2020: 20،000 ފްލެޓަށް 600 މިލިއަން ރުފިޔާ

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އިއުލާނުކޮށްފައިވާ 20،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފަށަން ނިންމައި، ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ 20،000 ހައުސިން ޔުނިޓުގެ ޕްރޮގްރާމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ކުރިއަށްގެންދާނެ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކަށް 359 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައިވާނެ ކަމަށެވެ.

ގެދޮރު އިމާރާތް ކުރުމަށް ދޭ އީކުއިޓީގެ ގޮތުގައި 600 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެ ކަމަށާއި ހައުސިން ފައިނޭންްސް ކުޑަރޭޓެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އާންމުކޮށްފައިވާ ސްޓްރެޓެޖިން އެކްޝަން ޕްލޭނުގައި ބުނެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު 20،000 ހައުސިން ޔުނިޓު ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީގެދޮރުއެޅުމަށް ފައިނޭންސްދޭ އިދާރާތަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުންވެސް އެކި ސަރަހައްދުތަކުގައި ގެދޮރު އަޅާނެ ކަމަށެވެ. އަދި ހައުސިންލޯނުގެ އިންޓްރެސްޓު ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ބުނެފައިވެއެވެ.

ކުޑައަގެއްގައި ބޯހިޔާވަހިކަން ދިނުމަށް އަޅާ 5000 ހައުސިން ޔުނިޓުގެ މަސައްކަތް އަތޮޅުތަކުގައި މިހާރު ވަނީ ފަަށައިފަ އެވެ. މި ތަންތަނުގެ ކުލި 6000 ރުފިޔާ އަށްވުރެ ބޮޑެއް ނުވާނެ އެވެ. ސަރުކާރުން ނިންމާފައިވަނީ ރަށްރަށުގައި ހުރި ފަޅުގެތަކާއި ގޯތިތަކުގައި ގެދޮރު އެޅުމުގެ ތަނަވަސްކަންނެތް މީހުންނަށް ހެޔޮ އަގުގައި ލޯނު ދީގެން އެމީހުންނަށްވެސް ގެދޮރު އެޅޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ ހައުސިން މަޝްރޫއު މި މަހު ފަށާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން އިއުލާނު ކުރައްވާފައިވަނީ 4200 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފައްޓަވާނެ ކަމަށެވެ.

comment ކޮމެންޓް