ސެޕްޓެމްބަރު މަހު މާލޭގެ އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަލިފާން ރޯވި އިމާރާތްތަކަށް ވަދެ، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ ނުވަ ބޭކަލެއްގެ އަގު ވަޒަންކޮށް، އެ ބޭކަލުންނަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަރުވައިފިއެވެ.
މިރޭ ކަޅުތުއްކަލާކޮށީގައި ކުރިއަށް ދިޔަ، 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ސިފައިންގެ ނުވަ ބޭކަލަކަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ދެނީ އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި، ދޭ މެޑަލެކެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_157280184464qxsb.jpg)
މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އަލިފާން ރޯވި އިމާރާތްތަކަށް ވަދެ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރި ސިފަައިންގެ ބޭކަލަކަށް ހިތްވަރުގަދަކަމުގެ ރިހި މެޑަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބުނު ސިފައިންގެ ބޭކަލުން:
- ސާޖަންޓް އަހްމަދު ސައީދު
- ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު
- ސާޖަންޓް އަލީ ރިޒްވީން
- ސާޖަންޓް އާދަމް ފަޒީލް
- ސާޖަންޓް ހުސައިން އަންވަރު
- ކޯޕްރަލް އަހްމަރު އަނަސް ޒަކީ
- ކޯޕްރަލް އަހްމަދު ހިޝާމް
- ކޯޕްރަލް ޝަހުދާން ނަސީމް
- ޕްރައިވެޓް އިސްމާއިލް ރިހުޝާން
އެމްއެންޑީއެފުން ބުނީ، މި ނުވަ ބޭކަލުންނަށް މި މެޑަލް ދިނުމަށް ނިންމީ، އަލިފާން އެންމެ ބޮޑަށް ރޯވި ގެތަކުގެ އެކި ފްލޯތަކުގައި ނުނިކުމެވިފައި ތިވި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ދެއްކި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން ކަމަށެވެ.
ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނަކުން އުފެދުނު އަލިފާންގަނޑު އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އިމާރާތްތަކަކަށް ފެތުރިގެން ދިޔަ އިރު، އެ އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމާއި، އިތުރަށް މީހުން ތާށިވެފައި ތިބިތޯ ބެލުމަށް އެތަންތަނަށް އެކި ފަހަރު މަތިން އެ ސިފައިން އެރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ހާދިސާ ހިނގި ރޭ ސިފައިންގެ އެ ބޭކަލުން ހިތްވަރު ނުދައްކަވައި، އަދި އެ ނުރައްކާތަކާ ކުރިމަތިނުލެއްވިނަމަ އާންމު ރައްިތުންގެ ތެރެއިން ކިތަންމެ ބައެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ތިބޭފުޅުން އެރޭ ސާބިތުކޮށްދެއްވީ ދިވަހި ގައުމަށާއި ދިވެހި ރައޔްިތުންގެ ހައގްުގައި ފުރާނައިން ގުރުބާންވުމުގެ ހިތްވަރާއި އަޒުމް ތިބޭފުޅުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާކަން. ސިފަވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެންފައިވާކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސިފައިންގެ އިތުރު 11 ބޭކަލަކަށް ހިތްވަރުގަދަކަމުގެ ކުލަވެސް ވަނީ އަރުވާފައެވެ. މި 11 ބޭކަލުންނަށް ކުލަ ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.
ހިތްވަރުގަދަކަމުގެ ކުލައަކީ ހަނގުރާމައިގެ ހަލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ، ނަމަވެސް ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތްތަކަށް ދެވޭ ކުލައެކެވެ. ނުވަތަ ދިމާވާ ނުރައްކާތެރި ހާދިސާއެއގައި ހިތްވަރުގަދަ ކަމެއް ކުރުމުން، ނުވަތަ ބަޔަކަށް ދިމާވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރުން، ނުވަތަ ގައުމުގެ އަމަން އަމާންކަމާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި އަދި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތަކަށް ދެވޭ ކުލައެކެވެ.
ހިތްވަރުގަދަކަމުގެ ކުލަ މިރޭ ލިބުނު 11 ސިފައިންގެ ބޭކަލުން:
- ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް
- ސާޖަންޓް ޝައުކަތު އަމީން
- ސާޖަންޓް ހަސަން ތައުފީގު
- ކޯޕްރަލް އަބްދުﷲ ރަޝީދު
- ކޯޕްރަލް އިބްރާހިމް ނާޒިފް
- ކޯޕްރަލް އަބްދުއްރަޝީދު މުހައްމަދު
- ކޯޕްރަލް އަހްމަދު ރަޝީދު
- ލާންސް ކޯޕްރަލް ނަސްރުﷲ އަލީ
- ލާންސް ކޯޕްރަލް އަދުނާން އަބްދުއްރަހީމް
- ޕްރައިވެޓް އިބްރާހިމް އިމްތިޔާޒް
- ޕްރައިވެޓް އިސްމާއިލް ރިހުޝާން