ބޮޑު އަގު ދީގެން ރާއްޖެ އިސްތިހާރުކުރަނީ ރެލިގޭޝަންގައި އޮތް ޓީމަކާއެކު

މިނިސްޓަރ އަލީ ވަހީދު ސެލްޓާ ވީގޯގެ ހެޑް ކުއާރޓާއަށް ވަޑައިގެން އެކުލަބުގެ އޮފިޝަލް ފިހާރު ބަައްލަވާލައްވަނީ --- ފޮޓޯ/ ހާފްކޯޓް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މާދަމާ ސްޕެއިންގެ ސެލްޓަ ވީގޯއާއެކު ބޮޑު އަގެއް ދީގެން އެއްބަސްވުމެއްގައި ސޮއިކުރާ އިރު އެ ކުލަބު މިވަގުތު އޮތް ހާލަތުން އަންނަ ސީޒަނުގައި ލީގުންވެސް ގެއްލިދާނެކަމުގެ ބިރު އޮތީ ހީވެފައެވެ.

ރެއާލް ކުލަބް ޑެ ސެލްޓަ ވީގޯ އަކީ 1923 ވަނަ އަހަރުގެ އޮގަސްޓް 23ގައި ސްޕެއިންގެ ވީގޯގައި އުފެދުނު ޒަމާންވީ ކުލަބަކެވެ. އުމުރުން 96 އަހަރުގެ ދިގު ތާރީހެއް އޮތް ކުލަބެއް ނަމަވެސް ސެލްޓަ ވީގޯއަކީ ފުޓުބޯޅާގައި މިހާތަނަށް މާ ބޮޑު ކާމީޔާބީއެއް ލިބިފައި ނުވާ އަދި މާ ބޮޑު ފޭންބޭސްއެއްވެސް އޮތް ކުލަބެއް ނޫނެވެ. އެ ކުލަބަށް މިހާތަނަށް ސްޕެނިޝް ލީގު އަދި ކޮޕަ ޑެލް ރޭގެ އިތުރުން ޔޫރަޕުގެ ބޮޑު މުބާރާތެއްގައިވެސް މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ. އެ ޓީމަށް ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1970 އަދި 1971 ވަނަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަވަނަ ލިބުމެވެ.

މިނިސްޓަރު އަލީ ވަހީދު ސެލްޓާ ވީގޯގެ ހެޑް ކުއާރޓާއަށް ވަޑައިގެން އެކުލަބުގެ އޮފިޝަލް ފިހާރު ބަައްލަވާލައްވަނީ --- ފޮޓޯ/ހާފްކޯޓް

ސެލްޓަ ވީގޯގެ ހޯމް ސްޓޭޑިއަމަކީ އަބަންކާ ބަލައިދޯސްއެވެ. މިއީ 29،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ސްޕެއިންގެ ދެކުނުގައި އޮންނަ ވީގޯގެ މި ކުލަބު ވަނީ ދާދި ފަހުންވެސް ރެލިގޭޝަނަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމު ފަސް އަހަރު ވަންދެން ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި އޮވެފައި އެނބުރި ލީގަށް 2012 ވަނަ އަހަރު އައި ފަހުންވެސް ލީގުގައި މާ ބޮޑެތި މޮޅުތަކެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު އެ ކުލަބު ސިފަކުރަނީ ލީގުގެ "އާދައިގެ" ކުލަބެއްގެ ގޮތުގައެވެ.

އެ ޓީމު މިވަގުތު އޮތީ ވެސް ތާވަލުގެ 18 ވަނައިގައި ލީގުގެ ރެލިގޭޝަން ޒޯނުގައެވެ. މިހާތަނަށް 11 މެޗު ކުޅެ ނުވަ ޕޮއިންޓް ލިބިފައިވާ އިރު ގެއްލުމުގެ ގޮތުގައި އަށް ގޯލު އެބައޮތެވެ. އެހެންކަމުން މިގޮތުގައި އޮވެ އަންނަ ސީޒަނުގައި އެ ޓީމަށް ލީގުން ޖާގައެއް ލިބުމަކީ އެއްވެސް ޔަގީންކަމެއް އޮތް ކަމެއް ނޫނެވެ. ކުލަބު ކިތަންމެ ދަށުގައި އޮތަސް ބައެއް މީހުނަށް އެ ކުލަބަކީ ރަންގަނޑެކެވެ. އެއީ އެ ސިޓީގައި އުޅޭ ނިސްބަތުން މަދު މީހުންކޮޅަކާއި ކުލަބުގެ ސްޕޮންސަރުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ސެލްޓަ ވީގޯއާއެކު މާދަމާ، ތިން އަހަރަށް ދެމިގެންދާ އަދި އަހަރަކު 900،000 ޑޮލަރުގެ އިޝްތިހާރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރާއިރު، މި ބޮޑު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ކުރާނެ މާ ބޮޑު ފައިދާއެއް އޮތްތޯ، މިއީ މިކަމާ ކަންބޮޑުވާ މީހުން ކުރަމުން އަންނަ ސުވާލެކެވެ.

މިނިސްޓަރު އަލީ ވަހީދު ވީގޯއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ހާފްކޯޓް

އެކަމާ ނުރުހި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޑުވެސް ކިޔަމުންނެވެ. ސްޕެނިޝް ލީގުގެ އެންމެ ދަށު ލެވެލްގައި އޮތް ޓީމަކާ ދެމެދު ބޮޑު އެއްބަސްވުމެއް ވެ، މިލިއަނުން މިލިއަނުން ރުފިޔާ ހަރަދުކުރުމުގެ ހަގީގީ މާނައެއް ނެތް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ބަދަލުގައި ފުޓުބޯޅައިގެ ނަން ހިނގާ، ގިނަ ބަޔަކު ސަޕޯޓުކުރާ ކުލަބަކާއެކު އެއްބަސްވުމެއް ވީނަމަ ގިނަ ބަޔަކަށް ރާއްޖޭގެ އިސްތިހާރު ފެންނާނެއެވެ. ނަމަވެސް އަންނަ ސީޒަނުގައި ލީގުންވެސް ނުފެނިދާނެކަމުގެ ބިރު އޮތް ކުލަބަކާއެކު މިވަރުގެ ބޮޑު އެއްބަސްވުމެއް ހަދަނީ ކޮން ބޭނުމެއްގައި ކަން ސާފުވާން ޖެހެއެވެ.

"ޔޫރަޕުގަ ކުޅެނީ ދެ ފައިނަލް. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލާއި ޔޫރޮޕާ ކަޕް ފައިނަލް. އިންޓާރޓޯޓޯ ކަޕް ގުނަންޏާ ސަންޑޭ ފުޓުބޯޅަޔާއި ދޮންތުއްތު ކަޕްވެސް ލާންވީ. ޕޮއިންޓަކީ ރަނގަޅު ކްލަބް އޮފާ ހުއްޓާ ސެލްޓަ ވީގޯގައި ވިޒިޓް މޯލްޑިވްސް ޖަހައިގެން މަގްސަދު ހާސިލު ވާނެހޭ،" މަޝްހޫރު ފިލްމު ޑިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޓްވިޓާގައި ހިޔާލު ފާޅުކުރިއެވެ.

އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ތިން އަހަރުގެ ތެރޭގައި ސެލްޓަ ވީގޯގެ ޖާޒީއާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުންކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިންވެސް ރާއްޖެ އިޝްތިހާރުކުރަން ބޭނުންކުރާނެއެވެ. މިކަމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެއެވެ. ދިވެހި ރުފިޔާއިން ބުނާ ނަމަ އެއީ ގާތްގަނޑަކަށް 41.6 މިލިއަން ރުފިޔާއެވެ.

ރާއްޖެއަށް ވުރެ ޖީޑީޕީ ޕަރ ކެޕިޓާ މާ ދަށް ގައުމުތަކުންވެސް އަންނަނީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތައް ސްޕޮންސާކުރަމުންނެވެ. އެގޮތުން އެފްރިކާގެ ރުވަންޑާ ވަނީ އާސެނަލް ސްޕޮންސާކޮށްފައެވެ. އެއީ އޮތް ގައުމެއްކަންވެސް ކުރިްނ ނޭނގޭ އެތައް ބަޔަކަށް ރުވާންޑާއަކީ ކޮބާކަން އެނގި، އެގައުމުގެ އަގު އެކި ބާޒާރުތަކުގައި އުފުލިގެން ދިޔައެވެ.

ފޮޓޯ/ ހާފްކޯޓް މޯލްޑިވްސް

އެ ގައުމުން މި ޕްރޮމޯޝަނަށް އަހަރަކު ފަސް މިލިއަން ޑޮލަރު ހަރަދުކުރި ނަމަވެސް އޭގެ ބަދަލުގައި އެގައުމަށް ވަންނަ އާމްދަނީ އެތައް ގުނައެއް ވަނީ ކުރިއާ ބަލާއިރު އިތުރުވެފައެވެ. އަދި އެގައުމުގެ ފުޓުބޯޅަވެސް ވަނީ މިއިން ޒަމާނަކު ނުދެކޭ ވަރަށް ކުރިއަރާފައެވެ. ނަމަވެސް މިއީ ބަހަނާއެއްގެ ގޮތުގައި ނަގައިގެން، ސްޕެއިންގެ ރެލިގޭޝަންގައި އޮތް ޓީމަކާ ގުޅިގެން، ރާއްޖެއަށް އެފަދަ ކުރިއެރުމެއް ލިބޭނެކަމަށް ގަބޫލުނުކު

އެހެނޭ ކިޔާފަ ސްޕެއިންގެ ރެލިގޭޝަންގައި އޮތް ޓީމެއްގެ ފަހަތުން ރާއްޖެ ދުވެގެން މިގައުމަށް އެފަދަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"މި ކަމުގައި [ސެލްޓަ ވީގޯ]ގައި އިޝްތިހާރު ޖެހުމުގައި ބެލީ އަގާ ބަލާފަ ރާއްޖެއަށް ޓޯޓާލީ އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ؟ އެހެންވީމަ 9 ލައްކަ ޑޮލަރު އަހަރަށް ބަލާއިރު ދުނިޔޭގައި ނިސްބަތުން ބަލާނަމަ މިއީ ހެޔޮ އަގެއް. މީގައި މި ބަލަނީ ފަތުރުވެރިކަމުގެ އިޝްތިހާރަކަށް ވުރެ ބޮޑަށް ކުރިއަށް ދާން،" ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވަން ސްޕެއިންގައި މިވަގުތު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މި މޭރުމުގައި އެ ވިދާޅުވާ "ޓޯޓަލީ އެންމެ ފައިދާ ހުރި ގޮތަކީ" އަންނަ ސީޒަނުގައި ސްޕެނިޝް ލީގުގެ ދެވަނަ ޑިވަޝަނަށް ރެލިގޭޓު ވެދާނެކަމުގެ ބިރު ހީވެފައި އޮތް ޓީމެއްގެ ބެކަޕްގެ ގޮތުގައި ތިބުންތޯ އެއީ މިއަދު ދިވެހިންގެ ތެރޭގައި ގިނަ ބަޔަކު ހައިރާންކަމާއެކު ކުރަމުން އަންނަ ސުވާލެވެ.

comment ކޮމެންޓް