ދާދި ފަހުން ހެންވޭރު އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއެއް މަގުމަތިކޮށްލާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ހަބަރުތައް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދޮގުކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 31 އާއިލާއެއްގެ 145 މީހަކު ޑިޒާސްޓާއިން ބަލަހައްޓަމުންދާ ކަމަށެވެ.
އޭގެ ތެރެއިން ހަތް އާއިލާއެއްގެ 31 މީހުންނަކީ އަލިފާނުގައި އެނދި ގެތަކުގެ ވެރިން ކަމަށާއި ވެރި ފަރާތްތައް ކަމަށާއި 24 އާއިލާއަކީ އެ އިމާރާތްތަކުގައި ކުއްޔަށް އުޅެމުން ދިޔަ ފަރާތްތައް ކަމަށެވެ.
މި އެންމެން ވެސް ބައިތިއްބާފައި ތިބީ ގާކޮށި ފްލެޓްތަކުގެ އިތުރުން މޫކައި ސުއީޓްސްގެ އެޕާޓްމަންޓުތަކުގަ އެވެ.
"އެ ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިހާރު ވާނީ ތިން މަސް ދުވަހުގެ ކުއްޔަށްވާ ފައިސާ އާ، ކެއިން ބުއިމުގެ އެލަވަންސް 31 އޮކްޓޫބަރުގެ ނިޔަލަށް ފޯރުކޮށްދީފައި،" ހިސާން ވިދާޅުވިއެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ތިން ގޮތުގައި ކުއްޔަށްވާ ފައިސާ ފޯރުކޮށްދީފައި ވާނީ، ހާދިސާ ހިނގުމުގެ ކުރިން އެ އާއިލާތައް ކުލީގެ ގޮތުގައި ދައްކަމުން ދިޔަ އަދަދަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ.
އެގޮތުން މީގެ ދެ ހަފްތާ ކުރިން ކުއްޔަށްވާ ފައިސާގެ ގޮތުގައި ޖުމްލަ 1.1 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށް ޑިޒާސްޓާއިން މައުލޫމާތު ދެއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_157261127650SvVo.jpg)
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް
އެ ފައިސާ މިހާރު އާއިލާތަކުގެ އެކައުންޓަށް ޖަމާކޮށްދީފައިވާނެ ކަމަށާއި އެހެންކަމުން އާއިލާތަކަށް ގުޅައިގެން އެކަމުގެ މައުލޫމާތުދީ، ވީހާވެސް އަވަހަށް ތަންތަން ހިފައިގެން، އެތަންތަނަށް ބަދަލުވާން އެދިފައިވާނެ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.
ހިސާން ވިދާޅުވީ އޮކްޓޫބަރު މަހުގެ ނިޔަލަށް ތަންތަން ހޯދަން އަންގާފައި ވާއިރު މިހާތަނަށް ތަންތަން ހޯދައިގެން ވަގުތީ ބޯހިޔާވަހިކަމުން ނުކުމެފައިވަނީ ހަތަރު އާއިލާއެކެވެ.
ހިސާން ވިދާޅުވީ މަހެއްގެ މެދުތެރޭގައި އަދި މަހެއްގެ ފަހުކޮޅު ތަނެއް ހޯދަން އުނދަގޫވާނެކަން އެނގޭ ކަމަށާއި އެހެންކަމުން އެއްވެސް އާއިލާއެއް މަގުމަތިކޮށް، ފޯރުކޮށްދެމުން ދިޔަ ބޯހިޔާވަހިކަމުން ނުކުންނަށް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެކަމަށެވެ.
"އަޅުގަނޑުމެން އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން މިދަނީ، މިހާރު އެފަރާތްތަކަށް ފައިސާވެސް ޖަމާކޮށްދީފައި ވާތީ، ވީހާވެސް އަވަހަށް ތަންތަނަށް ބަދަލުވުމަށް. އަދި ތަންތަން ނުލިބޭ ފަރާތްތައް ވެސް އެބަތިބި. އެހެންވީމަ އެއްވެސް ފަރާތެއް ގަދަބާރުން އަޅުގަނޑުމެން އަންގައިގެން މަގުމައްޗަށް ނެރެލާ، ތަންތަނުން ނެރެލާ، އެފަރާތްތަކަކަށް ނާންގަން،" ހިސާން ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ތަނެއް ކުއްޔަށް ހިފަން ޑިޒާސްޓާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ހިސާން ފާހަގަކުރެއްވިއެވެ.
ޑިޒާސްޓާއިން ވަނީ ކުރިއަށް އޮތްތަނުގައި އެ އޮތޯރިޓީން ފޯރުކޮށްދެމުން ދިޔަ އެހީ މަޑުމަޑުން ކެނޑެމުން އަންނާނެކަން ހަނދާންކޮށްދީ ވީހާވެސް އަވަހަކަށް ތަނެއް ހޯދައިގެން ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ.
ޑިޒާސްޓާއިން ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއްގެ އިތުރުން، އިމާރާތަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ވެސް ހަދައިފައެވެ.
ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ބަލަން 18 ގެއެއްގެ 92 ގޭބިސީއެއްގެ އެސެސްމަންޓް ހެދިއިރު، ލިބުނު ގެއްލުމުގެ އަގު 1.1 މިލިއަނަށް އަރައެވެ.
އިމާރާތަށް ލިބުނު ގެއްލުންތައް ބަލަން 31 ގެއެއްގެ އެސެސްމަންޓް ހެދި ކަމަށާއި، އެ ގެއްލުމުގެ އަގު 35 މިލިއަނަށް އަރާކަމަށް ޑިޒާސްޓާއިން މިއަދު ބުންޏެވެ.
ހަމައެއާއެކު ހާދިސާ ހިނގި ދުވަހުން ފެށިގެން، އާއިލާތަކަށް ކެއިންބުއިމުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ވެސް ޑިޒާސްޓާ އިން ވަނީ ބުނެފައެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން ހުޅުވި މާލޭ ފަޔާ ރިލީފް އެކައުންޓަށް 2.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ
ޑިޒާސްޓާއިން ބުނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފަންޑުން ލިބުނު ފައިސާ އާއިލާތަކަށް އެއް މިންގަނޑަކުން ބެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.