ބަންސާލީގެ "ގަންގޫބާއީ" ގެ ފިރިހެން ލީޑަކަށް އަޖޭ!

އަޖޭ ދޭވްގަން---

ސަންޖޭ ލީލާ ބަންސާލީ އާ ފިލްމު "ގަންގޫބާއީ"ގެ ފިރިހެން ލީޑުން ފެނިގެންދާނީ ކާމިޔާބު ބަތަލު ކާތިކް އާރްޔަން ކަމަށް ކުރިން މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް މިހާރު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޭރުގެ ހަބަރުތައް ބުނާގޮތުގައި އެ ފިލްމަށް މިހާރު އަޖޭ ސޮއިކޮށްފައިވާ ކަމަށާއި އަދި އެ ފިލްމުގެ ސްކްރިޕްޓް އަޖޭއަށް ދިނުމުން އެ ސްކްރިޕްޓާ މެދު އޭނާ ހިތްހަމަޖެހޭތީ ފިލްމުކުޅެން އެއްބަސްވީ ކަމަށެވެ.

އަޖޭ ވަނީ މީގެ 20 އަހަރުކުރިން ވެސް ބަންސާލީއާ އެކު މަސައްކަތްކޮށްފަ އެވެ. ފިލްމުގެ ބަތަލާއަކީ އާލިއާ އެވެ.

އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށް އެ ފިލްމު ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

މި ފިލްމަށް އަޖޭ ހަމަޖައްސައިފިނަމަ މި ފިލްމުވެގެންދާނީ އަޖޭ އާއި އާލިއާ އެއްކޮށް ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް