އިނގިރޭސި ރާނީއަށް ފަރަހަނާޒް ފަތްކޮޅު އަރުވައިފި

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، އިނގިރޭސި ރާނީއާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އިނގިރޭސި ރޯޔަލް ފެމިލީ

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް، ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)އަށް އަރުވައިފި އެވެ.

ލަންޑަނުގައި ހުންނަ އިނގިރޭސި ރާނީގެ ގަނޑުވަރު ބަކިންހަމް ޕެލެސްގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއާއި ފިރިކަލުން ޑރ. މުހައްމަދު އަހުމަދު ދީދީ ވަނީ ރާނީ އެލިޒަބަތު ދެވަނައާ ބައްދަލުކުރައްވާފަ އެވެ. އަދި ސަފީރު ޑރ. ފަރަހަނާޒް ވަނީ، ދިވެހި ސަފީރުކަމުގެ ފަތްކޮޅު ރާނީއަށް އަރުވައިފަ އެވެ.

ސަފީރު ފަރަހަނާޒް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުން އެކަމަށް ރުހުން ދިނީ 2018 ގެ ޑިސެމްބަރު 12 ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަން ރަސްމީކޮށް ހަވާލުކުރުމުގެ ގޮތުން ރައީސް ސޯލިހު ފަރަހަނާޒްއަށް ފަތްކޮޅު އެރުއްވީ 18 އޭޕްރިލް 2019 ވަނަ ދުވަހު އެވެ.

ރާނީއަށް އިއްޔެ ފަތްކޮޅު އެރުވި ނަމަވެސް، ޑރ. ފަރަހަނާޒް ވަނީ މި އަހަރުގެ މޭ މަހު އެ ފަތްކޮޅުގެ ކޮޕީއެއް، އިނގިރޭސިވިލާތުގެ ޑިރެކްޓާ އޮފް ޕްރޮޓޮކޯލް އަދި ވައިސް މާޝަލް އޮފް ޑިޕްލޮމެޓިކް ކޯ ނީލް ހޮލެންޑަށްވެސް އަރުވައިފަ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާފަދަރިކަލުން ޑރ. ފަރަހަނާޒް ފައިސަލް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ފްރާންސް، ސްޕެއިން، ނޯވޭ، ސްވީޑެން، ޑެންމާކް އަދި ފިންލެންޑަށް ކަނޑައަޅުއްވާފައި ހުންނެވި ނޮން ރެޒިޑެންޓް ސަފީރުކަންވެސް ކުރެއްވި އެވެ.

އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ޑރ. ފަރަހަނާޒަކީ ރާއްޖޭގައި ޕީއެޗްޑީ ފާހެއް ހާސިލުކުރެއްވި ފުރަތަމަ އަންހެން ބޭފުޅެވެ.

comment ކޮމެންޓް