ނުވާނަން ތަފާތެއް... - 11

މަލްސާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ އަޝްކާން އަށެވެ. ނަމަވެސް އަޝްކާންގެ ސަމާލުކަން ދެވިފައިވަނީ އިންޓަވިއުއަށެވެ. ކޮންމެހެން ބަލަން ޖެހިގެން މެނުވީ އޭނަ މަލްސާއަށް ބަލާ ވެސް ނުލައެވެ.

ސުވާލުތައް ކުރިއަށް ދިޔަ އިރު ކުރީ ފަހަރަށްވުރެން ރަގަޅަށް މަލްސާ ޖަވާބު ދިނެވެ. ލިބިފައިވި ހާސްކަމުގެ މައްޗަށް އޭނަ ކުރި ހޯދިއެވެ. އިތުރު ފުރުސަތެއް އޭނައަށް ނުލިބިދާނެކަމުގެ ބިރަށްޓަކައެވެ. މިއީ އަޝްކާންއާއި ބައްދަލުވާނެ ފަހުފަހަރަށް ވާން މަލްސާ ބޭނުމެއް ނޫނެވެ.

''މަޤާމަށް ހޮވިއްޖެކަމުގައި ވަނީނަމަ އެންމެ އަވަހަށް ޖޮއިން ކުރެވޭނީ ކޮން ދުވަހެއްގައިތޯ؟....'' އަޝްކާން ސުވާލުކުރިއެވެ.

''އަޅުގަނޑަށް އަންގާ އެންމެ އަވަސް ތާރިހުގައި ވެސް ޖޮއިން ކުރެވިދާނެ...''

ފިނިވެފައިވި އަތުގެ އިނގިލިތައް މަހާލަމުން މަލްސާ ހިނިތުންވެލިއެވެ. އަޝްކާންގެ ނަޒަރު އޭނައަށް ހުއްޓޭ ކޮންމެ ފަހަރަކު މަލްސާގެ ހިތުގެ ވިންދާ ކުޅެލައެވެ. ނަފުސަށް ދިރުން ގެނެސްދެއެވެ. އެދެލޮލުގެ ފުރިހަމަކަމުގެ ސަބަބުން ނޭވާ ވެސް ކުރުވާހެން ހީވެއެވެ. ބޭއިހްތިޔާރުގައި ހިނިތުންވެވެއެވެ. އެފަދަ ކުޑަ ބައްދަލުވުމަކުން ވެސް އޭނައަށް އަންނަ ބަދަލުތަކާ ހެދި މަލްސާ ހައިރާން ވެއެވެ. ޔަޤީނުން ވެސް އޭނަގެ ހިތުން އަޝްކާންއަށް ދެވިފައިވާ މަޤާމަށް އިތުރު މީހަކަށް ނާދެވޭނެއެވެ. ހިތާމަޔަކީ ނަސީބުގައި ލިބުމެއް ނުވާ ފަރާތަކަށް ހިތް އެދޭތީއެވެ. އަޝްކާން ފަދަ މުއްސަނދި ޒުވާން ރީތި ފިރިހެނެއްގެ ބައިވެރިޔަކު ނެތުން އެއީ ނާދިރުކަމަކަށް ނޫނީ ނުވާނެއެވެ. އެޚިޔާލުން ވެސް މަލްސާގެ ހިތަށް މޮޅިވެރިކަން ގެނެސްދެއެވެ. ދުރުން ބަލައިގެން ހިތްހަމަޖައްސާލުން ނޫން ފުރުސަތެއް އޭނައަށް ހަމަ ނެތީ ހެއްޔެވެ؟

''އެންމެ ރަގަޅު...''

އަތުގައި އޮތް ފައިލު ލައްޕާލަމުން އަޝްކާން ބުނެލިއެވެ. އަދި އޭނަ އިށީދެގެން އިން ގޮނޑިން ތެދުވެލީ އިންޓަވިއު ނިމިއްޖެކަމުގެ އިޝަރާތެއްގެ ގޮތުންނެވެ. އެއާއެކު މަލްސާގެ ހިތަށް މޮޅިވެރިކަން ވެރިވެގެން ދިޔަ އެވެ. އަޝްކާންގެ ފަރާތުން އުންމީދު އާވާނެ ފަދަ ޖަވާބެއް ވެސް ނުލިބުނެވެ. މިއީ އަޝްކާންއާ ބައްދަލުވާނެ ފަހު ފަހަރަށް ވެދާނެތީ އެކަމުގެ އުދާސްކަން މަލްސާގެ ހިތުގައި ވިއެވެ. ނަމަވެސް އޭނައަށް ކުރެވޭނެ ކަމެއް ވެސް ނެތުމާއެކު މަލްސާއަށް މަޖުބޫރުވީ ގޮނޑިން ތެދުވާށެވެ. އޭނައަށް ބޮޑާ ހޭކޭކަށް ވެސް ނެތެވެ. އޭނަގެ އެހައިސިއްޔަތެއް ނެތެވެ.

''މަޤާމަށް ހޮވިއްޖެ ނަމަ މިކޮޅުން ގުޅާނެ...''

ސަލާމަތް އަތް ދިއްކޮށްލަމުން އަޝްކާން ބުނެލިއެވެ. އަޝްކާންގެ އަތަށް މަލްސާއަށް ބަލާލެވުނެވެ. ލުއި ހިނިތުންވުމަކާއެކު މަލްސާ އެއަތުގައި ހިފާލެވުނެވެ. އެވަގުތު މުޅި ޖިސްމުގައި ތަފާތު ޖަޒުބާތެއް ވިންދު ޖަހާލިކަހަލައެވެ. އަޝްކާންގެ އަތުގެ ހޫނުކަމާއި ބީހުމުން މަލްސާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައެވެ. ގިނަ އިރުތަކެއް ވީއިރުގައި ވެސް އަޝްކާންގެ އަތުން ދޫކޮށްނުލެވިފައިވިކަން މަލްސާއަށް ރޭކާލީ އަޝްކާން ކަރުކެހިލި އަޑު އިވުމުންނެވެ. އެއާއެކު ސިހިފައި މަލްސާއަށް އެއަތުން ދޫކޮށްލެވުނެވެ. އޭރު ރަކި ހިނިތުންވުމެއްގެ އަސަރު މަލްސާގެ ތުންފަތަށް ވެރިވިއެވެ. ކޯތާފަތަށް ވެސް މަޑު ފިޔާތޮށިކުލައެއް ވެރިވެ މޫނަށް ވެސް ރަތުގެ އަސަރު ވެރިވިއެވެ.

މަލްސާއަށް އައި ބަދަލުތައް ފާހަގަ ކުރެވިގެން ދިޔަ އަޝްކާންއަށް ވެސް ހިނިތުންވެވުނެވެ. އަވަސްއަވަހަށް އޭނަގެ އަތުން މަލްސާ ދޫކޮށްލި ވަގުތު އެތުންފަތަށް ވެރިވި ލަދުރަކި ހިނިތުންވުން ވަކިން ބޮޑަށް އަޝްކާންއަށް ފާހަގަ ކުރެވުނެއެވެ. އޭނައަށް ފުރަގަސް ދެމުން ކެބިންއިން ނިކުންނަން ދިޔަ މަލްސާއަށް ބަލަން އަޝްކާން ހުރެވުނީ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެންނެވެ. ލޯކުރިމަތިން މަލްސާ ގެއްލި ކެބިންގެ ދޮރު ލެއްޕުނު އިރުގައި ވެސް އަޝްކާންއަށް ބަލަން ހުރެވުނެވެ. ނޭގެ ގޮތެއް އޭނައަށް ވެއްޖެކަން ގައިމެކޭ އަޝްކާންގެ ހިތަށް އެރިއެވެ. ބީރައްޓެހި އިހުސާސަކުން އޭނަގެ ޒަމީރުވީ ހައިރާންކަމެއްގެ ތެރޭގައެވެ.

*****

މަލްސާއަށް ކެބިންއިން ނިކުމެވުނުއިރު ވިވިއަން އާއި ވާހަކަ ދައްކަން ޒުވާން އުމުރުފުރައިގެ އަންހެންކުއްޖަކު ހުއްޓެވެ. ކޮއްފައި ހުރި މޭކަޕާއި ލައިގެން ހުރި ގަޔަށް ބާރު ހެދުމުގެ ސަބަބުން ޒަމާނީ ފެޝަނަށް ލޯބި ކުރާ ކުއްޖެއްކަން ހާމަކޮށްދެއެވެ. އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކައިން އެއީ އިންޓަވިއުއަށް އައި ކުއްޖެއްކަން ނަގައިގަންނަން މަލްސާއަށް އުނދަގުލެއް ނުވިއެވެ. އެއާއެކު ބޭނުން ނުވިކަމުގައި ވިޔަސް ކުރިމަތިން ފެންނަމުން ދިޔަ ޒުވާން އަންހެންކުއްޖާއާއި އޭނައާ އަޅާ ކިޔާލެވުނެވެ. އެދެމެދުގައި ހުރި ފަރަގުތަކާ މެދު ވިސްނާލެވުނެވެ. އެއަންހެންކުއްޖާ ވަނީ ހުރިހާ ގޮތަކުން ވެސް އޭނައަށް ވުރެން އެތައް ފިޔަވަޅެއް ކުރީގަޔޭ މަލްސަގެ ހިތަށް އެރިއެވެ. މިފަހަރުވެސް އޭނަގެ ނަސީބު ކެހިދީފާނެކަމުގެ ބިރުވެރިކަން ނަފުސަށް ވެރިވެގެން ދިޔަ އެވެ.

މާޔޫސްކަން އެކުލެވިގެންވި ހިނިތުންވުމެއް ވިވިއަންއާއި ނަޒަރު ބަދަލު ކުރެވުނު ހިނދު މަލްސާގެ ތުންފަތަށް ވެރިވިއެވެ. ވިވިއަން ގާތުގައި ހުރި އަންހެން ކުއްޖާ މަލްސާއަށް ބަލާލީ ފޫހި ކަމުގެ ނަޒަރަކުންނެވެ. އެނަޒަރުން ވެސް މަލްސާ ދެކެ ގަޔާ ނުވިކަން މަލްސާއަށް ދޭހަކުރެވުނެވެ. ނުތަނަވަސްކަމުގެ ހިނިތުންވުމަކާއެކު މަލްސާ ގޮސް ލިފްޓުގެ ފިތަށް އޮބާލިއެވެ. އެއަށްފަހު އުދާސްކަމުގެ ބެލުމަކުން އަޝްކާންގެ ކެބިންއަށް ބަލާލެވުނެވެ. ވަދާއުގެ ސަލާމެއް ބަދަލުކޮށްލި ކަހަލައެވެ.

އަޝްކާން ކެބިންގެ ދޮރު ހުޅުވާލާފައި ނިކުތް ވަގުތަކީ އުދާސްކަމުގެ ނަޒަރަކުން ކެބިންގެ ދޮރާއި ދިމާއަށް މަލްސާ ބަލަހައްޓައިގެން ހުރި ވަގުތުވެސް މެއެވެ. ފަހުފަހަރަށް ވިޔަސް އަޝްކާންގެ ސޫރަ ދެކިލުމުގެ ނަސީބު ލިބުމުން އުޖަލާކަމުގެ ވިދުވަރެއް މަލްސާގެ ދެލޮލުން ފާޅުވިއެވެ.

ވިވިއަންއާއި އަޝްކާންއާ ދެމެދު ވާހަކަތަކެއް ބަދަލުކުރެވުނެވެ. އެއާއެކު އަޝްކާން ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. ވިވިއަންއާއެކު ހުރި އަންހެންކުއްޖާއަށް އަޝްކާން ބަލާލީ ހިތްހަމަނުޖެހުމުގެ ނަޒަރަކުންނެވެ.

ވާނުވާގެ ތެރޭގައި ހުރި މަލްސާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައީ އަޝްކާން އައިސް އޭނަ ގާތަށް ހުއްޓުމުންނެވެ. ފިނިވެގެން ދިޔަ ދެއަތްތިލަ ޖޯޑުކޮށްލަމުން މަލްސާ އިސްދަށަށް ޖަހާލިއެވެ. އެވަގުތަކީ ލިފްޓުގެ ދޮރު ހުޅުވިގެން ދިޔަ ވަގުތު ވެސް މެއެވެ.

އަޝްކާންގެ ފަހަތުން މަލްސާ ލިފްޓަށް އެރިއެވެ. އަޝްކާންއާއިއެކު ލިފްޓުގައި އެކަނިވުމާއެކު މަލްސާ ފިނިވާން ފެށިއެވެ. އިންތިހާއަށް އަވަސްވެފައިވި ހިތުގެ ވިންދުތައް ހަމައަކަށް އެޅުވުން އޭނައަށް ވީ ތަކުލީފަކަށެވެ. ސިއްރުސިއްރުން އަޝްކާންއަށް ބަލަމުން ދިޔަ އިރު އަޝްކާންގެ ރީތިކަމާ މެދު މަލްސާއަށް ވިސްނެމުން ދިޔައެވެ. ބަނދެވެމުން ދިޔަ ޚިޔާލުތަކުން މަލްސާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދުނިޔެމަތިން އެންމެ ހިތްއެދޭ އިންސާނާގެ ގާތުގައި ހޭދަކޮށްލަން ލިބުނު ވަގުތުކޮޅު އިތުރަށް ދިގުލައިގެން ދިއުމަށް މަލްސާގެ ޒަމީރު އެދެމުން ދިޔައެވެ. އެހެނަސް ހިތަށް މާޔޫސްކަން ވެރިކުރުވަމުން ލިފްޓްގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު އަޝްކާންއާއި މަލްސާ ހިނގައިގަތީ ދެ މިސްރާބަކަށެވެ. ފަސްއެނބުރި ބަލާލި މީހަކީ ހަމައެކަނި މަލްސާއެވެ. ދިގު ފިޔަވަޅުތައް އަޅަމުން ގޮސް އަޝްކާންގެ އޭނަގެ ލޯކުރިމަތިން ގެއްލެން ދެން ބަލަހައްޓައިގެން މަލްސާއަށް ހުރެވުނެވެ. އެހިނދު މާޔޫސްކަން ހިތަށް ވެރިވި މަލްސާއަށް ކުރިއަށް ހިނގައިގަނެވުނީ އިސްތިރިކޮށްލަމުންނެވެ.

*****

ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލި އަޝްކާންއަށް މަގުގެ އެއްފަރާތުން ހިނގާލާފައި ދިޔަ މަލްސާ ފެނުމާއެކު ބަލާލެވުނެވެ. ޚިޔާލަކަށް ގެއްލިފައި ވަނިކޮށް ޑްރައިވަރު ކާރު ދުއްވާލިއެވެ. މަލްސާ ފަސްދީ ކާރު ދަންދެން ވެސް އަޝްކާންއަށް ސަމާލުކަން ދެވުނީ މަލްސާ އަށެވެ. އޭގެ ސަބަބުން އަނެއްކާވެސް ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި ސިކުނޑިއަށް ވެރިވިގެން ދިޔަ ކޫސަނި ޚިޔާލުތައް އެއްފަރާތްކޮށްލަމުން އޭނަގެ ފޯނަށް ސަމާލުކަން އަނބުރާލިއެވެ.

*****

ސިޑީގެ ހަރުފަތްތައް ގިރާކުރަމުން މައްޗަށް އެރި އަޝްކާން އޭނަގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ފުރަތަމަވެސް މިސްރާބު ޖެހީ ދިމްނާގެ ކޮޓަރިއާއި ދިމާއަށެވެ. މުޅި ދުވަހު އޭނަ ކުރި އެންމެ މެސެޖަކަށް ވެސް ދިމްނާ ރައްދު ދީފައި ނުވެއެވެ. ގުޅުމުން ފޯނަށް ޖަވާބެއް ދިނީކީވެސް ނޫނެވެ. އެކަމާ ހުރެ އަޝްކާންގެ ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ކޮޓަރީގެ ތަޅުގައި ހިފާލުމާއެކު އަޝްކާންއާށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދޮރު ހުޅުވާފައި ހުރުމުންނެވެ. އަވަސްއަވަހަށް އަޝްކާންއަށް ދޮރުގެ ތަޅުގައި ހިފާ އަނބުރާލެވުނެވެ. ނުތަނަވަސްކަން ހިތަށް ވެރިވެގެން އައީ އަނދިރިކަމާއި ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރިތެރެ ފެނުމުންނެވެ. އަވަހަށް އެތެރެއަށް ވަންނަމުން އަޝްކާންއަށް ފާރުގައި އަތް ހިންގާލެވުނީ ސްވިޗުތައް ހޯދުމަށެވެ. އިނގިލިތަކުގެ ކުރި ސިވިޗްތަކުގައި ހިންގާލެވުމާއެކު ބޮކިތައް ދިއްލާލިއެވެ. އެއާއެކު ކޮޓަރިތެރެ އަލިވެގެން ދިޔަ އެވެ.

އެނދުމަތީގައި ތައްޔާރުކޮށްފައި ހުރި ފޮށިކައިރީ ބޯއަޅާލައިގެން އިން ދިމްނާ ފެނުމުން އަޝްކާން ގޮވާލިއެވެ.

''ދޮންތާ!'' ދިމްނާގެ ފަރާތުން ޖަވާބެއް ނުލިބުމުން ކުރިއަށް ފިޔަވަޅުތަކެއްއަޅާލި އަޝްކާން ދެވަނަ ފަހަރަށް ގޮވާލިއެވެ. މިފަހަރުވެސް ޖަވާބެއް ނުލިބުނެވެ. ނުތަނަވަސްކަން ވެރިވި ހިތަކާއެކު އަޝްކާން ގޮސް މަލްސާގެ ގާތަށް ހުއްޓުނެވެ. އަދި ދިމްނާގެ ކޮނޑުގައި އަތް އަޅާލަމުން ގޮވާލިއެވެ. އެއާއެކު ނިދި ޖެހިފައި އިން ދިމްނާ ދިޔައީ ސިއްސައިގެންނެވެ. ކަރުނަތަކުން ތެމިފައިވި އެސްފިޔަތައް ހުޅުވާލަމުން ދިމްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނައަށް އަޝްކާންއާއި ދުރަށް ޖެހިލެވުނީ ބިރެއް ފެނުނު ފަދައިންނެވެ.

ދިމްނާއަށް އައި ބަދަލުތަކާއި އެމޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމުން އަޝްކާން ހުރީ ބަސްހުއްޓި ހައިރާންވެފައެވެ. އޭނައަށް ދިމްނާގެ ކަރުގައި ހުރި ނިޝާންތައް ފާހަގަ ކުރެވުނީ އެދަނޑިވަޅުގައެވެ. ސުވާލު އުފެދިފައިވި ހާލުގައި އޭނައަށް ބަލަން ހުރެވުނީ އެހުރިހާކަމެއްގެ މާނަ ނަގަންވީ ކިހިނެއްކަން ނޭގިފައެވެ.

''ޝާން؟..'' ކަމެއް ރޭކާލުމާއެކު ދިމްނާ އަވަސްއަވަހަށް އުޅުނީ އެނދުމަތީ އޮތް ބުރުގާ އަޅައި ޖިސްމުގައިވި އަނިޔާގެ ނިޝާންތައް އަޝްކާންއަށް ސިއްރުކުރާށެވެ. ނަމަވެސް އޭނަގެ ސިއްރުތައް ބޭޒާރުވެއްޖެކަން އަޝްކާންއަސް އައިސްފައިވި ބަދަލުން ދިމްނާއަށް ނަގައިގަނެވުނެވެ.

''ކީއްކުރަން މިތަނަށް ތިއައީ؟...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ދިމްނާ ބުނެލިއެވެ. އެދެލޮލަށް ތާޒާ ކަރުނަތައް ޖަމާވަމުން ދިޔައެވެ.

''ދޮންތާ...'' ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން އަޝްކާން ގޮވާލިއެވެ. ދޮންތަގެ ވޭނާއި އުދާހާއި ތަކުލީފުތަކުން ފުރިގެންވި ދެލޮލުން އަޝްކާންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން ކަހަލައެވެ. އެއާއެކު އޭނައަށް ހުރިހާކަމެއް ގުޅުވާލެވުނެވެ. ކުރީ ދުވަހު އުސައިދު އައުމުން ދޮންތައަށް އައި ބަދަލުތަކެވެ. ކާމޭދު ދޮށުގައި ހޫނުވެގެން ދިޔަ ވާހަކަތަކަށް ފަހު ދޮންތަ ބުނެލި ފަހު ޖުމްލައެވެ. އެއާއެކު އޭނައަށް މުށްކަވާލެވުނީ ނަފުސަށް ވެރިވެގެން އައި ރުޅިވެރިކަމުގެ ސަބަބުންނެވެ. އުސައިދު ދެކެ އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ދޮންތަގެ ހާލާމެދު ހިތުގައި އުފެދިގެން އައި ހަމްދަރުދީގެ ސަބަބުން އަޝްކާންގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދީ ހިތާމަޔާއި މޮޅިވެރިކަމެވެ.

''އެއްވެސް މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫން!...'' އަތްތިލަ އުފުއްލާލަމުން އަޝްކާން ގާތު ކުރިއަށް އައުން މަނާކުރަމުން ދިމްނާއަށް ބުނެވުނެވެ. އޭރު އެދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ރުޅިވެރިކަމާއެކު ދިމްނާ ކަރުނަ ފޮހެލިއެވެ.

''ނުކުމޭ މިތަނުން!...'' ދިމްނާއަށް ގިސްލެވުނީއެވެ.

''ޕްލީޒް، ލެޓް މީ ހެލްޕް...'' އަޝްކާންގެ އަޑުގައިވަނީ އާދޭހެވެ. ދިމްނާގެ ހާލު ބަލަން އޭނަގެ ހިތަށް ކެތެއް ނުކުރެވުނެވެ. އެފަދަ ވޭނެއްގައި ދިމްނާ ވި ހިނދު އެކަމުގެ ހިލަމެއް އޭނައަށް ނުވީތީ ވެސް އަޝްކާންއަށް އޭނަގެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ދޮންތަގެ ހިމޭންކަމުން މިހުރިހާ ދުވަހު ކިޔައިދޭން ބޭނުންވި ހިތި ހަޤީޤަތަކީ އެއީއެވެ. އެކަނިވެރިކަމުގެ ފަހަތުގައިވާ ގިލަންވެރިކަމަކީ ވެސް އެއީއެވެ. ނަމަވެސް ދޮންތައަށް ވަގުތު ދޭން ހަދައިގެން، ކަމުގެ ހަޤީޤަތް އޮޅުން ފިލުވުން ފަސްކުރެވުމުގެ ނަތީޖާ އާހިރުގައި ފެނުނީ ހިތި ގޮތަކަށެވެ.

''ޔޫ ކާންޓް ހެލްޕް މީ!...'' ގިސްލުމުގެ އަޑަކާއެކު ދިމްނާއަށް ބުނެލެވުނެވެ. އޭނަ ރުޅި އަންނަން ބޭނުން ވިޔަސް އެކަމެއް ނުކުރެވުނެވެ. ހިތުގެ އުދާސްތައް ބޭރުކުރުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ.

''ދޮންތާ ޕްލީޒް!...'' އަޝްކާންގެ އަޑުގައި ވަނީ އުދާސްކަމެވެ. އޭގެ ސަބަބުން ދިމްނާއަށް އިތުރަށް ރޮވުނީއެވެ. ހިތާމަތައް ބަރުދާސްތުކުރަން އުނދަގޫވި ހިނދު ވޭނީ އާހްތަކެއް ދުލުން ބޭރުވެގެން ދިޔައެވެ. ދުރުގައި އެމަންޒަރު ބަލަން ހުންނަން އަޝްކާންއަށް ކެތެއް ނުކުރެވުނެވެ.

ހިމާޔަތަކަށް އެދިއެދި ހުރި ދިމްނާއަށް އޭނަ ގާތަށް ހުއްޓުނު އަޝްކާންގެ ގައިގައި ބައްދާލެވުނީ ރޮމުންރޮމުންނެވެ.

''އައިމް ހިއާރ ފޯރ ޔޫ، އޭސް އޯލްވޭސް...'' ދިމްނާގެ ރުއިމުގެ އަޑުން އަޝްކާންގެ ހިތަށް އަސަރުކުރިއެވެ. އެދެލޯ ފެންކަޅިވެގެން ދިޔައީ ދޮންތަ ހޭދަކޮށްފައިވި ބިރުވެރި އަދި ހިތްދަތި ދުވަސްތައް ލޯކުރިމަތިން ތަމުސީލުވެގެން ދިއުމުންނެވެ. އެފަދަ ވޭނެއްގައި ދޮންތަ ވާކަށް ދުވަހަކު އޭނަގެ ހިތަށް ކެތެއް ނުވާނެއެވެ. ތަޤުދީރުގެ ނިޔާއާ މެދު އަޝްކާންއަށް ރުޅި އާދެވުނެވެ. އެފަދަ ހިތްދަތިކަމެއް ހައްޤުވާން އޭނަގެ ދޮންތައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

''މިހާރު އަހަންނަށް ހުރިހާ އެއްޗެއް ވިސްނިއްޖެ... ދޮންތަ ދެން އެއްވެސްކަމަކާ މެދު ނުވިސްނާތި، އަހަރެން ހުރިހާކަމެއް ހައްލުކުރާނަން!، އެއްވެސް މީހަކަށް ދެނެއް ދޮންތަގެ މައްޗަށް އަނިޔާވެރިވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން... އޭނަ!، އޭނައަށް މިކަމުގެ އަޖުމަ ލިބޭނެ...'' މޮޅިވެރިކަން ވެރިވެފައިވި އަޝްކާންގެ ޖުމްލަ ނިމުނު ހިނދު އަޑުގައިވަނީ ރުޅިވެރިކަމެވެ. އޭގެ ސަބަބުން ދިމްނާގެ ހިތް ތެޅިލިއެވެ. ވަގުތުން އަޝްކާންއާއި ދުރަށް ޖެހިލެވުނެވެ.

''ނޫން... ނޫން!، އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް އެނގޭކަށް، އެނގުނަސް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ!... ހުރިހާ އެންމެންގެ ނަޒަރުގައި އޭނައަކީ ރަގަޅު މީހެއް!...'' ކޯތާފަތުގައިވި ކަރުނަތައް ފޮހެލަމުން ދިމްނާ ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ޖެހިލުންވުމާއި ބިރުވެރިކަން ވިއެވެ. އަޝްކާންގެ އަތުގައި އޭނައަށް ހިފާލެވުނީ އާދޭސްކުރާ ހާލުގައެވެ. އުސައިދުގެ ހަޤީޤަތް އެދެމެދުގައި ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އެދޭ ހާލުގައެވެ.

އަޝްކާންއަށް ދިމްނާގެ ހުށަހެޅުމާއި ޤަބޫލެއް ނުވެވުނެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އުސައިދުއާ މެދު އޭނަގެ ހިތުގައި ނަފުރަތުގެ ގަދަ ހުޅުގަނޑެއް ރޯވެފައި ވިއެވެ. ދޮންތައަށް ކޮށްފައިވާ އަނިޔާތަކުގެ ލިސާންތައް ފެންނަ ކޮންމެ ފަހަރަކު ރުޅިގަނޑު ފަޅައިގެން ދާހާ ވެއެވެ. އެފަދަ ރަހުމެއް ނެތް އިންސާނެއްގެ ހަޤީޤަތް ސިއްރެއްގެ ގޮތުގައި ބާއްވަން އަޝްކާންގެ ޒަމީރު އެއްބަހެއް ނުވިއެވެ. ހަޤީޤަތް އެނގިގެން މެނުވީ އުސައިދުގެ އަނދިރިފަރާތް ހާމައެއް ނުކުރެވޭނެއެވެ. ހިތްހެޔޮމީހެއްގެ ނިވަލުގައި ފިލާހުރީ ހުރީ ކޮންފަ ރަހުމެއް ނެތް ޖައްބާރު މީހެއްކަން ދުނިޔެއަށް އެނގެން ޖެހޭނެއެވެ. އުސައިސުގެ ނުބައިކަން ބޭޒާރުވާން ޖެހޭނެއެވެ. އޭނަގެ ނަޒަރުގައި އަންހެނެއްގެ ގަޔަށް އަތް އިސްކުރާ މީހަކީ ފިރިހެނެއްގެ ދަރަޖައަށް ކުފޫ ހަމަވާނެ މީހަކަށް ވެސް ނުވާނެއެވެ.

''ޝާން، ޕްލީޒް...'' އަޝްކާން ދެފަރާތަށް ބޯހޫރާލިތަން ފެނުމުން ދިމްނާއަށް އާދެސްކުރެވުނެވެ.

''ދޮންތާ، ތިހެން އަބަދު ސިއްރުކުރާނަމަ އެއްވެސް ކަމެއް ހައްލެއް ނުވާނެ، އޭނަގެ ނުބައިކަން އެނގިގެން މެނުވީ އެއްވެސްކަމަކަށް ހައްލެއް ނުލިބޭނެ، އަހަންނަށް ފެންނަނީ ފުލުހަށް މިކަން ހުށަހަޅަން، ގެވެށި އަނިޔާއަކީ ވަރަށް ބޮޑު މައްސަލައެއް، އަހަރެންގެ ރައްޓެއްސެއް އުޅޭނެ ފުލުހުގައި، އޭނަގެ ފަރާތުން އުސައިދުގެ މައްސަލަ ހުށަހަޅަން އަހަންނަށް ފެންނަނީ، ސައިލެންސް ވިލް މޭކް އިޓް އޮންލީ ވޯރސް... ދޮންތަ ކުރިން އަހަރެންގެ ގާތަށް އައިނަމަ، އަހަންނަށް ކިޔައިދިންނަމަ، އައިކާންޓް އިމޭޖިން ވަޓް ޔޫ ވެންޓް ތްރޫ... ބޮޑުވަމުން އައިއިރު މަންމައެއްގެ ފަރާތުން އަހަންނަށް ލިބެންޖެހޭނެ ހުރިހާ ލޯތްބަކާއި އަޅާލުމެއް އަހަންނަށް ލިބުނީ ދޮންތަގެ ފަރާތުން، ކަންމަކާ ބިރުން އުޅޭ ހިނދު އަހަރެންގެ ގާތުގައި ވެސް ހުންނަނީ ދޮންތަ... އެކަމަކު ދޮންތަ އަހަންނަށް އެންމެ ބޭނުންވި ދުވަހު މަދަދުވެރިކަމުގެ އަތެއްވެސް ފޯރުކޮށެއް ނުދެވުނު، އަހަންނަށް ކީއްވެގެންތަ ދޮންތަ ހިތްދަތިކަން ނުފެނުނީ؟...އެންމެ ފަހަރަކު ވިޔަސް އަހަންނަށް އިޝަރާތެއް ދިންނަމަ އެއަނިޔާވެރިޔާގެ އަތްދަށުން ދޮންތަ ސަލާމަތް ކުރާނަން!...''

އަޝްކާންގެ ވާހަކަތަކުން ދިމްނާގެ ހިތަށް އަސަރުކުރިއެވެ. އޭނަ ދެކެ ލޯބިވާ އަދި ހިމާޔަތްދޭނެ ފަރާތަކަށް އަޝްކާން އަބަދުމެ ވާނެކަން ސާބިތުކޮށްދީފިއެވެ. ހިތާމަޔަކީ އުސައިދުއާ މެދު ހިތުގައި އުފެދިފައިވި ބިރުވެރިކަމުގެ ސަބަބުން އެއްވެސް ވާހަކައެއް ހިއްސާނުކުރެވުނުކަމެވެ. ކޮއްކޮއާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ދިޔަކަމެވެ. އޭނަގެ ނަފުސަށް ވެސް އޮތް އިތުބާރު ގެއްލި މީހާ ވަނީ ބަލިކަށިވެފައެވެ. އެހުރިހާ ބަދަލަކީ އުސައިދުގެ ފަރާތުން އޭނައަށް ލިބުނު އަނިޔާތަކުގެ ސަބަބުން މީހާއަށް ލިބިފައިވި ނަފުސާނީ ގެއްލުންތަކެވެ. އެއީ އުސައިދު ބޭނުންވި ގޮތް ވެސް މެއެވެ. އުސައިދުގެ މުށުތެރޭގައި އޭނަ ހައްޔަރުކޮށްލީ ސަލާމަތް ނުވެވޭނެ ފަދައަކުންނެވެ. އެހެނަސް މިހާރު މަންޒަރު އެވަނީ ބަދަލުވެއެވެ. އަޝްކާންގެ ސަބަބުން ކުޑަނަމަވެސް އުއްމީދެއް އޭނައަށް ލިބިއްޖެއެވެ. އޭނައަށް އިތުބާރު ކުރާނެ މީހަކު ހުރިކަމުގެ ޔަޤީންކަން ވެސް ލިބިއްޖެއެވެ.

''ނޫން، އެހެން ހަދާނެ ކަމެއް ނެތް!، އޭރުން އިތުރަށް މަސްލަހަތު ގޯސްވާނީ، ދެޢާއިލާގެ ދެމެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެދި މަންމަގެ ރުޅިވެރިކަން ވެސް އިތުރުވުން ނޫންކަމެއް ނުވާނެ... ވިޔަފާރީގެ މާހައުލުގައިވެސް ގެއްލުންތަކެއް ލިބުން ނޫންކަމެއް ވެސް ނުވާނެ!... ޝާން... އަހަންނަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ މިކަންތައް ސިއްރުކޮށްދީ، އެއްވެސް މީހަކަށް ނޭގި މިހާހިސާބުން އަހަރެންގެ ހަޔާތުގެ މި އަނދިރި ބާބު ފޮރުވައިދީ...'' ދެއަތްތިލަ ޖޯޑުކޮށްލަމުން އަޝްކާންގެ ގާތުގައި ދިމްނާ އާދޭސްކުރިއެވެ. އެމަންޒަރު ބަލަން އަޝްކާންއަކަށް ކެތެއް ނުކުރެވުނެވެ. ދިމްނާގެ އަތުގައި އަޝްކާންއަށް ހިފާލެވުނެވެ.

''ދޮންތައަށް އިނގޭ ޝާން ތިހުރީ ރުޅިއައިސްފައިކަން، ރުޅީގެ މައްޗަށް ބުރަވެ ހުރެ ވިސްނާ ނިންމުމެއްގެ ނަތީޖާ ހިތިގޮތަކަށް ނިކުމެދާނެ، އެހެން ވާން އަހަރެން ބޭނުމެއް ނޫން، ވަން ރޭޝް ޑިޒިޝަން ކޭން ރުއިން އެވްރީތިންގް...'' ދިމްނާ ބުނެލިއެވެ. އެއަށްފަހު އަޝްކާން ގޮވައިގެން ގޮސް އޭނަ އިށީނީ ސޯފާގައެވެ. އަޝްކާން އައިސްފައި ހުރި ރުޅި ފެނި ދިމްނާގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެރުޅީގައި ހުރެ އަޝްކާން އުސައިދުއާއި ކުރިމަތިލައިފިނަމަ ވެދާނެ ގޮތެއް ހިތަށް ގެންނަން ވެސް ދައްޗެވެ. އޭނަގެ ސަބަބުން އަޝްކާންއަށް ކުޑަމީސް އަނިޔާއެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ. އުސައިދުއަކީ ކޮންފަދަ ނުބައި މީހެއްކަން އެނގޭނީ ހުދު އޭނައަށެވެ.

އޭނަގެ އަމިއްލަ ނަފުސު ބަނދެވިފައިވި އަނދިރިކަމަށް ވުރެން ބޮޑަށް ދިމްނާގެ ހިތުގައި ބިރުވެރިކަން ވަނީ އަޝްކާން ކޮށްފާނެ ކަމެއް ނޭގޭތީއެވެ. ހިތާމަތައް މަތިން ވެސް އެހިނދުކޮޅުގައި އޭނަ ހަނދާން ނެތިފައިވާ ކަހަލައެވެ.

''ކީއްވެ ފޮށި ތައްޔާރުކޮށްފަ އެހުރީ...'' ހަށިފުރާ ދޫކޮށްލި ނޭވާއަކަށް ފަހު އަޝްކާން އިޝަރާތްކޮށްލީ އެނދުމަތީ ބަންދުކޮށްފައި ހުރި ފޮށްޓަށެވެ. އެއާއެކު ދިމްނާގެ ނަޒަރުވެސް އެދިމާއަށް ދަތުރުކުރިއެވެ. ކާމޭޒު ދޮށުގައި ހޫނުވި ޒުވާބަށް ފަހު އޭނަ ގަސްދުކުރީ މަންމަގެ އެދުމަށް އިޖާބަ ދޭށެވެ. ނަމަވެސް މިހާރު އެއީ ކޮންފަދަ މޮޔަ ނިންމުމެއްކަން އަޝްކާންގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އޭނައަށް ރޭކލައިފިއެވެ. އަނިޔާވެރިއެއްގެ ގާތަށް އަނބުރާ ދާން ނިންމުން އެއީ އަމިއްލައަށް މަރުގެ ކަފުން ތައްޔާރުކުރުން ކަހަލަކަމެކެވެ.

''ދޮންތަ ހުންނާނީ މިގޭގައި، އޭނަގެ ސޫރަ ފެންނަ ހިސާބަކަށްވެސް ދޮންތަ ދިއުމުގެ ފުރުސަތެއް އަހަރެން ނުދޭނަން، އޭނައަށް ދެން މިގޭގެ އިމުގެ ތެރެއަށް އެންމެ ފިޔަވަޅެއްވެސް އެޅުނަކަ ނުދޭނަން!...'' ދިމްނާގެ ހުށަހެޅުމާއި މުޅިން ޤަބޫލުނުވެވުނު އަޝްކާން އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ. ''އެންޑް ޔޫ ވިލް ގެޓް އަ ޑިވޯސް ފްރޮމް ހިމް...'

''މަންމަ...'' ދިމްނާއަށް ބުނެލެވުނެވެ.

''ދޮންތަ ބޭނުން ނުވާ ކައިވެންޏެއް ގަދަ މަޖުބޫރުން ދެމެހެއްޓުމުގެ ބާރެއް މަންމައަށް ލިބިގެން ނުވޭ، ދޮންތަގެ ދިރިއުޅުމުގެ ނިންމުންތައް އަމިއްލައަށް ނިންމޭނެ، މަންމަ ރުޅި އަޔަސް އަހަންނާއި ބައްޕަ އަބަދުވެސް ތިބޭނީ ދޮންތައާ އެކުގައި، އެކަން އަބަދުމެ ހަނދާނުގައި ބަހައްޓާތި!...'' ދިމްނާއަށް ހިތްވަރުދެމުން އަޝްކާން ވާހަކަދެއްކިއެވެ.

ދިމްނާއާ ވާހަކަދައްކާލައި އެހިތުގެ އުދާސްތަކާއި ހިތާމަތައް ލުއިކޮށްދޭން އިރުކޮޅެއްގެ ވަންދެން ދިމްނާގެ ގާތުގައި އަޝްކާން މަޑުކުރިއެވެ. ޒަމާންތަކަކަށްފަހު ހިތް ހުޅުވާލައި ހިތާމަތައް ބޭރުކޮށްލުމުގެ ފުރުސަތު ލިބުމުން ދިމްނާގެ ހިތަށް ކުޑަމީސް ހަމަޖެހުމެއް ލިބުނެވެ. ހީވީ ނޭވާހާސްވެފައިވި މީހަކަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔަ ހެންނެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސް ނަފުސަށް ލުޔެއް ލިބުނެވެ.

*****

ދިމްނާގެ ކޮޓަރިން ނިކުތް އަޝްކާންއަށް ދިމްނާގެ ކޮޓަރީގެ ދޮރަށް ބަލާލެވުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ދިމްނާއަށް ވި ވަޢުދުގެ މަތީގައި ދެމި ހުރެވިދާނެކަމާ މެދު ހިތުގައި ޝައްކު އުފެދިގެން ދިޔައެވެ. އުސައިދުގެ ސޫރަ ފެނުނަސް އޭނަގެ ރުޅިގަނޑު ހިލިގެންދާނެއެވެ. އެއިން ކޮންމެފަހަރަކު ލޮލަށް ސިފަވެގެން ދާނީ އުސައިދުގެ ފަރާތުން އޭނަގެ ދޮންތައަށް ލިބުނު ޖިސްމަނީ އަދި ނަފުސާނީ އަނިޔާ ތަކެވެ. ވޭނާއި ކެކުޅުންތަކެވެ.

އަޝްކާންއަށް އޭނަގެ މުށްކަވާލެވުނެވެ. އޭރު އޭނަގެ ދެލޯވަނީ ހަނިވެފައެވެ. ސިކުނޑިއަށް ވެރިވެގެން އައި ނަފުރަތުގެ ދިލަހޫނުކަން ނައްތާލަން އޭނައަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. އެދަނޑިވަޅުގައި އޭނައަށް ސިހުން ގެނުވީ ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ކުއްލިއަކަށް ރިންގްވާން ފެށި އަޑަށެވެ. އަވަސްއަވަހަށް ފޯނުނަގައި ބަލާލިއިރުގައި ގުޅަނީ ވިވިއަން އަވެ. މެންދުރުފަހު މީޓިންގް އޮތްކަން ވެސް އޭނަ ހަނދާންވީ ދެނެވެ.

*****

މީޓިންގް ނިންމާލުމަށްފަހު އަޝްކާން ކެބިންއަށް އައިސް ވަންތާ އިރުކޮޅެއް ނުވަނީސް ވިވިއަން ކެބިންއަށް ވަނެވެ. މިއަދު އިންޓަވިއު ކުރި ކެންޑިޑޭޓުގެ ޚަބަރެއް އޮޅުން ފިލުވަން ވެގެންނެވެ. އަޝްކާންއަށް ކަމުނުދާނަމަ އިތުރު ބަޔަކު ހޯދަން ޢިއުލާން ކުރަން ވެގެންނެވެ.

''މިއަދު ފުރަތަމަ އައި ކެންޑިޑޭޓަށް އޮފާ ކުރޭ...'' އަޝްކާން ބުނެލިއެވެ. އެއާއެކު ބޯޖަހާލަމުން ވިވިއަން ކެބިން އިން ނިކުތެވެ. އަދި އޭނައަށް ހަވާލުކުރެވުނު މަސައްކަތާއިގެން މަސްޢޫލު ވެއްޖެއެވެ.

*****

ގޮނޑީގައި ހަމަޖެހިލި އަޝްކާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދޮންތައާ މެދު ވިސްނެމުން ދަނިކޮށް ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ފޯނަށް ކޯލެއް އަންނަން ފެށުމުންނެވެ. އެއާއެކު ފޯނު ނަގައި ސްކްރީނަށް ނަޒަރެއް ދިނެވެ. އެހިނދު އުދާސްކަމުގެތެރޭން ވެސް އަޝްކާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

''ހޭއި، ހާދަ މޫޑީ ވެފައި ހުރި ހެން ހީވެޔޭ...'' ވީޑިއޯ ކޯލުން އަޝްކާން ފެންނައިރަށް ކަމެއް ގޯސްވެއްޖެކަން އެލީންއަށް ނަގައިގަނެވުނެވެ. ޒަމާންވީ އެކުވެރިކަމުގެ ސަބަބުން އަޝްކާންއަށް އަންނަ ކިތަންމެ ކުޑަ ބަދަލެއް ވިޔަސް އެލީންގެ ސަމާލުކަން ނައިސް ނުދެއެވެ.

''ކަމެއް ނުވޭ... ޖަސްޓް ވޯކް ސްޓްރެސް...'' ދެފަރާތަށް ބޯހޫރާލަމުން އަޝްކާން ހިނިތުންވެލިއެވެ. އަދި އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރިއެވެ.

''ނުބުނަން އުޅެންނާ އެލީ ނޫޅެން ޝާންއަށް މަޖުބޫރު ކުރާކަށް، އެކަމަކު އަހަންނާއި ވެސް ކަންތައް ހިއްސާ ކުރާތި އޭރުން އަހަންނަށް އެހީއެއް ވެދެވޭނީ، އައިލް އޯލްވޭސް ބީ ދެއާރ ފޯ ޔޫ...'' އެލީން ބުނެލިއެވެ.

''އެނީވޭސް ޝާންއާ ކަމެއް ހިއްސާކޮށްލަން މިގުޅާލީ... ހުސްވަގުތެއްތަ މީ އަނެއްކާ؟...'' އެލީން އަހާލިއެވެ.

''ފޯރ ޔޫ އައިމް އޯލް ވޭސް ފްރީ...'' އަޝްކާން ޖަވާބުގައި ބުނެލިއެވެ.

''އޯހ... ހައު ސްވީޓް...'' ލަދުރަކި ހުނުމެއްގެ އަޑާއެކު އެލީން ބުނެލިއެވެ.

*****

އެނދުގައި ވާހަކަފޮތެއް ކިޔަން އޮތް މަލްސާ ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ރިންގްވާން ފެށި އަޑަށެވެ. ވާހަކައިގެ ދުނިޔެއިން ނިކުމެ ހަޤީޤަތާ ކުރިމަތިލާން ޖެހުމުން ހިސާބެއްގެ ފޫހިކަމެއް އެމޫނަށް ވެރިވިއެވެ. ތުންފަތް އަރިއަކަށް ދަމާލަމުން ފޮތުގެ ގަނޑުގެ ކަން ލަންބާލަމުން މަލްސާ ފޮތް ލައްޕާލިއެވެ. އަދި އޭނަގެ ފޯނަށް ސަމާލުކަން އަނބުރާލިއެވެ. އެހިނދު މަލްސާގެ މެގަނޑު އަތަށް އައިފަދަ އިހުސާސެއް ކުރެވުނެވެ. އަވަސްވެފައިވި ހިތަކާއެކު މަލްސާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އޭރު އޭނައަށް ނޭވާ ހިފަހައްޓާލެވިއްޖެއެވެ.

އެއީ މަލްސާގެ ހަޔާތުގެ މުޅީން އައު ބާބެއް ހުޅުވާލަ ދިން ފޯނުކޯލެކެވެ. ނޭގުނީ އެބާބުގެ ރާސްތާއެވެ.

(ނުނިމޭ...)

https://sun.mv/125691

comment ކޮމެންޓް