ބިންމަތީގައި ޖެހުނު ގޮތުން ދިމްނާއަށް ރޮއިގަނެވުނެވެ. ދަށްބަނޑަށް އަރާފައިވާ ތޫނު ތަދުގެ ސަބަބުން ހެޔަށް ގޮތްތަކަށް ވެދާނެހެން ވެސް ހީވިއެވެ. އިރުކޮޅެއް ވަންދެން ހަރަކާތެއް ގެންނަން ނޭނގިފައި ދިމްނާއަށް އޮވެވުނެވެ. އޭރު ހޯސްލާފައި އެދެލޮލުން ވޭނީ ކަރުނަތައް ފައިބަމުން ދިޔަ އެވެ. މަޑު ކުކުރުމެއް އެހަށިގަނޑުގައި ވިއެވެ.
ވޭނާއި ކެކުޅުމުގެ ތެރޭގައި ވަނިކޮށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ކަރުނުން ފުސްވެފައިވާ ދެލޮލުން ދިމްނާއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެން އޭނަގެ ކަންފަތުގައި ޖެހުނީ މަންމަގެ އަޑެވެ. ދިމްނާގެ ދުލުން މަޑު އާހަކާއެކު ފަނޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ދިމްނާއަށް ދެލޯ މަރާލެވުނެވެ. ހިތުގައި ޖެހި ޖިސްމުގައި އުފެދިފައިވާ ވޭން ދެގުނައަށް އިތުރުވެގެން ދިޔައީ އެކަކުވެސް އޭނަގެ ވާހަކަތައް ޤަބޫލުނުކުރާނެކަން ހަނދުމަވުމުންނެވެ. އުފަން މަންމަވެސް އޭނައަށް ދިނީ ބީރުކަންފަތެކެވެ. ރަހުމެއް ނެތް އިންސާނެއްގެ ވަކިތަކުގެ ދަށަށް އަނެއްކާ އޭނަ ދޫކޮށްލީ ދެވަނަ ވިސްނުމަކާ ނުލައެވެ. އޭނަ ދެއްކި ވާހަކަތަކައް އިތުބާރެއް ވެސް ނުކުރިއެވެ. ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ދަރިފުޅުގެ ހިތާމަތައް މަންމައަށް ނުފެންނަ ކަހަލައެވެ. ހިލޭމީހުން ދައްކާ ދަޅަތަކަށް މާބޮޑަށް އިތުބާރުކުރެއެވެ.
''ދަރިފުޅު އުސައިދު ސައިބޯން އަންނަން ވީނު؟...'' ދޮރުގައި ޓަކިދެމުން ބަރްކާ ވާހަކަދެއްކިއެވެ. އެއަޑުގައިވާ އޯގާތެރިކަމާއި ލޯބި ދިމްނާއަށް އިހުސާސްކުރެވުނެވެ. މޭގައި އިތުރަށް ރިއްސާލީ އެހެންވެއެވެ. އެފަދަ މޭރުމަކުން މަންމަ ދުވަހަކުވެސް އޭނައާއި ވާހަކަދައްކާފައި ނުވެއެވެ. މުޅި އުމުރުދުވަހު މަންމަގެ ފަރާތުން އޭނައަށް ފެނުނީ ހަރުކަށިކަމެވެ.
''މިދަނީ އިރުކޮޅަކުން!...'' ބަރްކާގެ އަޑުން އުސައިދުއަށް ހާސްކަން ލިބުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހަށިފުރާ ދޫކޮށްލި ނޭވާއާއެކު މުޅި މީހާ ހަމައަކަށް އަޅުވާލިއެވެ. އަދި ސިކުނޑިއަށް ވެރިވެފައިވި ސިނގުރުޅިގަނޑަށް ނިމުމެއް ގެންނަމުން އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގާލިއެވެ.
''މަންމަ މިހިރީ ކާކޮޓަރީގައި، ދިމްނާއާއި ދެކުދިން އަވަހަށް އަންނާތި...'' ބަރްކާގެ ފިޔަވަޅުތައް ދުރަށް ގޮސް އޮބުނު އަޑު އިވުމާއެކު ދިމްނާ ކައިރިއަށް އުސައިދު ހުއްޓުނެވެ. އަދި ދިމްނާގެ އިސްތަށިގަނޑު އަތުގެ އިނގިލިތަކުގެ ތެރެއަށް މަހާލަމުން ޖެހި ލުއްކިއާއެކު ދިމްނާއަށް ކޮޅަށް ތެދުވަން މަޖުބޫރުކުރިއެވެ. ވޭނީ އާހެއްގެ އަޑާއެކު ދިމްނާއަށް ހިފާލެވުނީ އުސައިދުގެ އަތުގައެވެ. އޭރު އޭނަގެ ދެލޮލުން ހޫނު ކަރުނަތައް ފައިބަމުން ދިޔައެވެ.
''ކަލެއަށް އެއްޗެއް ވިސްނިއްޖެކަމަށް އަހަރެން ހީކުރަން، ރުއިން ހުއްޓާލާފަ އާދެ މޫނު ދޮވެލައިގެން...'' ފާޚަނާގެ ދޮރާއި ދިމާއަށް ދިމްނާ ކޮއްޕާލަމުން އުސައިދު ވާހަކަދެއްކިއެވެ. އެދިޔަ ބާރުމިނުގައި ދިމްނާ ގޮސް ތަތްވީ ފާޚަނާގެ ދޮރަށެވެ. ލޮލުން އޮހޮރެމުން އައި ކަރުނަތައް ފޮހެމުން އަވަސްއަވަހަށް ދިމްނާ ފާޚަނާއަށް ވަނީ އުސައިދުގެ ފަރާތުން ރައްކާތެރިކަމެއް ލިބެން އޮތް ތަނަކީ އެއީ ކަމުގައި ވާތީއެވެ.
ފާޚަނާއަށް ވަދެވުމާއެކު ދިމްނާ ނިކަން އަވަހަށް ދޮރު ތަޅުލިއެވެ. އަދި ދޮރަށް ލެނގިލަމުން ރޮވުނެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވެގެން ދިޔަ ތަނާ ސިއްސައިގެން ދިޔައީ ދޮރުގައި އުސައިދު ޓަކިދޭން ފެށި އަޑަށެވެ.
''އަވަހަށް ތިތަނުން ނިކުންނަންވީ!...'' ތަޅުގައި ހިފާލަމުން ރުޅިވެރި އަޑަކުން އުސައިދު ބުނެލިއެވެ. އެއާއެކު ދިމްނާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް މޫނު ދޮންނަ ތަށިގަނޑު ކުރިމައްޗަށް ހުއްޓިލަމުން އިސްކުރަށް ދޫކޮށްލިއެވެ. އަދި ފެންގޮށްޓެއްގެ ފެން ނަގައި މޫނަށް ބުރުއްސާލިއެވެ. އެއަށްފަހު ދިމްނާއަށް ބަލާލެވުނީ ފާރުގައި ހަރުކުރެވިފައިވި މޫނު ބަލާ ލޯގަނޑަށެވެ. ކަރުގައި ހުރި އުސައިދުގެ އަތުގެ ނިޝާންތައް ދިމްނާއަށް ފާހަގަކުރެވުނީ އެދަނޑިވަޅުގައެވެ. އެތަންތަން ވަނީ ރަތްވެ ނޫފައިގެންފައެވެ. އެނިޝާންތަކުގައި އިނގިލިތަކުގެ ކުރި ޖައްސާލެވުނެވެ. އެއާއެކު ތޫނު ރިހުމެއްގެ އަސަރު އަރުތެރޭން އިހުސާސްކުރެވުނެވެ. ދިމްނާއަށް އަނެއްކާވެސް ރޮވުނެވެ. އެއަނިޔާތަކުން ސަލާމަތްވާނެ ގޮތެއް ދިމްނާއަކަށް ނޭގުނެވެ. އެކަކުވެސް އޭނަގެ ވާހަކަތަކެއް ޤަބޫލެއް ނުކުރެއެވެ. ހިމާޔަތްދޭނެ މީހަކު ވެސް ގާތުގައި ނެތެވެ. އަނިޔާވެރިޔެއްގެ ވަކިތަކުގެ ދަށަށް އަނބުރާ ދާކަށް ދިމްނާ ބޭނުމެއް ނުވެއެވެ. ވިސްނާވިސްނާ ސިކުނޑި ފަޅައިގެން ހިނގައިދާނެހެން ދިމްނާއަށް ހީވެއެވެ. މިނޫން ގޮތެއް އޭނައަށް ނެތީ ހެއްޔެވެ؟ އެކަނިވެރިކަމާއި ވޭނާއި ހިތާމައިގެ ތެރޭގައި މީހާ ހަފުސްވެގެން ދާންވީ ހެއްޔެވެ؟
''ބަލާއެއްނު!... ކަލޭ ތިތާ ކީއްކުރަނީތަ؟...'' ހިތާމަޔާއި އުދާހުގެ ކަނޑުގައި އޮޔާލާ ބެހެމުން ދިޔަ ދިމްނާ ސިއްސައިގެން ދިޔައީ އުސައިދު ފާޚަނާގެ ދޮރުގައި ތަޅައިގަތް އަޑަށެވެ. އަވަސްއަވަހަށް ހަރުގަނޑުގައި އޮތް ތުވާލި ނަގައި މޫނުގައިވި ފެނުގެ އަސަރު ފިލުވާލަމުން ދިމްނާ ދޮރު ހުޅުވާލިއެވެ. އޭރު ދޮރުކުރިމަތީ އުސައިދު ހުއްޓެވެ. ދިމްނާއަށް ކުރިއަށް ނުދެވޭނެހެން މަގު ބަންދުކޮށްގެންނެވެ.
''އަވަހަށް ތައްޔާރުވޭ، ބުރުގާއަޅައިގެން ނިކުންނާނީ!...'' އޭނަގެ ފަރާތުން ދިމްނާއަށް ލިބޭ އަނިޔާތައް އެހެން މީހުންނަށް ސިއްރުކުރަން އުސައިދު ބޭނުންވެއެވެ. ދިމްނާއަށް އަނިޔާކުރާއިރުގައި ވެސް އެކަމާ މެދު އޭނަ ވިސްނައެވެ. ދިމްނާގެ ޖިސްމަށް އަނިޔާ ދޭއިރުގައި ޒަހަމްތަކުގެ ލިސާންތައް އެހެން މީހުންނަށް ނުފެންނާނެހެން އެކަމަށް އޭނަ އަބަދުމެ އިސްކަން ދެއެވެ. ތިމާގެ ނުބައިކަމާއި ޤައްދާރުކަން ސިއްރުކުރަން ވެސް މެއެވެ. އެހެންމީހުންގެ ކުރިމަތީގައި ދިމްނާއަށް ލޯތްބާއި އަޅާލުންދޭކަމުގެ ތަމްސީލު ވެސް ކުޅެއެވެ. އެފަދަ ހެޔޮލަފާ ފިރިއަކު ނުލިބޭނެކަމަށް ގިރިޓީކޮށްފައި ދައްކައެވެ. އެހަނަސް ބަންދުކޮޓަރީގައި އެކަނިވުމާއެކު އެތެރެހަށީގައި ފިލާ ހުންނަ ޝައިތާނާ އުފަންވެގެން ދެއެވެ. ނިކަމެތި އަންހެންކުއްޖެގެ މައްޗަށް އަނިޔާވެރިވެގަންނަނީ ހަމައެއްލަމައެއް ނެތިއެވެ.
*****
ކާކޮޓަރިއަށް ދިޔަ އިރު ބަރްކާ އިނީ އުސައިދުމެންގެ އިންތިޒާރުގައެވެ. ބަރްކާގެ ނަޒަރު ދިމްނާއަށް ހުއްޓުމާއެކު ނުރުހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. އުސައިދުގެ ކުރިމަތީގައި ދިމްނާ ބުރުގާ އަޅައިގެން ހުރުމުން އެކަމާ ބަރްކާ ހިތްހަމަނުޖެހުނެވެ. ހަމައެއާއެކު ހަށިގަނޑުގެ ވަނާތަކުގައި ނުހިފާ ގޯނިއެއްހެން އޮތް ފީކަޅާ ހެދުމާ މެދު ވެސް އޭނަ ނުރުހުނެވެ. އެކަންތައް ބަރްކާއަށް ނަގައިގަނެވުނީ އުސައިދުގެ ސަމާލުކަން ނުލިބޭނެހެންނާއި އުސައިދުގެ ހިތުގައި ފޫހިކަން އުފައްދަން ދިމްނާ އަތުރަމުންދާ ރޭވުމަކާއެވެ. އެހާ ދިނަ ދުވަސްފަހުން އުސައިދު ފެނުމުން ވެސް ޒީނަތްތެރިވުމުގެ ބަދަލުގައި އެހުރީ މުސްކުޅި މާމަގަނޑަކަށް ހެދިގެންނެވެ. ބަރްކާއަށް ތުންފަތް އަރިއަކަށް ދަމާލެވުނެވެ.
''އަވަހަށް އިށީދޭ...'' އުސައިދުއަށް ހިނިތުންވެލަމުން ބަރްކާ ބުނެލިއެވެ. އޭނަ ދިމްނާއަށް ދިނީ ނުރުހުމުގެ ބެލުމެކެވެ.
ދިމްނާގެ ގާތުގައި އުސައިދު އިށީނުމުން ދިމްނާއަށް އުނދަގޫ ވިއެވެ. ނަމަވެސް އެކަން ސިއްރުކުރަން އޭނައަށް މަޖުބޫރުވިއެވެ. އޭނަގެ އިހުސާސްތައް ދެނެގެންނާނެ މީހަކު އޭތާކު ނެތެވެ.
''ދެކުދިން ވާހަކަދައްކައިގެން ހުރިހާ ކަމެއް ހައްލުކުރަން މަންމައަށް ފެންނަނީ، ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭނެ، އެކަމަކު ޖެހޭ ކޫސަނި މައްސަލައެއްގައި ރުޅިއައިސް ފިރިމީހާ ދޫކޮށްފައި އައުން އެއީ ރަގަޅުކަމެއް ނޫން... ވާހަކަދައްކައިގެން ހުރިހާ ކަމެއް ހައްލުކުރެވޭނެ. ކޮމިއުނިކޭޝަން އިޒް ދި ކީ!... ތި ދެކުދިން އުޅެމުން އައީ ކިހާ ލޯބިން، އެކަމުން އެނގޭ އަދިވެސް އެކުގައި އުޅެން ބޭނުންވާކަން... މަންމަ ވަރަށް އުފާވޭ ދިމްނާ ކުރި ކަންތަކަށް ފަހުގައި ވެސް ދަރިފުޅު ދިމްނާއާއެކުގައި އުޅެން ބޭނުންވާތީ... މަންމައަށް އެނގޭ ދިމްނާ ވެސް ބޭނުންވަނީ އެގޮތްކަން!...'' ބަރްކާގެ ވާހަކަތަކުން އާދައިގެ މަތިން ކުށްވެރިވީ ދިމްނާއެވެ. އެވަގުތު އުސައިދުގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުން ފާހަގަކުރެވުނީ ހަމައެކަނި ދިމްނާއަށެވެ. ރުޅިއާދެވުނުކަމުގައި ވިޔަސް އޭނައަށް ކުރެވޭނެކަމެއް ނެތްކަމާއި މީހާގެ ނިކަމެތިކަން ހަނދާންވެ މާޔޫސްކަން ހިތަށް ވެރިވިއެވެ.
''އުސައިދު؟...'' ކުއްލިއަކަށް ފަހަތުން އިވުނީ ނާޒިމުގެ އަޑެވެ. އެއާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އަޑުއައި ދިމާއަށެވެ. އޭރު ނާޒިމު ކާކޮޓަރިއަށް ވަންނަނީއެވެ. ނާޒިމުގެ ފަހަތުގައި އަޝްކާން ވެސް ހުއްޓުނެވެ. އުސައިދު ފެނުމުން ދެބަފައިންގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވިއެވެ.
ނާޒިމުގެ ނަޒަރު ގޮސް ބަރްކާއަށް ހުއްޓުނު ހިނދު ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ. ނާޒިމު ފެނުމުން ބަރްކާގެ މިޖާޒު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. މީހާއަށް ނުތަނަވަސްކަން ލިބިއްޖެއެވެ. ނާޒިމު މަނާކޮށްފައި ވަނިކޮށް އުސައިދު އެގެއަށް ގެނައުމުން ހިތްހަމަނުޖެހޭނެކަން ބަރްކާއަށް ވިސްނުނެވެ. ނަމަވެސް އޭނަ މަސައްކަތް އެކުރަނީ އޭނަގެ އަންހެންދަރިފުޅަށް ދިރިއުޅުމެއް ހޯދައި ދޭށެވެ. ދިމްނާގެ ވިސްނުމުގައި ހުންނަ ކޮށިކަމުގެ ސަބަބުން ލިބިފައި އެވަނީ ކޮންފަދަ ބޮޑު ނިއުމަތެއްކަން ރޭކާނުލައެވެ. އުސައިދު ފަދަ ހެޔޮލަފާ ފިރިއަކު ދުނިޔޭގައި އަތްފުނާއެޅިކަމުގައި ވިޔަސް ދިމްނާއަކަށް ނުލިބޭނެއެވެ.
ދިމްނާއަށް ރުޅިވެރިކަމާއެކުގައި ބަރްކާ ބަލާލިއެވެ. ދޮގު ވާހަކަތައް ހަދައިގެން ނާޒިމުގެ ހިތުގައި އުސައިދުއަށް ނަފުރަތު އުފައްދަން ދިމްނާ ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ.
''ދިމްނާއާއި ބައްދަލުކޮށްލަން އައީ...'' ކާމޭޒުދޮށުގައި އެންމެން ހަމަވުމުން އުސައިދުގެ ފަރާތުން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނުނެވެ. ވަކިން ހާއްސަގޮތެއްގައި އަޝްކާންގެ ބަލާލުންތަކުން އޭނައަށް އުނދަގޫވެފައިވިއެވެ. ނަމަވެސް ނުތަނަވަސްކަމުގެ ހިނިތުންވުމަކާއެކު ހުރިހާކަމެއް ފޫބައްދާލަން އޭނަ މަސައްކަތްކުރިއެވެ.
''މަންމަ ވަރަށް އުފާވާނެ ތިދެކުދިން އަލުން ގުޅުނީމަ، ކޫސަނި މައްސަލަތަކުގައި ރުޅިވުމަކީ ރަގަޅުކަމެއް ނޫން، ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން ވިއްޔާ...'' ނާޒިމުގެ ހާޒިރުގައި ވެސް ބަރްކާ އޭނަގެ ހިތުގެ މުރާދު ހާސިލުކުރަން މަސައްކަތްކުރިއެވެ. އުސައިދުއާއެކުގައި ދިމްނާ ގޮސްގެން މެނުވީ އޭނައަށް ހަމަޖެހުމެއް ލިބުމެއް ނެތެވެ. މީހުންގެ ދުލުކުރީގައިވާ ބަދު ބަސްތަކަށް ނިމުމެއް ގެންނަން އޭނަ ބޭނުމެވެ.
''އަޅުގަނޑު ގޮސްލަނީ...'' އުސައިދުއަށް ފޯނެއް އަންނަން ފެށުމުން އެކަން ބަހަނާއަކަށް ދައްކާފައި އެތަނުން ދާން އުސައިދު އަވަސްވެގަތެވެ. ދިއުމުގެ ކުރިން މީހުންގެ ލޮލުގައި އަނދުން އަޅުވަން ދިމްނާދެކެ ވާލޯތްބާއި، ދިމްނާ ނެތުމުން އޭނަގެ ހަޔާތަށް ވެރިވެފައިވާ ފަޅުކަމާއި، ދިމްނާ އޭނަ ގާތަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރާނެކަން މޮޅު ބަސްތަކުން އަތުރާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ.
އުސައިދުގެ މޮޅު ވާހަކަތަކުގެ ދަންތުރައިގައި ހައްޔަރުވީ ހަމައެކަނި ބަރްކާއެވެ. ނާޒިމާއި އަޝްކާންގެ ފަރާތުން ފެނުނީ ޝައްކެވެ. އުސައިދު ގާތުގައި އިނުމުން ދިމްނާއަށް އައިސްފައިވި ބަދަލާއި ދުރަށް ދިއުމާއެކު ފެނުނު ބަދަލުވެސް ފާހަގަކުރެވުނު ބަޔަކީ ނާޒިމާއި އަޝްކާނެވެ.
''އަހަރެންގެ ނިންމުން އޮތީ ބަރްކާ ގާތު ހާމަކޮށްފައެއްނު، ދެން ކީއްވެ އުސައިދު މިގެއަށް ގެނައީ؟...'' ހިތްހަމަނުޖެހުމާއެކު ނާޒިމު ސުވާލުކުރިއެވެ. ނާޒިމު ވާހަކަދައްކަން ފެށީ އުސައިދު ދިއުމާއެކުގައެވެ.
ނާޒިމުގެ ސުވާލާއެކު ބަރްކާއަށް ވެސް ނުރުހުމާއެކު ނާޒިމަށް ބަލާލެވުނެވެ.
''އަހަރެންތަ މިހާރު ގޯސްވީ؟، އެދެމެދުގައި ޖެހިފައިވާ މައްސަލައެއް ވިއްޔާ ހައުލުކުރާކަށްނު މިއުޅެނީ!...'' ނާޒިމަށް ރައްދު ދެމުން ބަރްކާ ބުނެލިއެވެ. އެއީ ދަރިންގެ ކުރިމަތީގައި ނާޒިމާ ދިމާއަށް ބަރްކާ އެއްޗެކޭ ބުނި ފުރަތަމަ ފަހަރެވެ.
''އަހަރެން ބޭނުމެއް ނޫން ދިމްނާއަށް ބޭނުންނުވާކަމަކަށް މަޖުބޫރުކުރާކަށް، ދިމްނާ ބޭނުންވަނީ އުސައިދުއާއި ވަކިވާން ކަމުގައިވަނީނަމަ ދިމްނާގެ އެނިންމުމަށް އަހަރެން މަރުޚަބާ ކިޔާނަން، އަހަރެންގެ ހިތް ބުނޭ ކޮންމެވެސް ބޮޑު ކަމެއް ދިމާވީމައޭ އުސައިދު ދޫކޮށްފައި ދިމްނާ އަންނާނީ... ބަރްކާ މީގެ ފަހުން ނުވާނެ މިކަމަށް އެއްޗެކޭ ބުނެގެން... ދިމްނާގެ ދިރިއުޅުމުގެ ނިންމުންތައް އޭނައަށް އަމިއްލައަށް ނިންމުމުގެ އިހުތިޔާރު އޮތްނަން ޖެހޭނެ!...'' އަޑުހަރުކޮށް ނާޒިމު ބުނެލިއެވެ. އޭނަގެ އަޑުގައި ހަރުކަށިކަން ވެއެވެ.
''ކިހިނެއްތަ ނާޒިމުގެ ވިސްނުން މިހާރު ތިހިރީ؟، ތި ބުނާ އެއްޗެއް ވެސް އެބައިނގޭތަ؟... އޭނަ ދިރިއުޅުން ހަލާކުކުރާއިރުގައި ވެސް އެމަންޒަރު ބަލަން ހުންނާށޭތަ ތިބުނަނީ؟... އެކަމުން އަހަރުމެންގެ އާއިލާއަށް ލިބޭނެ ގެއްލުންތައް އަންދާޒާ ކޮށްފިންތަ؟... މީހުން ބުނާނެ އެއްޗަކާ މެދު ވިސްނާލިންތަ؟... އަހަރުމެންގެ އަގު މުޅި ސޮސައިޓީ ތެރޭގައި ވެއްޓިގެންދާނެ!، ވިޔަފާރިއަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެ!، ދެންވެސް ހުރިހާކަމެއް ވަރިހަމަވެގެން ހުންނަން ވީތަ؟...'' ބަރްކާއަށް ގޮނޑިން ތެދުވެވުނެވެ.
''މީހުން ބުނާ އެއްޗަކަށްވުރެން ބޮޑަށް އަދި ވިޔަފާރީގައި ލިބޭނެ ގެއްލުމަށްވުރެން އަހަންނަށް ބޭނުންވަނީ އަހަރެންގެ ދަރިފުޅު، އުސައިދުއާއެކުގައި ދިމްނާ އުޅެނީ އުފަލުގައި ނޫންކަން އަހަންނަށް ދިމްނާގެ ހިމޭންކަމުން ކިޔައިދޭ، އުސައިދާ ކައިވެނި ކުރިފަހުން ދިމްނާ އެހެރީ މުޅިން ބަދަލުވެފައި، ކުރީގަ ހުންނަ ހިނިތުންވުން އެވަނީ މާޔޫސްކަމަށް ބަދަލުވެފައި!... އެހުރިހާކަމެއް އަހަންނަށް ނުފެންނަ ކަމަކަށް ނުހެދޭނެ...'' ދިމްނާއަށް ހަމްދަރުދީގެ ނަޒަރަކުން ބަލާލަމުން ނާޒިމު ބުނެލިއެވެ. ދިމްނާއާއި އުސައިދުގެ ކައިވެންޏަކީ އޭނައަށް ހެދުނު ގޯހެއްކަމުގެ އިހުސާސް ނާޒިމަށް ކުރެވެން ފަށައިފިތާ ކިތަންމެ ދުވަހެކެވެ. ދިމްނާގެ ހިމޭންކަމާއި އުދާސްތަކުން އޭނައަށް އެތައް ވާހަކައެއް ކިޔައިދޭ ކަހަލައެވެ. އެހުރިހާ ބަދަލަކުން ނާޒިމުގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.
''މަންމާ...'' އަޝްކާން ވާހަކަދައްކަން އުޅުނު ހިނދު އެކަން ވަގުތުން ބަރްކާ މަނާ ކުރީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ. އެއަށްފަހު އޭނަ އަލިފާނުގެ ބެލުމަކުން ދިމްނާއަށް ބަލާލިއެވެ. ނާޒިމާއި އަޑުހަރުކޮށް ވާހަކަދައްކަން އޭނައަށް މަޖުބޫރުކުރުވި މީހަކީ ދިމްނާއޭ ބުނާ ކަހަލައެވެ. އެކަމުގެ ނަފުރަތު ބަރްކާގެ ދެލޮލުން ފާޅުވެއެވެ. މުޅި އާއިލާގެ މަސްލަހަތު ނަގާލި މީހަކީ ދިމްނާއޭ ބުނާ ކަހަލައެވެ.
''އަޝްކާން ހުރޭ މިކަމުގެ ތެރެއަށް ނުވަދެ މަޑުން!...'' ބަރްކާ ނުރުހުމާއެކު އިއްވާލިއެވެ.
''މަންމަ ބޭނުންވަނީ އަހަރެން އުސައިދުގެ ގާތަށް އެނބުރި ދިއުން ކަމުގައި ވަނީނަމަ އަހަރެން އެގޮތަށް ކަންތައް ކޮށްފާނަން، އެކަމަކު އޭގެ ފަހުން އަހަރެންގެ ފުރާނަނެތް މަސްގަނޑާ ބައްދަލުކުރަން ޖެހިއްޖެނަމަ ހިތާމަނުކުރާނަން ކަމަށް އުއްމީދުކުރަން...''
ކާމޭޒުދޮށުގައި އުފެދިފައި އޮތް ހައިޖާންގަނޑުގެ ސަބަބުން ދިމްނާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނަގެ ސަބަބުން އާއިލާގެ ހަމަޖެހުން ގެއްލި މަންމައާއި ބައްޕަ ޒުވާބުކުރާކަށް ބޭނުމެއް ނޫނެވެ. މަންމަ ރުހެނީ އޭނަ އުސައިދުގެ ގާތަށް ދިއުން ކަމުގައި ވަނީނަމަ އޭނައަށް އެގޮތް ވެސް ވަރިހަމައެވެ. އޭރުން ހުރިހާ ކަމެއް ފަހަރެއްގައި ހަމައަކަށް އެޅިދާނެއެވެ. މަންމަގެ ދެއްކުންތެރި ދިރިއުޅުމަށް އާރޯކަމާއި ދިރުން ލިބިގެން ހިނގައިދާނެއެވެ. ނަމަވެސް އޭނަގެ ދިރިއުޅުން ޔަޤީނުން ވެސް އަނދާއަޅިއަށް ވެގެން ގޮސް ވައިގެ ތެރެއަށް ބުރައިގެން ދާނެއެވެ. ދިރިހުރުމުގެ އުއްމީދު ގެއްލި އަމިއްލަ ނަފުސަށް އޮތް އިތުބާރު ވެސް ގެއްލިގެން ދާނެއެވެ. ނަފުސާނީ ގޮތުން މީހާ އިހުނަށްވުރެން ބަލިކަށިވެ ކަތި ފިޔަވަޅެއް އެޅިދާނެއެވެ. ނަމަވެސް އޭނަގެ އާއިލާގެ މަސްލަހަތާއި ހަމަޖެހުމަށް އޭނައަށް އެގޮތް ވެސް ވަރިހަމައެވެ. އެއީ އާއިލާއަށްޓަކައި އޭނައަށް ވެވޭނެ ފަހުގެ ޤުރުބާނީއެވެ.
ދިމްނާ ގޮނޑިން ތެދުވަމުން އޭނަގެ ލޮލުން ފޭބި ކަރުނަ ފޮހެލިއެވެ. އެއަށްފަހު ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. އޭރު ދިމްނާގެ ޖުމްލައިން އެންމެނަށް ސިހުން ލިބިފައިވާ ކަހަލައެވެ. މުޅި ތަނަށް ވެރިވެފައިވީ މަރުގެ ހިމޭންކަމެވެ. އެހިމޭންކަމުގެ ތެރެއިން މަންމައާއި ބައްޕައަށް އަވަސް ނަޒަރެއް ދިން އަޝްކާން ހަލުވި ފިޔަވަޅުތަކެއްގައި ހިގައިގަތީ ދިމްނާގެ ފަހަތުންވެ. ދިމްނާގެ ޖުމްލައިން އޭނަގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.
''ބަރްކާ!، އަހަރެން ބުނިން ދޯ އެކަމަށް އިތުރަށް ވާހަކަދައްކައިގެން ނުވާނެޔޭ، އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ. އުސައިދުއެއީ އަހަރުމެން ހީކުރާ ކަހަލަ މިހެއް ނޫންކަން ދިމްނާގެ އުދާސްތަކުން ކިޔައިދޭ، އެދަރިފުޅަށް ވަގުތު ދިނުމުން ހުރިހާ ވާހަކައެއް އަހަރުމެންނަށް ކިޔައިދޭނެ، ވިޔަފާރިއާއި މީހުން ބުނާ އެއްޗަކަށް ވުރެން އަހަންނަށް މުހިންމީ އަހަރެންގެ ދަރިން، އެދަރިންގެ އުފަލަށް އަހަރެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން، ބަރްކާއަށް އެކަން މުހިންމެއް ނޫންތަ؟...'' ކާކޮޓަރީގައި ބަރްކާއާއެކު އެކަނިވުމާއެކު ނާޒިމު ބުނެލިއެވެ. އެއަޑުގައި މިހާރު ރުޅިވެރިކަމެއް ނުވަތަ ހަރުކަށިކަމެއް ނުވެއެވެ. ވަނީ މަޑުމައިތިރިކަމެވެ. ބަރްކާއަށް ވިސްނައިދޭން އޭނަ މަސައްކަތްކުރާކަހަލައެވެ.
ބަރްކާގެ ގާތަށް ޖެހިލަމުން ބަރްކާގެ އަތުގައި ނާޒިމު ހިފާލިއެވެ. އަދި ލޯތްބާއެކު މަޑުމަޑުން ފިރުމާލިއެވެ. އަޑުހަރުކޮށް ބަރްކާއާއި ވާހަކަދެއްކުމުން މަޑުމޮޅިކަން އެދެލޮލުން ފެނެއެވެ.
ދިމްނާގެ ޖުމްލައިން ބަރްކާއަށް ވެސް ހިސާބެއްގެ ސިހުމެއް ލިބިފައި ވިއެވެ. ނަމަވެސް ހިތުގެ ތެޅުން ހަމައަކަށް އަޅުވާލަމުން ނާޒިމުގެ އަތް ފޮޅުވާލިއެވެ. އަދި ނުރުހުމުގެ އަޑެއް ލައްވާލުމަށްފަހު ކާކޮޓަރިން ނިކުތެވެ. އެމަންޒަރު ބަލަން ހުރި ނާޒިމަށް ނުތަނަވަސްކަމާއެކު މޫނުގައި އަތް ހިންގާލިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ބަރްކާއަށް ވިސްނައިދޭނެ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނައެވެ. އެބަދުމެ ބަރްކާއަކީ ބޯހަރު މީހެކެވެ. ބަރްކާ ބޭނުންވާ ގޮތަކަށް މެނުވީ އެއްވެސް ކަމެއް ވާން ބޭނުމެއް ނުވާނެއެވެ. އެކަމާ ހުރެ ނާޒިމު ހުރީ ގޮތް ހުސްވެފައެވެ.
''ބަރްކާ...'' ބަރްކާގެ ފަހަތުން ނާޒިމު ހިނގައިގަތެވެ.
*****
ދިމްނާގެ ކޮޓަރީގެ ދޮރުގައި އަޝްކާން އެތައް ފަހަރަކު ޓަކި ދިނެވެ. އަދި ގޮވިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ފޯނު ނަގައި ދޮންތައަށް އޭނަ މެސެޖެއް ލިޔުނެވެ. މަންމަގެ ވާހަކަތަކަށް ސަމާލުކަމެއް ނުދިނުމަށާއި ބައްޕައައާއި އޭނަ ދޮންތަގެ ކޮންމެ ނިންމުމެއްގެ ފަހަތުގައިވާނެކަން އަންގައިދީ ހިތްވަރުގެ ބަސްތަކެއް ލިޔުނެވެ. އަދި ދޮންތަގެ ހިތާމަތައް އޭނައާއި ހިއްސާކުރުމަށް ވެސް ބުނެލިއެވެ. އޭރުން އެހިތާމަތަކަށް ދާއިމީ ހަލެއް ގެނެސްދޭނަކަމަށް ވެސް ވަޢުދުވިއެވެ.
*****
އަރައިގެން އައި އިރާއެކު މަލްސާ އުޅުނީ ހޭލައެވެ. ޖަމީލާއަށް ވުރެ ކުރިން ބަދިގެއަށް ވަދެ ހެނދުނުގެ ސައި ތައްޔާރުކުރީވެސް މަލްސާއެވެ. އެދުވަހަކީ ޖަމީލާގެ ދުލުން މަލްސާއަށް ޝުކުރުގެ ބަހެއް ލިބުނު ފުރަތަމަ ދުވަސް ވެސް މެއެވެ. ސައިމޭޒުދޮށުގައި އިންއިރު ވެސް ޖަމީލާގެ ތޫނު ނަޒަރު މަލްސާއަށް ހުއްޓެއެވެ. މަލްސާއަށް ކޮންމެވެސް ބަދަލެއް އައިސްފިކަން އޭނައަށް ފާހަގަކުރެވުނެވެ. އެބަދަލު އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ.
ހެނދުނު ދިހައަކަށް އޮތް އިންޓަވިއުއަށް ދާން މަލްސާ ގެއިން ނިކުންނަން ދިޔައިރު ޖަމީލާ އޮތީ ސޯފާގައެވެ. ބުރަހެލި ހަށިގަނޑު ސޯފާގައި ދަމާލައިގެން ޓީވީ ބަލަން އޮތް އިރު އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ޓީވީން ދައްކަމުން އައި ސިލްސިލާއަށެވެ. ޓިވީ ކުރިމަތިން މަލްސާ ހުރަސްކަނޑާލިތަން ފެނުމާއެކު މަލްސާއަށް ޖަމީލާ ބަލާލިއެވެ. ރަސްމީކޮށް ހެދުން އަޅައިގެން ހުރި މަލްސާ ފެނުމުން ޖަމީލާއަށް ހައިރާންކަން ލިބުނެވެ.
''ކޮންތާކަށް ދާން ތި ދަނީ؟...'' ބޮލުން ފެށިގެން ގޮސް ފަޔާ ހަމައަށް މަލްސާއަށް ބަލާލަމުން ޖަމީލާ ސުވާލުކުރިއެވެ.
''އިންޓަވިއުއަށް...'' ބޭއިހްތިޔާރުގައި މަލްސާއަށް ބުނެލެވުނެވެ. ހެނދުނުއްސުރެން ފެށިގެން އޭނަ އެހުންނަނީ އެއިންޓަވިއުއަކަށް ދާން ކެތްތެރިކަން ކުޑަވެފައެވެ. ހިތްއަވަސްވެފައެވެ. ޖަމީލާ ގާތު އެކަން ހާމަނުކުރަން ހުއްޓާ ދޫ ފުރޮޅުނީ ވެސް އެހެންވެއެވެ. އޭނަ މަޑުކޮށްގެން ހުރީ ވަޒީފާ ކާމިޔާބުވުމުން އެކަން ބުނާށެވެ. ނަމަވެސް އޭނައަށް އެވަނީ ތެދު ހާމަކުރެވިފައެވެ.
''އެހެންތަ؟، ކޮންތަނަކުން ލިބުނު އިންޓަވިއުއެއް...'' ޖަމީލާގެ ހިތަށް ފޫހިކަން ވެރިވިއެވެ. އެހެނަސް އެކަން ފާހަގަ ވިޔަކަ ނުދިނެވެ.
''ފަހުން ބުނާނަން، މިވަގުތު ގަޑި ޖެހޭތީ މިއުޅެނީ...'' މަލްސާ އަވަސްއަވަހަށް ބުނެލިއެވެ. އަދި ފައިވާން ހަރުގަނޑުން ނެގި އުސްކަށީގެ ފައިވާނަށް އަރަމުން ދޮރުހުޅުވާލާފައި ނިކުތެވެ.
''ހޫނނނ...'' ފޫހި އަޑެއް ލައްވާލަމުން ޖަމީލާ ބުނެލިއެވެ. އެވަގުތަކީ ނޫރާލް ވެސް ގެއަށް ވަން ވަގުތެވެ. އެއްރޭ އެއްދުވާ ފަހުން ނުރާލް ލޮލަށް ދައްކާލުމުން ޖަމީލާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. މަލްސާގެ ކަންތަކުގެ ސަބަބުން ނޫރާލް ގޭގައި ނޫޅޭކަން ވެސް އޭނައަށް ފާހަގަވީ ހުސޭން އޭނަގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ. ރައްޓެހި އަންހެން ކުއްޖެއްގެ ގޭގަޔޭ ބުނެ މޮޅު ދޮގެއް ހަދައި އެކަން ފޫބައްދާލީ ނުރާލް ވީތަނެއް ހުދު އޭނައަކަށް ވެސް ނޭގޭތީއެވެ.
''ކަލޭގެ ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ، ކީއްވެ ގުޅީމަ ފޯނު ނުނެގީ، ކަލޭ ވީތަނެއް ނޭގިގެން ޕޮލިހަށް އަންގަން މަ އުޅުނީވެސް.... ކޮންތާކު ހުރެފަ ތިއައީ، މިހާއަށް ބަލާފަ ހީވަނީ ގޮނޑަކުން އައިސްގެން އުޅޭހެން...'' ތަރުތީބު ގެއްލިފައިވާ ނޫރާލްގެ އިސްތަށިގަނޑަށް ބަލާލަމުން ޖަމީލާ ހަޅޭއްލަވައިގަތެވެ. ނޫރާލްގެ ގައިން ސިނގިރޭޓު ވަސް ދުވާހެން ވެސް އޭނައަށް ހީވިއެވެ. ކައިރިއަށް ޖެހިލައި ވަސްބަލާލަން އުޅުމުން ޖަމީލާ އޯކަށް ދަމައިގަތެވެ.
''ކިހާ ބޮޑު ވެއްޖެ ބަލާއެއް، ކަލެއާ ނުބެހޭ ކަމެއް ނޯވޭ ދޯ...'' ޖަމީލާގެ ސަބަބުން ނޫރާލްގެ ބޮލަށް ތުރާ ވިއެވެ. އައި ރުޅީގައި ޖަމީލާ ދުރަށް ކޮއްޕާލުމަށްފަހު އަވަގުރާނަ ގޮވާލަމުން ކޮޓަރިއަށް ވަންނަން އޭނަ ހިނގައިގަތެވެ. އެކަމާ އައި ރުޅީގައި ނޫރާލްގެ ފަހަތުން ދާން ޖަމީލާ އުޅުނެވެ. ނަމަވެސް ހުއްޓެވުނީ އޭނައަށް ފޯނު ކޯލެއް އައީމައެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަނީ ޝުއައިބުއެވެ.
''ހަލޯ...'' ފޯނަށް ޖަވަބު ދެމުން ޖަމީލާ ބުނެލިއެވެ.
''ކޮބާ ކިހިނެއް މަ ބުނި ކަންތައް ކުރިއަށް ދަނީ؟...'' ޝުއައިބު އެހިއެވެ.
''އަދި ކުރިއެރުމެއް ނުލިބިގެން މިއުޅެނީ... ކުޑަފިރިހެން އެއްޗަކާ ހެދި އަދި ކާމިޔާބު ލިބޭ ގޮތެއް ނުވޭ، ޝުއައިބު ހާސްނުވޭ، އަހަރެން ޝުއައިބުގެ ބޭނުން ފުރިހަމަކޮށްދޭނަން، ކުޑަ ދުވަސްކޮޅެއް އަހަންނަށް ދީ... ކުޑަ ފިރިހެން އެތީގެ ބަލާއިން ސަލާމަތްވާ އިރަށް މަލްސާ ޝުއައިބު ގާތަށް ގެންގޮސްދޭނަން....'' ޖަމީލާ މަސައްކަތްކުރީ ޝުއައިބުގެ އުއްމީދު އާލާވާ ފަދަ ޖަވާބެއް ދެވޭތޯއެވެ.
*****
''ސާރ، އިންޓަވިއުއަށް އާދެވޭވަރު ވީ އެންމެ ދެ ކެންޑިޑޭޓުންނަށް... މިހިރީ ޕްރޮފައިލްތައް، ދިހައެއް ޖަހާއިރު ހުރިހާ ކެންޑިޑޭޓުންވެސް ހާޒިރުވާނެ...''
އަޝްކާންގެ ކެބިންގައި ޓަކި ދެމުން އެތެރެއަށް ވަން ވިވިއަން ވާހަކަދެއްކިއެވެ. އަތުގައި އޮތް ފޯނާއި ނަޒަރު ވަކިކޮށްލަމުން ވިވިއަންއަށް އަޝްކާން ބަލާލިއެވެ. އަޝްކާންގެ މޭޒާއި އަރާހަމަވި ވިވިއަންއަށް އަޝްކާންގެ މޫނުން ނުތަނަވަސްކަން ފާހަގަ ކުރެވުނެވެ. މިއަދު އޮފީހަށް އައިއިރުގައި ވެސް އެއިހުސާސްތައް އެމޫނުގައި ވިއެވެ. ކޮންމެވެސް ކަމެއް ހިނގައިފިކަން އެބަދަލުތަކުން ބުނެދެޔޭ ވިވިއަންގެ ހިތަށް އެރިއެވެ. ނަމަވެސް އެކަން އޮޅުން ފިލުވުމުގެ ހައިސިއްޔަތެއް އޭނަގެ ނެތޭ ހިތަށް އެރުމާއެކު ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތައް ދިރުވާލަން ޖެހުނެވެ.
''އެންމެ ރަގަޅު...'' އަޝްކާން ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނަގެ ފޯނަށް ސަމާލުކަން ހުއްޓާލިއެވެ. އަޝްކާންއަށް އަވަސް ނަޒަރެއް ދިން ވިވިއަން ހިނގައިގަތީ ކެބިން އިން ނިކުންނާށެވެ.
''ކީއްވެތަ ދޮންތަ ފޯނު ނުނަގަނީ؟، މިއަދު ހެނދުނުވެސް ނުފެނުނު، އޮފީހަށް އަންނަމުން ދޮރުގައި ޓަކި ދިނީމަވެސް ޚަބަރެއް ނުވި... އައި ހޯޕް ޝީ އިޒް ފައިން، މެންދުރު ބްރޭކަށް ގޮސްފަ ޚަބަރު އޮޅުން ފިލުވާނީ...'' އަޝްކާން މަސައްކަތްކުރީ ދިމްނާއަށް ގުޅާށެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. އިރުކޮޅެއްވަންދެން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އަޝްކާންއަށް އިނދެވުނެވެ.
*****
''އަހަރެން އެކަނިތަ މިއަދު އިންޓަވިއުއަށް އައިސްގެން މިއުޅެނީ، އިތުރު މީހަކު ނުވެސް ފެނޭ؟...'' ސޯފާގައި އިން މަލްސާއަށް ދިޔައީ އިންތިޒާރުގައި ވަގުތު ގުނަމުންނެވެ. އޭނަ މުޅި މާހައުލަށް ނަޒަރު ހިންގާލައެވެ. އޭރު އޭނައަށް ކައިރީގައި ހުރި މޭޒު ދޮށުގައި ފޯނުން މީހަކަށް ގުޅަން ވިވިއަން މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނުނެވެ. ވިވިއަންގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ގުޅަން މަސައްކަތްކުރަމުން ދާ މީހާއާށް ނުގުޅިގެން އުޅޭކަން ހާމަވެއެވެ.
އަތުގެ އިނގިލިތައް މަހާލަމުން ފުން ނޭވާތަކެއް ދޫކޮށްލި މަލްސާ، އޭނައަށް ބަލާލި ވިވިއަންއަށް ހިނިތުންވެލިއެވެ. ވިވިއަން ވެސް ޖަވާބުގައި ހިނިތުންވެލަމުން މިސްރާބުޖެހީ ކެބިންއާއި ދިމާއަށެވެ. އެމަންޒަރު ބަލަން އިން މަލްސާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އަތުގެ ނިޔަފަތީގައި ވެސް ދަތްއަޅާލެވުނެވެ.
''މަލްސާ...''
އިރުކޮޅެއް ފަހުން ކެބިން އިން ނިކުތް ވިވިއަން ގޮވާލިއެވެ. އެއާއެކު މަލްސާ ފިނިވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު އޭނަ ކޮޅަށް ތެދުވިއެވެ. އަދި ލަސް ހިނގުމެއްގައި ކުރިއަށް ހިނގައިގަތެވެ.
ކެބިންއަށް ވަދެވުމާއެކު އެތެރެއަށް ލާން އުޅުނު ނޭވާ ހިނދުރީގައި ތާށިވި ކަމުގެ އިހުސާސް މަލްސާއަށް ކުރެވުނެވެ. ހައިބަތު ބޮޑު ގޮނޑީގައި އިން އަޝްކާން ފެނުމުން ބޭއިހްތިޔާރުގައި މަލްސާއަށް ހިނިތުންވެވުނެވެ. އެރީތި ސޫރައިން ހިތާއި ނަފުސަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެތޫނުފިލި ދެލޯ އޭނައަށް އަމާޒުވުމާއެކު ކަކުލުހުޅުން ވާގި ދޫވެދާނެހެން ވެސް މަލްސާއަށް ހީވިއެވެ. ފައިއޮޅިގެން ވެއްޓިދާނެ ކަމުގެ ބިރު ހިތުގައި ބޮޑުވުމާއެކު އަވަސްއަވަހަށް ގޮސް ގޮނޑީގައި އޭނައަށް އިށީދެވިއްޖެއެވެ. އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. އަތުގައި ހިއްލާފައިވި ފިނި ދަލުގެ ސަބަބުން ދެ އަތްތިލަ ޖޯޑުކޮށްލަމުން ކުރިމަތީ އިން އަޝްކާންއަށް މަލްސާ ބަލާލިއެވެ.
މަލްސާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ އަޝްކާން އަށެވެ. ނަމަވެސް އަޝްކާންގެ ސަމާލުކަން ދެވިފައިވަނީ އިންޓަވިއުއަށެވެ. ކޮންމެހެން ބަލަން ޖެހިގެން މެނުވީ އޭނަ މަލްސާއަށް ބަލާ ވެސް ނުލައެވެ.
ސުވާލުތައް ކުރިއަށް ދިޔަ އިރު ކުރީ ފަހަރަށްވުރެން ރަގަޅަށް މަލްސާ ޖަވާބު ދިނެވެ. ލިބިފައިވި ހާސްކަމުގެ މައްޗަށް އޭނަ ކުރި ހޯދިއެވެ. އިތުރު ފުރުސަތެއް އޭނައަށް ނުލިބިދާނެކަމުގެ ބިރަށްޓަކައެވެ. މިއީ އަޝްކާންއާއި ބައްދަލުވާނެ ފަހުފަހަރަށް ވާން މަލްސާ ބޭނުމެއް ނޫނެވެ.
''މަޤާމަށް ހޮވިއްޖެކަމުގައި ވަނީނަމަ އެންމެ އަވަހަށް ޖޮއިން ކުރެވޭނީ ކޮން ދުވަހެއްގައިތޯ؟....'' އަޝްކާން ސުވާލުކުރިއެވެ.
(ނުނިމޭ...)