ހަވީރު ދަޅައަށް ނަލަހެދިލައިގެން ބޭރަށް ނިކުންނަން ދިޔަ ބަރްކާއަށް ބޮޑުކޮޓަރީގެ ސޯފާގައި ޓީވީ ބަލަން އިން ދިމްނާ ފެނުމާއެކު މޫނި ކުނިކޮށްލެވުނެވެ. އޭނަގެ ނަސޭހަތުގައި ބޮލާލައި ޖެހުމުން ދިމްނާ ދެކެ އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ނާޒިމާއި އަޝްކާން ވެސް އޭނަގެ ނިންމުމަށް އެއްބާރުލުން ދޭން ދެކޮޅު ހެދުމުން ހިތުގައި އޮތް ރުޅިވެރިކަމާއި ނަފުރަތާއި އެކުގައި ވެސް ބަރްކާއަށް މަޖުބޫރުވީ ދިމްނާގެ ނިންމުމަށް އިހުތިރާމް ކުރާށެވެ. ނަމަވެސް އޭނަގެ މޫނުމަތިންނާއި އަމަލުތަކުން އެ ހިލަ ހިތުގައި ދަރިފުޅަށްޓަކައި އަނދަމުން ދިޔަ ރުޅިވެރިކަން ސިއްރެއް ނުކުރެވެއެވެ. އެވިހަ ދޫ ހިމޭނުން ބޭއްވުން ވެސް އޭނައަށް ދަތިކަމަކަށް ވެއްޖެއެވެ.

''މަންމާ...'' އެދެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން އުނދަގޫވެފައި ހުރި ދިމްނާއަށް ގޮވާލެވުނެވެ. އެދެމެދުގައިވާ ހަމަޖެހުމަށް ނިމުމެއް ގެންނަން ދިމްނާ ބޭނުން ވެއެވެ. މަންމަގެ ރުޅިވެރިކަން ފެނި އޭނަގެ ހިތުގައި ފަސޭހަވުމެއް ނެތް ވޭންތަކެއް އުފެދިއްޖެއެވެ. މަންމައަށް ހަޤީޤަތް އަންގަން އޭނަ ބޭނުމެވެ. އޭނަގެ ވޭނީ ފަލްސަފާ ކިޔައިދޭން ވެސް މެއެވެ. އެމަންމަގެ އޯގާތެރިކަމާއި ހިތްހެޔޮކަމަށް އޭނަ ވަނީ ބޭޤަރާރުވެފައެވެ. އެދެއަތުގެ ހިމާޔަތުގެ ތެރެއަށް ދާން ވެސް ބޭނުން ވެފައެވެ.

''މަށަށް ގޮވަން އުޅޭނެ ކަމެއް ނެތް، ކަލޭ ބޭނުން ގޮތަކަށް އުޅެބަލަ، މަ ބަލާނަން ކަލެއަށް ރަގަޅު ގޮތެއް ވޭތޯ، މަށަށް މަންމައޭ ކިޔައި މީގެ ފަހުން ނުގޮވާތި...'' ދިމްނާގެ އަޑަށް ހީވީ ކެކިކެކި ހުރި އަލިފާން ފަރުބަދައެއް ފަޅައިގެން ދިޔަ ހެންނެވެ. އަޑުގެ ކޮޅަށް ބަރްކާ ހަޅޭއްލަވައިގަތެވެ. އަދި ދިމްނާއާ ދިމާއަށް ލޯއަޅާލިއެވެ.

ސޯފާއިން ތެދުވި ގޮތަށް ދިމްނާ ހުރީ ގަނޑުވެފައެވެ. މަންމަގެ ނަފުރަތު ފެނި މޭގެ ތެރޭގައި އޮތް ހިތުގައި ގިލަންވެރިކަން އުފެދުނެވެ. ހިތްދަތިވެގެން ދިޔަ ވަގުތުކޮޅުގައި ދެލޮލަށް ކަރުނަ ޖަމާވިއެވެ. އިތުރަށް ބަހެއް ބުނަން ވެސް ދިމްނާ ޖެހިލުން ވިއެވެ. ކަރުއެލުވާލެވުނީ ހިތްދަތިކަމުގެ ސަބަބުންނެވެ.

''މިހާރު ކަލޭ ތި ރޮނީ ކީއްވެ؟، ކަލޭ ބޭނުންވާ ގޮތް ވެފައެއްނު ތި އޮތީ، ކޮންމެހެން މަގޭ ހަމްދަރުދީ ހޯދަން އުޅޭނެ ކަމެއް ނެތް، ޢާއިލާގެ ހަމަޖެހުން ނަގާލާފަ ކަލޭ ތިހުރީ، މަގޭ ހިތް ދުވަހަކު ކަލެއަކަށް ހެވެއް ނުވާނެ... ހުއް...'' ރޮމުން ދިޔަ ދިމްނާ ފެނި ވަކިން ބޮޑަށް ބަރްކާ ފޫހިވިއެވެ. ވަގުތުން ދިމްނާއަށް އޭނަ ފުރަގަސް ދިނެވެ.

''ސަލްމާ، އަހަރެން މިދަނީ އިރުކޮޅެއްގެ ތެރޭގައި... ޜޭޝަމް ގާތު މަޑުކުރަން ބުނޭ!...'' މޫނު ބަނަވެފައިވި ބަރްކާ ފެންޑާއަށް ނިކުތެވެ. އަދި އަގުބޮޑު ބްރޭންޑެޑް އަތްދަބަސްގެ ތެރޭން ނެގި ފޯނުން އެކުވެރިޔާއަށް ގުޅާލިއެވެ. އޭރު ބަރްކާގެ އިންތިޒާރުގައި ހުރި ކާރު ޑްރައިވަރު ބަރްކާ އަރަން ކާރުގެ ފަހަތު ދޮރު ހުޅުވާލަ ދިނެވެ. ފޯނުގައި ހުރި ބަރްކާ ކާރަށް އެރިއެވެ. އަދި ޑްރައިވަރަށް އަމުރުކޮށްލަމުން ދާން ވީ މަންޒިލް ބުނެލިއެވެ. އެއާއެކު ތެޅެމުންފޮޅެމުން ޑްރައިވަރު އަވަސްވެގަތީ ލަސްތަކެއް ނުވެ ބަރްކާ އެދުނު މަންޒިލަށް ގެންގޮސް ދޭށެވެ.

*****

މަންމަ ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ދިމްނާއަށް ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލެވުނެވެ. އަދި މޭގެ ތެރޭގައި އުފެދިފައިވި އުދާސްކަން ކަނޑުވާލަން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެދަނޑިވަޅުގައި މޫނު މައްޗަށް އަނދިރިވި ކަމުގެ އިހުސާސް ދިމްނާއަށް ކުރެވުނެވެ. އަވަސްއަވަހަށް ސޯފާގެ އަތްގަނޑުގައި އޭނައަށް ހިފަހައްޓާލެވުނެވެ. މިހާރަކަށް އައިސް އަބަދުމެ ހުންނަނީ މޫނު މައްޗަށް އަނދިރިވެ މޭނުބައިކުރުވާ ފަދަ ގޮތެއް ވެއެވެ. ކާ ހިތް ނުވެފައެވެ. ހެނދުނު ހޭލާ އިރު ވަކިން ބޮޑަށް މީހާގެ ހާލު ގޯސްވެދާނެ ހެން ހީވެއެވެ. އެއީ ކަންތަކާ މެދު މާ ބޮޑަށް ފިކުރު ހިންގުމުން ވާ ކަމެއް ކަމުގައި ނިންމާ އެކަމަށް ދިމްނާ މާކަ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދުވެލީ ކަމެއް މަތިން ހަނދާންވުމާއެކުގައެވެ. ނިކަން އަވަހަށް ސޯފާގައި އިށީންނަމުން ދިމްނާ އޭނަގެ ފޯނު ނަގައި ކަލަންޑަރު ހުޅުވާލިއެވެ. އަދި ދުވަސްތައް ގުނަން ފެށިއެވެ. އެއާއެކު މީހާއަށް ލިބިފައިވި ހާސްކަމާއި ނުތަނަވަސްކަން އިތުރުވެގެން ދިޔަ ކަހަލައެވެ. ހިތުގެ ހިނގުން ވެސް އިންތިހާއަށް އަވަސްވެފައިވާ ކަހަލައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނައަށް އައިސްފައިވާ ބަދަލުތަކާއި މައްސަރުގެ ކަންތައް އަޅާ ކިޔާލެވުމާއެކު ދިމްނާއަށް ހިންދިރުވާލެވުނެވެ. ދަށްބަނޑުގައި އަތުގެ ނުފުށް ޖައްސާލެވުނެވެ. އެގޮތުގައި އިރުކޮޅެއް ވަންދެން ދިމްނާއަށް ގަނޑުވެފައި އިދެވުނެވެ. އެމޫނުމަތިން ހިމޭންކަން ފެނުނެވެ.

ޚިޔާލުތަކުގެ ތަރެއަށް ގެއްލިފައި އިރުކޮޅެއް ވަންދެން އިނުމަށް ފަހު ދިމްނާ ސޯފާއިން ތެދުވިއެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އޭގެ އިރުކޮޅެއް ފަހުން މަލަމަތި ރީތިކޮށްގެން އަތްދަބަސް ހިފައިގެން އޭނަ ކޮޓަރިން ނިކުތީ ބޭސް ފިހާރައަކަށް ދިއުމަށެވެ. ހިތުގައި އޮތް ވަހުމު ޔަޤީން ކުރަން އޭނަ ބޭނުންވީއެވެ. ލިބިދާނެ ޚަބަރަކާ މެދު ވިންނާނެ ގޮތެއް ވެސް ދިމްނާއަކަށް ނޭގުނެވެ. ނެގިނެގިފައި ހިތް ތެޅެމުން ދިޔަ އެވެ. ނަފުސުވަނީ ހައިޖާން ގަނޑެއްގެ ތެރޭގައެވެ.

*****

ބަރްކާއާއި އޭނަގެ ރައްޓެހިން ތިބީ މާލޭގެ އެންމެ މަޝްހޫރު އަދި އަގުބޮޑު ރެސްޓޯރެންޓުގައެވެ. އެތަނަކީ އާންމު ގޮތެއްގައި ފައިސާވެރިން އައިސް އުޅޭ މެހެފިލެކެވެ. ތަނުގެ ޝާހީކަމާއި ހައިބަތު ބަލާލާ ކޮންމެ ދިމާއަކުން ވެސް ރަމްޒުކޮށްދެއެވެ. އެއީ ބަރްކާއާއި އޭނަގެ އެކުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލެވެ. އެމީހުންގެ ''ޖަގަހަ'' އެވެ. އެތަނަށް އައުން އާދައަކަށް ހަދާފައިވަނީ އެމީހުންގެ މުއްސަނދިކަން އެހެނިހެން މީހުންނަށް އިޝްތިހާރުކުރާށެވެ. ބޮޑާކަމައި ކިބުރުވެރިކަން ނޫން އެހެން އިހުސާސެއް އެއިން އެކަކުގެ މޫނުމަތިން ވެސް ނުފެނެއެވެ.

''ދުވަސްތަކެއް ނުވެ ޝާން އައްޔަންކުރާނެ ދޯ ސީ.އީ.އޯ އަކަށް؟...'' ކޮފީއަށް އިންސާފުކުރެވެމުން ދިޔަ މޭޒު ދޮށުން ބަރްކާގެ ރައްޓެހި ސަލްމާ އަހާލިއެވެ. އެއާއެކު ބަރްކާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔަ އެވެ.

''އާނ، އަންނަ މަހުގައި އޮންނަ ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި ޝާން އައްޔަން ކުރާނެ...'' ކިބުރުވެރި ރާގެއްގައި ބަރްކާ ބުނެލިއެވެ. ފިރިހެންދަރިފުޅާ މެދު ފަހުރުވެރިވާކަން ބަރްކާ އޭނަގެ ބަހާއި އަމަލުން ދެއްކިއެވެ. އެދަރިފުޅާކީ އޭނަގެ ހިތުގެ ވިންދޭ ބުނާ ކަހަލައެވެ. އެދަރިފުޅު ދެކެ ވާ ލޯބި އޭނަގެ އެކުވެރިންނަށް ބަރްކާ ހާމަކުރަމުން ދިޔައިރު އަޝްކާން ނޫން ދެވަނަ ދަރިޔަކު ނުހުންނަ ކަހަލައެވެ.

''ބަރްކާ ހާދަ ނަސީބު ގަދަޔޭ، އެކަހަލަ ރަން ދަރިއަކު މަދު މީހަކަށް ނޫނީ ނުލިބޭނެ...'' ރޭޝަމް ބުނެލިއެވެ.

''ތިބުނީ ހަމަ ތެދެއް، މިވީހާ ތަނަށް ބަރްކާ ބުނާ ގޮތަކަށް ޝާން ކަންތައްކުރަމުން އެދަނީ، ހަމަ ޖަވާހިރެއް އެއީ... އެފަދަ ނަސީބެއް އިތުރު މީހަކަށް ނުލިބޭނެ...'' ސަލްމާ އިތުރުކޮށްލިއެވެ. ފިރިހެންދަރިފުޅަށް އެކުވެރިންގެ ދުލުން އޮހެމުން ދިޔަ ތައުރީފުގެ ބަސްތަކުން ބަރްކާގެ ހިތުގައި ވަކިން ބޮޑަށް ބޮޑާކަމާއި ކިބުރުވެރިކަން އުފެދުނެވެ. ފޮނި ގޮތަކަށް ހިނިތުންވެލެވުނެވެ. އަޝްކާންގެ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އޭނައޭ ބުނެލީ ފަހުރުވެރިކަމާއެކުގައެވެ.

''މަގޭ ދަރި ފާޑެއްގެ ކޫޑި އަންހެނަކާ ހިތާވެގެން ހީވަނީ ހޭބަލިވެފަ ހުރިހެން، އެންމެފަހުން އެއަންހެން އެއްޗެއްގެ އަވާގައި ޖެހި މައިންބަފައިން ދޫކޮށް ގޮސް އެހެރީ، އަދި އެކޫޑިގަނޑު މާ ހެޔޮއެދޭ މީހަކަށް ވެގެން އުޅުނޭ، އެކަމަކު އެންމެ ފަހު ވަގުތު ނާގަ ހަރުފައެއްހެން ވިހަ ލާފަ މަގޭ ފިރިހެން ދަރި ކާލާފަ އެދިޔައީ... މި ރަށްރަށުން އައިސް އުޅޭ އަންހެނުންގެ ނުހުރެޔޭ އެއްވެސް ގޮތެއް ފޮތެއް، މާލޭގެ ގެދޮރު ހުރި މުއްސަނދި ޒުވާނަކު ފެންނައިރަށް ތިބޭނީ ހޭބަލި ވެފަ......'' ރޭޝަމް ރުޅިވެރި ރާގެއްގައި ބުނެލިއެވެ. އަދި ތުން އަނބުރާލިއެވެ.

''މަ އޭރު ވެސް ބުނިން ދޯ އޭނަ ބޭނުން ވަރަކަށް ފައިސާ ދިނީމަ ދޫކޮށްފަ ގޮސްދާނެޔޭ، ފައިސާއަށް ބޫތުކާފަ އެމީހުން ތިބެނީ، ފައިސާ ދޭއިރަށް އެވާ ލޯބި ހަނދާން ނެދިތަނެ... އެކަމަކު ރޭޝަމް މަގޭ ބަސް ޤަބޫލު ނުކޮށް އޭނައަށް ބިރުދައްކަން އުޅުމުން އެހެން ކަންތައް އެވީ، ދެން ކައިވެނިކޮށްގެން ދަރިން ލިބުނީމަ މުދަލާއި ވިޔަފާރިގަނޑަށް އަތްގަދަކޮށް ކާލަން އުޅޭނީ...'' ބަރްކާ އޭނަގެ އެކުވެރިޔާއަށް އަޑު ލިއެވެ.

''ހަމަ ތެދެއް ތިބުނީ، މިހާރު ހިތަށް އަރާ އެހެން ހެދުނު ނަމައޭ، އެކަމަކު ލާހިކެއް ނޫން އޭނައަށް މަ ދުނިޔޭގައި ހުއްޓާ އަދި މަރުވުމުން ވެސް އަހަރުމެން އަތުން ފައިސާ ފޮއްޗެއްގެ މިންވަރު ވިޔަސް ހޯދަން، ކުޅި ދައްކާލާނަން އެޑަކައިތުއަށް!...'' ރޭޝަމް ތުން އަނބުރާލިއެވެ. ރޭޝަމް ކަންތައް ކުރަންވީ ގޮތް އޭނަގެ ގާތް އެކުވެރިން ލަފާ ދިނެވެ. އެހުރިހާ ކަމެއް ރޭޝަމް ނޯޓު ކުރިއެވެ.

''ދެން އަވަހަށް ޝާންގެ ކައިވެނި ކުރުވަން އަހަންނަށް ފެންނަނީ... އެހެންނޫނީ އެސްފީނާ ވެރިޔެއްގެ ލޮލުގައި އަޅައިގަނެދާނެ!... އަހަންނަށް ޔަޤީން ބަރްކާ ބުނާ ކޮންމެ ކުއްޖަކާ ޝާން އިންނާނެކަން... އަނެއްކާ ކުއްޖަކު ޚިޔާރުކޮށްފަ އެބައިން ތަ؟...'' ބަރްކާއަށް ބަލާލަމުން ސަލްމާ ބުނެލިއެވެ. އެއާއެކު ބަރްކާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ

''ކާކުތަ؟... އަހަރުމެންގެ އަންހެން ދަރިއަކު ހުރިނަމަތާ ހުށަހެޅޭނީ ވެސް...'' ޜޭޝަމްއާށް ބަލާލި ސަލްމާ ބުމަ އަރުވާލިއެވެ. ދެމީހުން ވެސް ބަރްކާއަށް ބަލާލީ ޝައުޤުވެރިކަމާއެކުގައެވެ.

*****

އެހެނިހެން ދުވަސްތަކާއި ހިލާފަށް ގަޑީގެ ވަގުތު ކަށި މިއަދު މާ ލަހުން ހިނގަމުން ދާހެން މަލްސާއަށް ހީވިއެވެ. ދުވަސް ދިގުކަމުން ގޮސް އޭނަ އިނީ މޭޒު ދޮށުގައި ފޫހިވެފައެވެ. މިއަދު މެންދުރު ފަހަށް މީޓިންގްއެއް ނެތުމުން ކުރަން މާކަ ގިނަ ކަމެއް ވެސް ނެތެވެ. އަޝްކާން ވެސް މީގެ އިރުކޮޅެއް ކުރިން ބޭރަށް ދިޔަ ގޮތަކަށް ނާދެއެވެ. މާހައުލުގެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައި އިން މަލްސާއަށް ވިސްނެމުން ދިޔައީ މިއަދު ހެނދުނު ވެދިޔަ ކަންތަކާ މެދުގައެވެ. އެވަގުތުކޮޅު ސިކުނޑީގެ ތެރޭގައި ތަކުރާރުކުރެވުނު އަދަދެއް ނޭގެއެވެ. އަޝްކާންގެ ބަލާލުމުގައި ހުރި ތަފާތުކަމާއި އެލޮބުވެތި ހިނިތުންވުން އިރުއިރުކޮޅާ ތަކުރާރުވެގެން ދެއެވެ. އެތޫނުފިލި ދެލޮލުގެ ތެރެއަށް އޭނަ އަރަގު ވެގެން ދިޔަ މަންޒަރުން ލަދުވެތި ހިނިތުންވުމެއް ތުންފަތާއި ކުޅެލައެވެ. އެހުރިހާ އިހުސާސްތަކުން މަލްސާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ކުޑަ ވަގުތުކޮޅެއްގެ ތަސައްލީއެއް ވެސް ހިތަށް ގެނެސް ދިނެވެ. އެހިނދުކޮޅުގެ ތެރޭގައި އެތައް ހުވަފެންތަކެއް ދެކެވެމުން ދިޔަ އެވެ.

ދުވަހަށް މަސައްކަތް ނިންމާލަން އުޅުނު މަލްސާއަށް ލިފްޓް ހުޅުވިގެން ދިޔަ އަޑު އިވުމާއެކު އެދިމާއަށް ބަލާލެވުނެވެ. ދިއުމުގެ ކުރިން އަޝްކާންގެ ސޫރަ ފެންނާނާނެ ކަމުގެ އުފާވެރި ހިނިތުންވުމާއެކު ގޮނޑިން ތެދުވެލި މަލްސާގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ، ލުއި ފިޔަވަޅުތަކެއްގައި އައިސް ހުއްޓުނު ބަރްކާ ފެނުމުންނެވެ. ވިވިއަންގެ ފަރާތުން ބަރްކާގެ ތަޢާރަފެއް މަލްސާއަށް އޮތީ ލިބިފައެވެ. އެއާއެކު ހިތުގައި ނުތަނަވަސްކަމުގެ ވިންދެއް ޖަހާލިއެވެ. ބަރްކާގެ ނަޒަރު ގޮސް އޭނައަށް ހުއްޓުމުން ފިނިދަލެއްވެސް ނިއްކުރިން ހިއްލާލިއެވެ. އާޝޯހުވެފައި ބަލަން ހުރެވުނީ ބަރްކާގެ ރީތިކަމުންނެވެ. މެދު އުމުރަށް ގޮސްފައި ވިޔަސް އެމޫނުގައި ވަނީ ތާޒާކަމާއި ޒުވާން ކަމުގެ ވިދުމެވެ. ހަށިގަނޑުގެ ބައްޓަންތަކާއި ލައިގެން ހުރި ޒަމާނީ ހެދުމުން އިތުރަށް ޒުވާން ކަމަށް ދައްކައެވެ. ހިތާހިތުން ބަރްކާގެ ރީތިކަމަށް ތައުރީފުކުރެވުނެވެ.

މަލްސާއަށް ބަރްކާ ބަލާލީ ފޫހި ކަމާއެކުގައެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނީ މަލްސާގެ ހެދުންއެޅުމުގެ ވައްޓަފާޅީގެ ފީކަޅާ ކަމުގެ ސަބަބުންނެވެ. އެފަދަ ނާތަހުޒީބީ ކަޓު ކުއްޖަކު އަޝްކާންގެ ސެކްރެޓަރީއަކަށް ހުރުމުން އެކަން ބަރްކާއަށް ހަޖަމެއް ނުކުރެވުނެވެ. އެގޮތުގައި ހުރެ މީޓިންތަކަށް އަޝްކާންއާއެކުގައި ދިއުމުން މީހުން ހީކޮށްފާނެ އެއްޗަކާ މެދު ވިސްނާލެވުމުން ދޫ ހިމޭނުން ބާއްވަން ބަރްކާއަށް އުނދަގޫވިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ އިވުނީ އަޝްކާން އޭނައަށް ގޮވާލި އަޑެވެ. މަލްސާއާއި ނަޒަރު ވަކިކޮށްލަމުން ފަސްއެނބުރި އޭނަ ބަލާލިއެވެ. އޭރު އަޝްކާން އެދިމާއަށް އަންނަ މަންޒަރު އޭނައަށް ފެނުނެވެ.

''މަންމާ، މިގަޑީގައި މިތާ ކީއްކުރަނީތޯ؟...'' ލިބުނު ހައިރާންކަމާއެކު އަޝްކާންއަށް ސުވާލުކޮށްލެވުނެވެ. އެއަޑުގައި ވަނީ މަޑު މައިތިރިކަމެވެ.

''ދަރިފުޅު ދެކިލާ ހިތުން މިއައީ...'' ބަރްކާ ބުނެލިއެވެ. ''އެހެން ނޫނަސް ދަރިފުޅާ ދައްކަން ވާހަކައެއް ވެސް އެބަ އޮތް...''

''ކޮން ވާހަކައެއް ތޯ؟...'' އަޝްކާން ސުވާލުކޮށްލިއެވެ. އެއާއެކު ބަރްކާގެ ނަޒަރު ސީދާވެގެން ދިޔައީ މަލްސާ އަށެވެ. މަންމަގެ އިޝާރަތް އަޝްކާންއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަ މަންމައަށް ދައުވަތު ދިނީ އޭނަގެ ކެބިންއަށް ދިއުމަށެވެ. އޭރުން އޭނައާއި ވަކިން ވާހަކަދައްކާލަން މަންމައަށް ފުރުސަތު ލިބޭނެއެވެ.

ކެބިންއަށް ވަނުމުގެ ކުރިން ފަސްއެނބުރި މަލްސާއަށް ބަލާލި އަޝްކާން އެދުނީ ކޮފީ ގެނެސްދިނުމަށެވެ. ފިނިވެފައި ހުރި މަލްސާ އަވަސްއަވަހަށް ބޯޖަހާލިއެވެ. އަދި އަވަސް ހަރަކާތާއެކު ކޮފީ މެޝިނާ ދިމާއަށް ހިނގައިގަތެވެ.

*****

މަލްސާ އަންނަން ވާނެ އިރަށް އަޝްކާންއާއި ބަރްކާ ތިބީ ސޯފާގައި އިށީންދެލައިގެންނެވެ. އެވަގުތުކޮޅުގެ ތެރޭގައި އެދެމެދުގައި ދެކެވެމުން ދިޔައީ ވިޔަފާރީގެ ވާހަކަތަކެވެ. އަޝްކާންގެ މަސައްކަތާ މެދު ބަރްކާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރިކަން އޭނަގެ އަޑުން ހާމަވެއެވެ. އެފުރުސަތުގެ ބޭނުން ހިފައި އެހިތުގައި އޮތް އެދުމެއް ބަރްކާގެ ގާތުގައި އަޝްކާން ހާމަކުރިއެވެ.

''މަންމާ، ދޮންތައަށް ވެސް މަޤާމެއް ހަމަޖައްސަން އަޅުގަނޑު ބޭނުން ވަނީ، އޭރުން ގެއިން ބޭރަށް ނިކުމެ މީހުންގެ ތެރޭގައި އުޅުމުގެ ފުރުސަތު ލިބޭނެތާ... ދޮންތަގެ ވާހަކައިން މާކެޓިންގްއަށް ޝައުޤުވެރިކަން ހުރިކަން އެނގޭ...'' އަޝްކާންގެ ޖުމްލައާއެކު ބަރްކާގެ ހިނިތުންވުން ގެއްލި މޫނުމަތި ބަނަވެއްޖެއެވެ. މީހާގެ ޠަބީއަތު ބަދަލުވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

''ވަޓް؟...'' ބަރްކާ ރުންކުރު ވިއެވެ. ''ކީއްކުރަން ދިމްނާ މިތަނަން ގެންނަނީ؟...''

''އަހަރެން ފަދައިން ދޮންތައަށް ވެސް މި ކުންފުނީގައި މަސައްކަތްކުރުމުގެ ފުރުސަތު އޮންނަން ވާނެއެއް ނޫން ތޯ؟...'' މަންމަގެ ހިތްހަމަނުޖެހުން ފާހަގަކުރެވުނު އަޝްކާން މަސައްކަތްކުރީ މަންމައަށް ވިސްނައިދޭށެވެ. ނަމަވެސް ރުޅިގަދަވި ބަރްކާ އޭނަގެ އަތް އުފުއްލާލަމުން ހުއްޓާލުމަށް އެދުނެވެ. އެދަނޑިވަޅަކީ މަލްސާވެސް ތަބައް ހިފައިގެން އެތެރެއަށް ވަން ވަގުތެވެ. މާހައުލުގެ ނުތަނަވަސްކަން މަލްސާއަށް ވަގުތުން ފާހަގަކުރެވުނެވެ. އެއާއެކު މަލްސާ އަވަސްވެގަތީ ތަބައް ގެންގޮސް ބަހައްޓާށެވެ. އެއަށްފަހު އެތަނުން ނިކުންނާށެވެ.

ބަރްކާގެ ނުރުހުންތެރިކަން އެކުލެވިގެންވި ބެލުމުގެ ސަބަބުން މަލްސާ ފިނިވިއެވެ. ތަބައް ގެންގޮސް މޭޒުމަތީ ބެހެއްޓިއިރު މީހާ ހުރީ ދާހިއްލާފައެވެ. އޭސީގެ ފިނިކަމުން އޭނައަށް އަރާމެއް ނުލިބުނެވެ. ވަނީ އުދާހެވެ. ކޮފީ ތަށި ބަރްކާއަށް ދިއްކޮށްލަން އުޅުނު ހިނދު އަތުގައިވި ތުރުތުރުލުމުގެ ސަބަބުން މަލްސާގެ އަތުން ކޮފީ ތަށި ބަންޑުން ވިއެވެ. އެއާއެކު އާވި އަރަމުން ދިޔަ ހޫނު ކޮފީ ތަށި ބަންޑުންވީ މަލްސާގެ އަތަށެވެ. އެވަގުތު ވޭނީ އާހެއް މަލްސާގެ ދުލުން ބޭރުވިއެވެ. ޖިސްމުގައި އުފެދުނު ވޭނަށްވުރެން މަލްސާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ބަރްކާގެ އަގުބޮޑު ހެދުމަށް ކޮފީ ތިއްކެއްގެ މިންވަރު ދިއުމުންނެވެ. އެއާއެކު ހަޅޭއްލަވައިގެންފައި ބަރްކާ ސޯފާއިން ތެދުވެއްޖެއެވެ.

މަލްސާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ބިރުވެރިކަމާއި އެކުވެ އަތުގައި އަޅަން ފެށި ވޭނުން މަލްސާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

ކަންބޮޑުވުމާއެކު އަޝްކާންއަށް ބަލާލެވުނީ މަލްސާއަށެވެ. އެމޫނުގައިވި ވޭނާއި ބިރުވެރިކަން ފެނި މަދަދުވެރިކަން ފޯރުކޮށްދޭން އަތް ދިއްކޮށްލެވުން އުޅުނެވެ. ނަމަވެސް ސިހުން ގެނުވީ މަންމަ މަލްސާއާ ދިމާއަށް ހަޅޭއްލަވައިގަތް އަޑަށެވެ.

''ވަޓް ދަ ހެލް... ކަލެއަށް އެނގޭތަ މީ ކިހާ އަގުބޮޑު ހެދުމެއްކަން؟، ކަލޭގެ އަހަރުދުވަހުގެ މުސާރައަށް ވުރެން ބޮޑު އަގު ދީފައި އަހަރެން ގަތް ހެދުމެއް މިއީ...'' ރުންކުރު ރާގަކަށް ބަރްކާ ބުނެލިއެވެ.

(ނުނިމޭ...)

https://sun.mv/127074

comment ކޮމެންޓް