ފަހަތުން އަރައި ލިވަޕޫލް މޮޅުވި އިރު އާސެނަލްގެ ދެ ގޯލުގެ ލީޑު ތޮޅިއަށް

ލިވަޕޫލްއާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް އެއްވަނައިގައި ހަމަޖެހިލި އިރު އާސެނަލްގެ ދެ ގޯލުގެ ލީޑު ބޭކާރުވެ ފަހުވަގުތު ކްރިސްޓަލް ޕެލްސްއާ އެއްވަރުވެއްޖެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުން އެ ޓީމު މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލުން ވަނީ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު 10 މެޗު ކުޅެގެން 28 ވަނީ ހޯދައިފަ އެވެ. އެންމެ ގާތުން ވާދަކުރާ މެންޗެސްޓާ ސިޓީއަށް 20 މެޗު ކުޅެގެން ލިބެނީ 22 ޕޮއިންޓެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ އެ ޓީމުގެ ވަރުގަދަ ތިން ފޯވާޑުން ޓީމުގައި ހިމަނައިގެންނެވެ. އަނިޔާގެ ސަބަބުން ކުރީ މެޗުގައި ނުކުޅުނު މުހައްމަދު ސަލާހު އާއި ސާޑިއޯ މާނޭގެ އިތުރުން ރޮބާޓޯ ފިރްމީނިއޯގެ ނުރައްކާތެރި ޓްރިއޯއާ އެކު އެ ޓީމުން މެޗު ފެށި ނަމަވެސް މެޗުގެ 47 ވަނަ ސިކުންތުކައި ޓޮޓެންހަމުގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފަ އެވެ. އެ ގޯލާ އެކު ހެރީ ކޭން ވަނީ ޓޮޓެންހަމަށް 174 ގޯލު ހަމަކޮށް އެ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން މާޓިން ޗިވާސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ލިވަޕޫލާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗ 1-2 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// އޭޕީ

އެއާ އެކު ލިވަޕޫލުން މެޗު އުނދަގޫ ހާލަތެއްގައި ފެށި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ މެޗު ކޮންޓްރޯ ކޮށް ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް އެ ހާފު ނިމެންދެން ޓޮޓެންހަމުން ވަނޫ ލިވަޕޫލަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފަ އެވެ.

ލިވަޕޫލަށް އެ މެޗުގައި ގޯލު ހުޅުވައިދިނީ ދެވަނަ ހާފު ފެށިގެން 52 ވަނަ މިނަޓުގައި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އެއަށްފަހު ލިވަޕޫލް މޮޅުކޮށްދިން ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ ސަލާހު އެވެ. މިއީ އޭރިއާތެރެއިން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ޓޮޓެންހަމްގެ ސާޖް އޯރިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ފަހަތުން އަރައި ހަނިގޮތަކަށް ލިވަޕޫލް ރޭގެ މެޗުން މޮޅުވި ނަމަވެސް ވާދަވެރި އާސެނަލަސް ދިމާވީ ދިމާ އިދިކޮޅަށެވެ. އާސެނަލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ކްރިސްޓަލް ޕެލަސްއާ 2-2 އިން އެއްވަރުވެފަ އެވެ.

އާސެނަލުން އެ މެޗު ފެށީ ވަރުގަދަޔަށެވެ. މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ސޮކްރަޓިސް ޕަޕަސްތޮޕަލަސް އާއި ޑޭވިޑް ލުއިޒްގެ ގޯލުތަކުން އާސެނަލް ވަނީ ލީޑު ފުޅާކޮށްފަ އެވެ. ނަމަވެސް އެއަށްފަހު ވެސް އާސެނަލް ކުޅުނީ ޕްރެޝަރުގަ އެވެ. ނަތީޖާއެއްގެ ގޮތުން ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ލޫކަ މިލިވޯޔެވިޗާއި ޖޯޑަން އަޔޫ އެވެ.

މި ނަތީޖާ އާ އެކު އާސެނަލް ތާވަލުގެ ފަސް ވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ދަށް ކުޅުމެއް ދެއްކުމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ނޯވިޗް ސިޓީ އަތުން މޮޅުވެފަ އެވެ.

އެ މެޗުން ޔުނައިޓެޑް ނޯވިޗް އަތުން މޮޅުވީ 1-3 ގެ ނަތީޖާ އަކުންނެވެ. ގޯލުތައް ޖެހީ އެންތޮނީ މާޝިއަލް އާއި މާކަސް ރަޝްފޯޑުގެ އިތުރުން ސްކޮޓް މެކްޓޮމިނޭ އެވެ. އެ މެޗުގައި ރަޝްފޯޑް އަދި މާޝިއަލް ދެ ކުޅުންތެރިން ވެސް ވަނީ ޕެނަލްޓީއެއް މިސް ކޮށްލައިފަ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ 10 މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ.

comment ކޮމެންޓް