ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އަޑިޕާކް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިހާރު ހިންގަމުންދާ މަޝްރޫއުގެ ތެރެއިން އެތަނުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ބިޑް ކޮމިޓީއިން ކުރަނިކޮށް އެ އިމާރާތް ހެދުމުގެ މަސައްކަތް ކުރަން ފެށި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އަޑިޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ގާޑް ބްރިޖަކާއި ފާހާނާ ބަރިއެއްގެ އިތުރުން އެންޓްރެންސް ކެނޮޕީއެއްގެ އިތުރުން ލައިފް ގާޑް ޓަވަރެއް އެޅުން ހިމެނެ އެވެ.
މެދު ހެންވޭރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު އަދި ބިޑް ކޮމެޓީގެ މުގައްރިރު އަހުމަދު ނިޔާޒް "ސަން" އަށް މިއަދު ވިދާޅުވީ އެތަންތަން ތަރައްގީކުރަން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބިޑް ކޮމެޓީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރުވެސް އެތަނުގެ ބިންގާ އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިޑް ކޮމެޓީއަށް އެކަން ހުށަހެޅީމަ އަޅުގަނޑުމެން އެދުނީ އެކަމަށް ބަޖެޓް ފާސްކޮށްގެން ކުރިއަށް ގެންދިއުމަށް. އެކަމަކު އަދި ނީންނާނެ ބިޑް ކޮމެޓީން އަދި ނެތް ގައިމުވެސް އެއްވެސް ބަޔަކާ އެކަން ހަވާލުކޮށްފަ. އެހެން އެކަންއޮއްވަ ދެން މި ފެންނަނީ އެތަން އިމާރާތްކޮށް ނިމޭތަން." ނިޒާޔް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަސައްކަތް ބަޔަކާ ހަވާލުކުރަން ކައުންސިލްގެ ބިޑް ކޮމެޓީއަށް ހުށަހެޅިއިރުވެސް އެ މަސައްކަތް ވަނީ އަމީން ކޮންސްޓްރަކްޝަންއިން ކުރަންފަށާފައި ކަމަށެވެ.
"ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާއަށް މަސައްކަތް ބިޑް ކޮމެޓީއަށް ގެނައީވެސް ތިން ކޯޓޭޝަންއާއެކު. އެހެންނަމަވެސް ތިން ކޯޓޭޝަނަކުން ނުފުދޭ މިހާ ބޮޑު އަގަކަށް. އެކަން ކުރިއަށް ގެންދަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން،" ފަޒީން ވިދާޅުވި އެވެ.
ފަޒީން ވިދާޅުވީ ގެނެސްފައިވާ ތިން ކޯޓޭޝަންގެ ތެރެއިން މަތީ އަގު ހިމެނޭ ދެ ކޯޓޭޝަން ހަދާފައިވަނީ އެއްފޯމެޓަކަށް ކަމަށެވެ.
ފަޒީން މިއަދު ވަނީ އެ މައްސަލަ މާލޭ ސިޓީ ކައުންސިލްއިން ހިންގާ މީޑިއާ ވައިބާ ގްރޫޕްގައިވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް އިރުކޮޅެއް ނުވެ ފަޒީން ވަނީ އެ ގްރޫޕުންވެސް ބޭރުކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްއަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތުން ނުވެފަ އެެވެ. އަދި މޭޔަރު ޝިފާ މުހައްމަދު ފޯން ނިއްވާލައިފައި އޮތުމުންވެސް ވަނީ އޭނާގެ ބަހެއްވެސް ނުލިިބިފަ އެވެ.