އޮސްޓްރޭލިއާ ސްކޫލަކާ ގުޅިގެން ކިހާދޫގައި ޕްރޮގްރާމެއް

ކިހާދޫ ސްކޫލް ދަރިވަރުންނާ އޮސްޓްރޭލިއާ ސްކޫލް ދަރިވަރުންނާ ދެމެދު ބޭއްވި ސްކައިޕް ސެޝަންގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޮސްޓްރޭލިއާގެ ރޮކްސް ބަރަރ ރައިޒް ޕްރައިމަރީ ސްކޫލާ ގުޅިގެން ބ. ކިހާދޫގައި ސްކޫލުގައި ޕްރޮގްރާމެއް ހިންގަން ފަށައިފި އެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު "ސަން" އަށް ރޭ ވިދާޅުވީ އެ ޕްރޮގްރާމްއަކީ “ދެމެހެއްޓެނިވި ތަރައްގީއަށް އަމަލުކުރުމަށް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

" އާ މަންހަޖުގެ ތެރޭގައިވެސް ހިމެނޭ އެބަ ދެމެހެއްޓެނިވި ތަރައްގީއާ ތިމާވެއްޓާ މިކަހަލަ ކަންތަތައްތައް. ދެން މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ރޮންޑާ ޑިބައެސޭ" ޒުބައިރު ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ދަށުން އޮސްޓްރޭލިއާގެ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނާ ކިހާދޫ ސްކޫލުގެ ދަރިވަރުންނާ ދެމެދު " މައުލޫމާތު" ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެ ސްކޫލުގެ ދަރިވަރުން މުއާމަލާތް ކުރަން އީމެއިލް ބޭނުންކުރާ ކަމަށާއި އަދި ދާދި ފަހުން ސްކައިޕްއިން ސެޝަނެއް ނަގާފައިވާ ކަމަށްވެސް ޒުބައިރު ވިދާޅުވިއެވެ.

" އޮސްޓްރޭލިއާގެ އެ ސްކޫލަކީ ތިމާވެއްޓާ ރައްޓެހި ސްކޫލެއް. އެތަނުގައި ދަރިވަރުން އެބަ ގަސްކާނާ ފަދަ ތަކެތި ތައްޔާރުކުރޭ. ސްކޫލުގެ ގޯތި ތެރޭގައި މޭވާ ތަރުކާރި ގަސް ހައްދާ. ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ކެމްޕޭން ހިންގާ. އަޅުގަނޑުމެންވެސް އެ ސްކޫލް މިސާލަކަށް ބަލައިގެން ކަންތައްތއް ރާވައިގެން ކުރުން އަމާޒަކީ" ޒުބައިރު ވިދާޅުވިއެވެ.

ރޮކްސް ބަރަރ ރައިޒް ޕްރައިމަރީ ސްކޫލްއިން ހިންގާ ހަރަކާތްތަކުގައި އެ ސްކޫލުގެ ދަރިވަރުން----

އޮސްޓްރޭލިއާގެ ރޮކްސް ބަރަރ ރައިޒް ޕްރައިމަރީ ސްކޫލްގައި 800 ކުދިން ކިޔަވައެވެ. އަދި ކިހާދޫ ސްކޫލުގައި 114 ކުދިން މިހާރު ކިޔަވަމުން ދެއެވެ.

comment ކޮމެންޓް