ގާނޫނާ ހިލާފަށް އެއްވުން ބާއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

އޮކްޓޫބަރ 25، 2019: އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓުު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލާ މާލޭގައި ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެންއިން) އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލައި އަދި ރިޕޯޓް ލިޔުން ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި ފަހަކަަށް އައިސް ދަނީ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް މާލެއާއި އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތަކެއް ވަނީ ބާއްވައިފައެވެ.

އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު އެ ރިޕޯޓް އިލްމުވެރިންގެ ކޮމެޓީއަކުން މިހާރު ދަނީ ދިރާސާވެސް ކުރަމުންނެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިހާރަަކަށް އައިސް "ސުލްހަވެރިކަމާއެކީ އެއްވެ އުޅުމުގެ" ގާނޫނާ ހިލާފަށް އެއްވުންތައް އިންތިޒާމްކޮށް ގާނޫނަ ހިލާފަށް އަމަލުކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

އެގޮތުން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި، އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށް އުޅަނދުބުރުތައް ބޭއްވުމުގެ ހަރަކާތްތައް ފެންނަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތްކުރަމުންދާތަން ފެންނަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ ގާނޫނާ ގަވައިދުގެ ތެރެއިން ބާއްވާ އެއްވުންތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ އެއްވުންތައް ބާއްވާ މަގުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

" އެހެންކަމުން "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުން" ލިބިދޭ މިނިވަންކަން ބޭނުންކުރުމުގައި ގާނޫނީ އިމުގެ ތެރެއިން އެއްމެހާ ކަންތައްތައް ކުރުމަށް އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަށާއި އެއްވުމުގައި ބައިވެރިވަ ފަރާތްތަކަށް މިސާވިސްއިން އިލްތިމާސްކުރަމެވެ. އަދި ގާނޫނާ ހިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހާއެކު މާލޭގައި ފުލުހުންގެ ހުއްދައެއް ނެތި އެއްވެން ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ. ނަމަވެސް ފުލުހުންގެ ހުއްދަލިޔުމުން ލިބިގެން ހިނގާލުމާއި ފުޅަނދު ބުރު އަދި އެއްވުންވެސް އެ ހުއްދަ ދޭ ސަރަހައްދު ތަކުގައި ބޭއްވޭނެ އެވެ.

comment ކޮމެންޓް