ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޕީއެސްއެމް އިން ދޮގު ކޮށްފި އެވެ.
ޕީއެސްއެމްގެ ލައިވް ޕްރޮގްރާމުތަކަށް ދީނީ އިލްމުވެރިން ނޭރުވުމަށް ސަރުކާރުން އަންގާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
ނަމަވެސް އެކަން ދޮގު ކުރައްވާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު މިއަދު "ސަން"އަށް ވިދާޅުވީ ސަރުކާރުގެ އެއްވެސް ޕްރެޝަރެއް އެތަނަށް ނެތް ކަމަށެވެ.
އަލީ ހާލިދު ވިދާޅުވީ މިހާރުވެސް ޕީއެސްއެމްގެ ޕްރޮގްރާމުތަކަށް ދީނީ އިލްމުވެރިން އަރާކަމަށާއި އެކަން މަނާކުރުމަށް ރައީސް އޮފީހުން އެއްވެސް އެންގުމެއް ނާންގާ ކަމަށެވެ.
"އެއްވެސް އިރެއްގައި ޓީވީއެމް އިން ދީނީ ޕްރޮގްރާމުތައް ލައިވްކޮށެއް ނުގެނެސްދޭ. ގެނެސްދިނަސް ރޭޑިއޯ އިން އެފަދަ ޕްރޮގްރާމުތައް ލައިވް ކުރަނީ،" އަލީ ހާލިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ އިވެންޓުތައް ޓީވީއެމް އިން ލައިވް ކުރަން އެދޭ ކަމަށާއި ނަމަވެސް އެފަދަ ފުރުސަތުތައް ދެވެން އަންނަނީ ތަނުގެ ޝެޑިއުލް އާއި އޯޑިއަންސް އިންޓްރެސްޓަށް ބަލާފައި ކަމަށެވެ.
ޕީއެސްއެމް ގެ ލައިވް ޕްރޮގްރާމުތަކަށް ދީނީ އިލްމުވެރިން ނޭރުވުމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް ބުނެ ވާހަކަ ދެކެވެމުންދަނީ މޯލްޑިވިއަން ޑިކޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓައި ގުޅިގެން ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިން ގޮވާލަމުން ދާ ދަނޑިވަޅެއްގަ އެވެ.
މި ކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.
އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެމްޑީއެންގެ މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.
އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެމްޑީއެން ސަސްޕެންޑްކޮށްފަ އެވެ.