ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކާ ދޭތެރޭ އިހާނެތިކޮށް އަމަލުކުރި ޓީޗަރަކު 30 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ސޯޝަލް މީޑީއާގައި މިހާރު ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ސްކޫލުގެ އެހެން ދަރިވަރުންނާއިރު ސަފުގައި ހުންނައިރު އޭނާ ކައިރީގައި ހުންނަ ޓީޗަރަކު އެ ދަރިވަރާ ދިމާއަށް އަތް ދިއްކޮށް މޫނުގައި އަތުން ޖަހައި ކޮއްޕާލައެވެ.
މި ހާދިސާ ހިނގީ ވ. ފުލިދޫގައި ހުންނަ ވ. އަތޮޅު ސްކޫލުގައެވެ.
ފުލިދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލްމުއުމިން "ސަން"އަށް މިރޭ ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ މިދިޔަ އޯގަސްޓް މަހު ކުރީކޮޅުގައި ކަމަށެވެ.
"އެ ދަރިވަރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވިޔަސް ގެންގުޅެމުން އައީ އެހެން ކުދިންނާ އެކީ އެއް ކްލާހެއްގައި. ދެން އެ ޓީޗަރުގެ އެއްވެސް މައްސަލައެއް މީގެ ކުރިން ހުށަހަޅާފައެއް ނުވޭ. އެ ދަރިވަރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވާތީ ކްލާހުގައި އިތުރު ޓީޗަރެއްވެސް ހުންނާނެ ދަރިވަރު ބަލަން،" ޕްރިންސިޕަލް ވިދާޅުވިއެވެ.
މުއުމިން ވިދާޅުވީ އިހާނާތްތެރިވީ ކަމަށް ބުނާ ޓީޗަރުގެ މައްސަލަ 30 ދުވަސްތެރޭ ތަހުގީގުކޮށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންގައިފައިވާ ކަމަަށެވެ. އަދި އެ މުއްދަތަށް އެ ޓީޗަރު ސަސްޕެންޑުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރު ދިރިއުޅެމުންދަނީ އޭނާގެ މާމައާއެކުއެވެ. އަދި އެ ދަރިވަރަކީ ޖެންޑާ މިނިސްޓްރީން ގަވައިދުން ބަލައި މޮނީޓާކުރުމުންދާ ކުއްޖެއްކަން އެނގިފައިވެއެވެ..
އެ މައްސަލަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ސަމާލުކަމަށް އައުމާއެކު ޓުވީޓު ކުރައްވައި ވިދާޅުވީ ކުޑަކުދިންނަށް އިހާނަތިކޮށް ހެދުމަކީ ވަަރަށް ބޮޑު ކުށެއް ކަމަށާއި އެކަމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ވަނީ ފިޔަވަޅު އަޅަން ފަށާފައި. ދަރިވަރުންގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދޭ އެއްކަންތައް." މިނިސްޓަރު ވިދާޅުވިއެވެ.