ދަގަނޑުގެ ބައި މަދުވުމުން ތައިރޮއިޑަށް ކުރާ އަސަރާބެހޭ ބޮޑު ދިރާސާއެއް ކުރަނީ

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ - ސަން ފައިލް ފޮޓޯ

ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުން ތައިރޮއިޑުގެ މައްސަލަތަކާ ހުރި ގުޅުން ބެލުމުގެ ގޮތުން ބޮޑު ދިރާސާއެއް ރާއްޖޭގައި ކުރަން ނިންމައިފިއެވެ.

އެ ދިރާސާ ކުރައްވަނީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލްގެ ޑީން ޑރ. ޝީޒާ އަލީއެވެ.

ޝީޒާ "ސަން" އަށް މިރޭ ވިދާޅުވީ މިއީ ރާއްޖޭގައި އެފަދަ މައްސަލައަކާ ގުޅޭގޮތުން އެހާ ފުޅާގޮތެއްގައި ދިރާސާ ކުރާ އެންމެ ފުރަތަމ ފަހަރު ކަމަށެވެ.

އެ ދިރާސާ ކުރުމަށް ގައުމީ ޔުނިވާސިޓީން އެހީގެ ގޮތުގައި 981,495.00 ރުފިޔާ ޝީޒާއަށް ވަނީ ދީފައެވެ.

" ރާއްޖޭގައި އާންމުކޮށް ވަރަށް ގިނައިން ފެންނަކަމެއް ތައިރޮއިޑްގެ މައްސަލަތައްވެސް މިއީ. ދެން ހަމަ ލޭ މަދުވުން. ދަގަނޑުގެ ބައި މަދުވުން. ދެން މި ދެ ކަންތަކުގައި ބައެއް ގައުމުތަކުގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާގޮތުން ގުޅުމެއް އޮވޭ. މިސާލަކަށް ދަގަނޑުގެ ބައި މަދު މީހުންގެ ތައިރޮއިޑް ހޯމޯން އުފައްދާ މީހުންގެ މަދު" ޑރ. ޝީޒާ ވިދާޅުވިއެވެ.

ޑރ. ޝީޒާ ވިދާޅުވީ އެކި ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކާ އެއްގޮތަށް ދަގަނޑުގެ ބައި މަދުވުމުން ތައިރޮއިޑް އުފައްދާ މިންވަރު ރާއްޖޭގައި ދަށްވެއްޖެކަމަށް ފާހަގަވެއްޖެނަމަ ދަގަނޑުގެ ބައި ދީގެން ތައިރޮއިޑްގެ މައްސަލަ ރާއްޖޭގައި ހައްލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

" އޭރުން ނުޖެހޭނެ ކޮންމެހެން ތައިރޮއިޑް ހޯމޯން ނަގާކަށް،" ޑރ. ޝީޒާ ވިދާޅުވިއެވެ.

އެ ދިރާސާގައި ސާމްޕަލް ނަގާނީ އައިޖީއެމްއެޗްއަށް ޓެސްޓު ހަދަން ދާ ބޭފޫޅުންގެ ޑޭޓާތަކުން ކަމަށްވެސް ޑރ. ޝީޒާ ވިދާޅުވިއެވެ. އަދި އެ ދިރާސާ އަންނަ އަހަރު ނިންމާ ޕަބްލިޝްކުރެވޭވަރުވާނެ ކަަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

comment ކޮމެންޓް